ކްރަބާއޯ ކަޕުގެ ފައިނަލުގައި މިރޭ ނިއުކާސަލް ޔުނައިޓެޑް 0-އިން ބަލިކޮށް، ތަށްޓެއް ކާމިޔާބު ކުރުމަށް 6 އަހަރު ވަންދެން ސަޕޯޓަރުން ކުރި އިންތިޒާރަށް ނިމުން ގެނެސް މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑުން އެކްލަބުގެ ސަޕޯޓަރުން މިރޭ ހެއްވާލައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކެސެމީރޯ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑަކީ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފާޑް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ނިއުކާސަލްގެ ސްވެން ބޮޓްމަން ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ބައިކޮޅަށް ވަން ލަނޑެކެވެ.

އަނެެއްކޮޅުން މިއީ މިސީޒަނުގައި ޔުނައިޓެޑުގެ ކޯޗްކަމާ ހަވާލުވި ނެދަލޭންޑްސްގެ އެރިކް ޓެންހާގުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކާމިޔާބު ފުރަތަމަ މުބާރާތްވެސްމެއެވެ.

ޔުނައިޓެޑަށް މިސީޒަނުގައި އަދި ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ އިނގިރޭސި އެފްއޭ ކަޕާއި ޔުރޮޕާ ލީގާއި އިނގިރޭސި ޕްރިމިއަރ ލީގެވެ. ކޯޗް ޓެންހާގުގެ އިރުޝާދުގެ ދަށުން ޓީމު ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން މިތިން ތަށިވެސް ޔުނައިޓެޑަށް ކާމިޔާބު ކުރެވޭނެ ކަމަށް އެކްލަބުގެ ސަޕޯޓަރުން ގަބޫލް ކުރެއެވެ. ހާއްސަކޮށް އެފްއޭ ކަޕާއި ޔުރޮޕާ ލީގާއިމެދު ކްލަބުގެ ސަޕޯޓަރުންގެ އުއްމީދު ބޮޑެވެ.

ފައިނަލް މެޗަށްފަހު މީޑިޔާއަށް ދިން 12 މިނެޓުގެ އިންޓަވިއުގައި ޓެންހާގް ބުނީ މެޗް ކާމިޔާބު ކުރެވުނީ ކުޅުންތެރިންގެ ރޫހު ރަނގަޅުވުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ޓެންހާގް ބުނީ ކެސެމީރޯ އާއި ރަފޭލް ވަރާން އަދި ކީޕަރު ޑެހެއާއަކީ ފައިނަލް މެޗުތައް ކާމިޔާބު ކުރުމުގެ ތަޖުރިބާ ހުރި ކުޅުންތެރިންނަށް ވުމަކީ އޭނާއަށް ލިބުނު އެޑްވާންޓޭޖެއް ކަމަށެވެ.

"އަހަރެމެން ކުރަމުން މިދަނީ މެންޗެސްޓަރ ޔުނައިޓެޑް އަލުން އަނބުރައި ގެނައުމުގެ މަސައްކަތް. އެމަސައްކަތް ކުރިއަށްދާނީ ތަށިތައް ކާމިޔާބު ކޮށްގެން" ޓެންހާގް ބުންޏެވެ.