ފްރާންސްގެ ދެތަރިން ކަމުގައިވާ ކިލިއަން އެމްބައްޕޭ އާއި ކަރީމް ބެންޒީމާ ފަހަތަށް ޖައްސާލުމަށްފަހު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ރޭ ހޯދައިފިއެވެ.
ފްރާންސް ރައްޔިތުން ރޮއްވާލުމަށްފަހު އެންމެފަހުގެ ވަރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މެސީ "ފީފާ ބެސްޓް އެވޯޑް" ހޯދީ %52 ވޯޓް ހޯދައިގެންނެވެ. އެމްބައްޕޭއަށް ލިބުނީ %44 ވޯޓެވެ. ތިންވަނައަށް ބެންޒީމާ ދިޔައީ %34 ވޯޓާއެކުއެވެ.
މިއީ "ފީފާ ބެސްޓް އެވޯޑް" މެސީ ކާމިޔާބު ކުރި 2 ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް މެސީ ވަނީ މިއެވޯޑް ހާސިލް ކޮށްފައެވެ.
ފީފާއިން ހޮވި މޮޅު ކޯޗުގެ މަގާމް ލިބުނީ ފްރާންސް ބަލިކޮށް އާޖެންޓީނާއަށް މިދިޔަ ވަރލްޑް ކަޕް ކާމިޔާބު ކޮށްދިން ލިއޮނަލް ސްކަލޯނީއަށެވެ. މޮޅު ކީޕަރުގެ މަގާމް ލިބުނީ ވަރލްޑް ކަޕުގެ މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒްއަށެވެ. ސަޕޯޓަރުގެ އެވޯޑް ހޯދީ އާޖެންޓީނާގެ ސަޕޯޓަރުންނެވެ.