ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުންގެ މައްސަލަ ހައްލު ކުރެވޭތޯ ޕީޖީ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެކަމަށް ދެން އޮތް ގޮތަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައުލޫމާތު އާންމުންނަށް ފެންނާނެހެން ހާމަކުރުން ކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމްވިދާޅުވެއްޖެއެވެ. މިގޮތަށް ބަންދުކުރުމަށް "ވާނުވާ" މުއްދަތޭވެސް ގައިދީން ކިޔައިއުޅެއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ އަބަދުވެސް، ކޮންމެ ނޫސްކޮންފަރެންސެއްގައި ކޮންމެ ނޫސް އާޓިކަލްއެއްގައިވެސް ދައްކަވާ، ހާމަކުރައްވާ ވާހަކައަކީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މުއްދަތް ދިނުމަށްފަހު އެތައް އެތައް ދުވަހެއް ވެގެންދާއިރުވެސް ޝަރީއަތްތައް ނުފެށި ނުވަތަ ނުނިމި އޮތުން ކަމަށް ހާމަ ކުރައްވަމުންނެވެ.

"ގާނޫނަށް ބަދަލު ގެނެސްގެން އެކަން ކުރެވޭތޯ އުޅެފިން. ރިވިއުކޮށްގެން، އިންޓާނަލް ރިވިއު އެކްސްޓާނަލް ރިވިއު، މިހެން ގޮސް މިކަމާ ބެހޭ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއްހެން ކުރެވިއްޖެ." ޝަމީމް ވިދާޅުވީ މިދިޔަ އަހަރުތެރޭގައި ޕީޖީއިން ވާނީ ޖުޑީޝަރީއާއެކު ހާއްސަ ޕްރޮގްރާމެއްވެސް ހިންގާފައި ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެތައް ބައެއްގެ މައްސަލަ ނިންމޭތޯ ބެލުމަށްޓަކައި ހަތަރު މަސް، ފަސްމަސް ވަންދެން ހިންގުމުން ލިބުނު ނަތީޖާ އެހާ ރަނގަޅު ނޫންކަމަށެެވެ. އެހެންކަމުން އަލުން އެޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމީ ކަމަށެވެ.

މިކަމަށް ހައްލެއް ގެނެވޭތޯ ކޮންމެވެސް ކަމެއް ކުރަން މިކަމަށް ހައްލު ގެނައުމަށް ކުރުމަށްޓަަކައި ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއް ފޮނުވާފައިވާނެކަމަށެވެ. އެރިޕޯޓުގައި ޕީޖީއިން ބޭނުންވާ ކުރަން ގަސްތު ކުރާ ކަންތައް ހުށަހަޅާފައި ވާނެކަމަށެވެ. އޭގެ ތެރޭގައި ކައިރި މުސްތަގުބަލެއްގައި މިވަގުތު ބަންދުގައި ތިބި ހުރިހާ އެންމެންގެ ނަންތަކާއި އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކާއި އެންމެ ފަހުން އަޑުއެހުމެއް ބޭއްވިީ ކޮން ދުވަހަކުތޯއާއި ދެން އަޑުއެހުމެއް ތާވަލު ކުރެވިފައިވާ ދުވަހަކާއި އެމައްސަލަ ބައްލަވާ ފަނޑިޔާރުގެ ނަމާއި މިމައުލޫތު އާންމުކުރުމަށެވެ.

"އަޅުގަނޑުމެން އެމައުލޫމާތު އާންމު ކުރާނީ ރިއަލް ޓައިމްކޮށް ގޮތަށް. މާނައަކީ މިއަދަށް ޝެޑިއުލް ކުރެވުނަސް އެ ވެބްސައިޓުން އަޕްޑޭޓް ވާގޮތަށް އެފެންވަރަށް އެކަން ކުރެވޭތޯ މިމަސައްކަތް ކުރަނީ."

ޝަމީމު ވިދާޅުވި ގޮތުގައި މިއީ އަބަދުގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޝާރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު އެ ބަންދު ކުރެވުނު މީހާ އަހަރުތަކެއް ވާއިރުވެސް ބަންދުގައި ޝަރީއަތް ނުނިމި ތިބުމުގެ މި މައްސަލައަކީ އެތައް މަސައްކަތެއް ކޮށްގެންވެސް ހައްލު ނުވާ މައްސަލަތަކުގެ ތެރެއިން ކަމެއް ކަމަށެވެ. މިހާރުދެން މިކަމަށް އޮތް ހައްލެއް ކަމަށް ފެންނަނީ މިގޮތަށް މައުލޫމާތު އާންމު ކުރުންކަމަށެވެ. އޭރުން ކޮން މައްސަލައެއްގެ ކާކުތޯ ބަންދުގައި ހުރީ، ތުހުމަތު ކުރެވެނީ ކޮން ކުށެއްގައިތޯވެސް ފެންނާނެކަމަށެވެ. ޝަމީމު ވިދާޅުވީ މިހާރުވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ 110 މީހުން މައްސަލަ ނުނިމި ބަންދުގައި ތިބިއިރު މަރުގެ މައްސަލަތަކުގަ ހިމެނޭ އެތައް ބައިވަރު ބަޔަކު އެބަތިބި ކަމަށެވެ، މައްސަލަ ނިމުން އަވަސްވާ ވަރަކަށް ސާބިތުވުމުގެ ފުރުސަތު ބޮޑުމާއި ލަސްވާ ވަރަކަށް، ހެކިން ހާޒިރު ކުރުމަށް އުނދަގޫވެ، އެހެން ކަހަލަ ނުފޫޒުތައްވެސް އެކަމުގެ ތެރެއަށް ވަނުން ފަދަ އެތައް ހުރަހެއް އެޅޭ ކަމަށެެވެ. މައްސަލަ އަވަހަށް ނިމުމަކީ ހުރިހާ އެންމެންގެވެސް މަސްލަހަތު އޮތްކަމެއް ކަމަށެވެ. މިއީވަރަށް ބޮޑު ހަގީގަތެއްކަމަށް ޝަމީމު ފާހަގަ ކުރެއްވިއެވެ.

މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް އަވަހަށް ނިމުނީމަ މީހުން ބަންދުގައި ތިބެން މިންވަރުވެސް މަދު ކަމަށެވެ. އޭރުން ދެން ހުކުމާމެދު ހިތްހަމަނުޖެހޭނަމަ އެފަރާތަކުން ހައިކޯޓަށް ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅަންވީ ކަމަށްވެސް ޕީޖީ ޝަމީމު ވަނީ. މިއަދު މެންދުރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.