މީގެ 21 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައި މަރާލައިފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ ގާތިލް އަބްދުﷲ ޒުހެއިރު މަރުވެފައި އޮއްވާ ފެނިއްޖެްއެވެ. އަދި މިހާރު ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދަނީއެވެ.

ކ ދިއްފުށީ އުތުރު ފަރާތު ބީޗުގައިހުރި ޖޯއްޔެއްގައި ހަބަރު ހުސްވެފައި އޮތް މީހެއް ފެނިގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މިއަދު 12:20 ހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީޑިޔާތަކަށް މައުލޫމާތު ހިއްސާކުރަމުން އަންގާފައެވެ. ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް މަރު ވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ. މަރު ވެފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އޭރު ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ފަހުން ފުލުހުން ވަނީ އެއީ ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް މަރާލި ކަމުގެ ކުށް ސާބިތުވެގެން ޖަލުގައި 11 އަހަރު ވީތަނާ ޖަލުން ދޫކޮށްލި، ޢަބްދުالله ޒުހައިރު ކަމަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އަބްދުﷲ ޒުހައިރަކީ އުފަން ކޮންރަށެއްގެ މީހެއްކަން ސީދާ ނޭނގުނު ނަމަވެސް އޭނާގެ ރަޖިސްޓަރީ އޮންނަނީ މާލެ ދަފްތަރުގައެވެ. އަދި އޭނާ ދިރިއުޅެމުން އައީ ކ. ދިއްފުށީ މީހަކާ ކައިވެނިކޮށްގެން އެރަށުގައެވެ. ޒުހެއިރުގެ މަރުގެ ހަބަރާއެކު ދިއްފުށްޓަށް ދިޔުމަށް ދަތުރު ފެށި ފުލުހުން ވަނީ އެރަށުގައި ޒުހެއިރުގެ މަރުގެ ކަންތައްތަކާ ބެހޭ ގޮތުން ބަލަންޖެހޭ ކަންތައް ބެލުމާއި އަދިވެސް އެހެނިހެން އެފަދަ ކަންތައްތަކުގައި އެރަށުގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުން ކަމަށް ކ ދިއްފުށީ ކައުންސިލް ރައީސް އިބްރާހީމް ސުނިލް ވަނީ ޔަގީންކޮށްދީފައެވެ.

ޒުހެއިރު މަރުވެފައި ވަނީ މަސްތުވާ ތަކެއްޗަށް އޯވަޑޯޒް ވެގެން ކަމަށް ފެތުރެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން "ހަލި" ނޫހުން ކޮށްލި ސުވާލަށް ޖަވާބު ދެއްވަމުން ދިއްފުށީ ކައުންސިލް ރައީސް އިބްރާހީމް ސުނިލް ވިދާޅުވެފައި ވަނީ އެކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވަން އެނގޭނީ އެފަދަ ކަންތައް ތަހުގީގު ކުރައްވާ ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން ޒުހެއިރު މަރުވީ މަސްތުވާތަކެއްޗަށް އޯވާޑޯޒް ވެގެންކަމަށް ފެތުރޭ ވާހަކަތަކުގެ ތެދުދޮގު އޮޅުން ފިލުވުމަށް "ހަލި" ނޫހުން ފުލުހުންނަށް ގުޅޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ. މިހާރު އާއިލާއިން ބޭނުންވާތީވެ ޒުހެއިރު ވަޅުލުމުގެ ކަންތައް ކުރިއަށް ދާން ފަށައިފިކަންވެސް ކައުންސިލް ރައީސް ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު އަޒްލީނާ އަނިޔާވެރިކަމާ އެކު އޮފީހުގެ ފާހާނާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނީ އޭޕްރީލް 5، 2001 ގަ އެވެ. އަޒްލީނާ މަރާލިކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާން ޒުހައިރަށް ހުކުމް ކޮށްފައި ވަނީ 2002 ވަނަ އަހަރު އެވެ. އޭގެ 11 އަހަރު ފަހުން، 2013 ވަނަ އަހަރު އޭނާ ވަނީ ޖަލުން މިނިވަން ވެފައެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން އައީ ދިއްފުށީ މީހަކާ ކައިވެނި ކޮށްގެން ދިއްފުށީގައެވެ. މަރުވި އިރު ޒުހެއިރުގެ އުމުރަކީ، 48 އެވެ.

މުޅި ރާއްޖެ އަށް ސިހުން ގެނުވި އަޒްލީނާގެ މަރުގެ މައްސަލާގައި ޒުހައިރުއާ ބައިވެރިވި ކަމުގެ ކުށް ސާބިތުވެ އިތުރު ދެ މީހަކު ވެސް ޖަލަށް ލާން ހުކުމް ކުރި އެވެ. އެކަމަކު، އެ ދެ މީހުން ޖަލަށް ލައިފައި ވަނީ އަޒްލީނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެގެންނެއް ނޫނެވެ. ޒުހައިރާއި އަޒްލީނާ އޭރު މަސައްކަތް ކުރަމުން ދިޔައީ، ވަޒީފާ އަދާ ކުރަމުން ދިޔައީ އެއް އޮފީހެއްގައެވެ.