ރާއްޖޭގައި ފަގީރުން ނުތިބޭ ވާހަކަ އަޑު އިވެއެވެ. ފަގީރުން މި ކިޔަނީ އަނގައާ އަތާ ދިމާ ކުރެވޭ ފެންވަރު ނުހުންނަ މީހުންގެ ވާހަކައެވެ.

ގައިން ތާހިރުވެލާނެ ސައިބޯނި ކޮޅެއް، ބޮލުގައި އޮންނަ އިސްތަށިގަނޑުގައި ފުނާ އެޅުމުގެ ކުރިން ދޮވެ ތާހިރުކޮށްލާނެ ފަދަވެސް ހާލަކުން ފަހަރެއްގައި ލިބޭއިރު ލާ އަންނައުނުވެސް އެތާކުން އެއްޗެއް މިތާކުން އެއްޗެއް ކިރިޔާ ލިބިގެން އުޅޭ ވާހަކައެވެ. ބަލިވީމާ ބޭސްކޮށްލާނެ ލޯ ލާރިއެއް ނޯންނައިރު، ގޭގައި ދަރިންކޮޅު ގޮވައިގެން ނިދާނެ ތަންކޮޅެއްވެސް ނެތް ބިކަހާލުގައި ބަޔަކު އެބަ ތިއްބޭ ބުނީމާ ގަބޫލު ކުރެވޭތޯއެވެ؟

ގޭގެ ވަށައިގެން ހަތަރު ފާރު އެބަހުއްޓެވެ. އެކަމަކު ގޭގެ އެތެރޭގެ ހާލަތު ހިތަށް ސިފަވެސް ކޮށްލެވޭނެ ކަމެއް ނޭނގެއެވެ. ބުނެދިނަސް ގަބޫލު ކުރަން ސިކުނޑި އެއްބަސް ވާނެ ކަމެއް ނޭނގެއެވެ.

އެކަމަކު މިއީ ރާއްޖޭގެ ތަރައްގީވެފައިވާ އަތޮޅެއްގެ މީހުން ފުދުންތެރިކަމަށް ނަން އޮތް ރަށެއްގެ ގެއެއްގެ ވާހަކައެވެ. އެގޭގެ އާއިލާގެ ހާލަތުގެ ވާހަކައެވެ. އެއާއިލާގެ އިސް ފަރާތްކަމުގައިވާ ކުދިންގެ ބައްޕަ އަދި ފިރިމީހާ އެކުދިންގެ މަންމަ އާދެ ގޭގެ ބެލެހެއްޓުންތެރިޔާ، އޭނާގެ އަނބިމީހާ ގޮވައިގެން އިންޑިޔާގެ ހޮސްޕިޓަލެއްގައި ހާލަތުގެ ސިކުންތުތައް ގުނަމުންދާ ވާހަކައެވެ.

ސިޔާމާއާއި ސަމަދުގެ ގެ "ސްލިޕްގެ/ގދ ތިނަދޫ" ގެ ބޭރުން ގޭގެ ފާރާއި ވަންނަ ދޮރާށި؛--ފޮޓޯ:ވީޓް.މައުސޫމާ

މިއީ ގދ ތިނަދޫ އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތާއި އެއާއިލާ ދިރިއުޅެން ހުރި ފިޔަފާޅިގަނޑުގެ ނުވަތަ ގެ، "ސްލިޕްގޭގެ" ހާލަތު ކިޔައިދޭން އުޅޭ ވާހަކައެކެވެ. އަބްދުއްސަމަދު މިވަގުތު ހުރީ އޭނާގެ އަނބިމީހާ ސިޔާމާ ޒަރީރު ގޮވައިގެން އިންޑިޔާގެ ހޮސްޕިޓަލެއްގައެވެ. ސިޔާމާއަކީ މިއަދު އެއްފައިގެ ނިއުމަތުން މަހުރޫމުވެފައިވާ ފަރާތެކެވެ. ފަސް އަހަރު ކުރިން ސިޔާމާގެ ފަޔަށް ލިބުނީ ހަމަ ވަރަށްވެސް ކުޑަ ކުޑަ އަނިޔާއެކެވެ.

ސިޔާމާއާއި ސަމަދު؛ އިންޑިޔާގައި.--ސިޔާމާގެ ބުރިކޮށްފައިވާ ފަޔާއެކު.---ފޮޓޯ:ސިޔާމާގެ އެހީތެރިޔާ

އެހެންނަމަވެސް ކުރިން ދަންނަވާފައި އެވާ ބޭސްފަރުވާގެ ކަންތައް އެންމެ އެކަށީގެންވާ، އެދެވޭ ގޮތުގައި ނުލިބި ހުއްޓާ އެފައިގެ ހާލަތު ގޯސްވެ ފައި އިންފެކްޓް ވީއެވެ. ހުރި ފެންވަރަކުން ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ކުރަމުން ދިޔަ ނަމަވެސް ސިޔާމާމެންގެ ނިކަމެތި ހާލަތުގެ ރިހެމުން ދިޔަ ބަލިފައިގެ މައްޗަށް ފޮއި ވެއްޓުނީއެވެ. ކެތްތެރިވާން އާދަވެފައި އިން ސިޔާމާ ތަދާއި ވޭނަށް ކެތްކުރަމުން ގޮސް ކޮޅުންލީއެވެ.

އިންޑިޔާގައި.--ސިޔާމާގެ ބުރިކޮށްފައިވާ ފަޔާއެކު.---ފޮޓޯ:ސިޔާމާގެ އެހީތެރިޔާ

ގޯސްވެފައިވާ ފައިގެ ހާލަތު ބިރާއި ނުތަނަވަސް ކަމާއެކު ރެއާދުވާލުގެ ބަރުހެލި ދިރިއުޅުމަށް ބޮޑު ބުރައަކަށް ވެފައިވާ ވަރު އިހުސާސް ކުރެވުނީ ކެތްނުކުރެވޭ ވަރަށް ވޭން ބޮޑުވެގެން، އެތައް އާދޭހަކާއި ހިތްވަރަކާއެކު، އާސަންދައިގެ އެހީގައި މާލެ ގެނެސް ޑޮކްޓަރުންނަށް ދެއްކުނު ހިސާބުންނެވެ. އެކަމަކު އޭރު މާބޮޑަށްވެސް ލަސްވެއްޖެއެވެ. ކޮންމެ ކަމަކަށްވެސް ކަނޑައެޅޭ އެކަށޭނަ ވަގުތެއް އޮންނާތީ ސިޔާމާގެ ދެކުދިންނާއެކު ދިރިއުޅުމުގެ މިބުރަ ހާލުގައި ހާލަތުކޮޅަށް ނަގަމުން އައިސް ކެތްނުވާ ވަރުގެ ވޭނެއް އެޅި ފައި އޮތީ ނުރައްކާތެރި ކެންސަރުގެ ޝިކާރައަކަށް ވެފައެެވެ.

ސިޔާމާގެ ފިރިމީހާ އަބްދުއްސަމަދު ސިޔާމާއަށް ބޭސްކޮށްދޭތޯ އެހީއެއް ލިބޭތޯ ސަލާން ޖަހަމުން ކުރި ހިތްވަރުން ލިބުނު އެހީގައި ހެޔޮއެދޭ ބައެއްގެ އަޅާލުމާއި އިހުލާސްތެރިކަމާއެކުގައި ސިޔާމާ ގޮވައިގެން އިންޑިޔާގެ ޓްރިވެންޑްރަމަށް ދިޔައީ އެއީ އެވަރުގެ މީހުންނަށް ކިރިޔާ ވާނެ ވަރު ކަމަށް ވާތީއެވެ.

ތިނަދޫގައި ހުރި ސިޔާމާގެ ގެ "ސްލިޕްގެ/ގދ ތިނަދޫ" ....ފޮޓޯ:'ވީޓް،މައުސޫމާ

ޑޮކްޓަރުންގެ ކިބައިގައި ސިޔާމާއަށާއި އަބްދުއްސަމަދަށް ދޭނެ އުފާވެރި ހަބަރެއް ނެތެވެ. މާބޮޑަށްވެސް ލަސްވެ ވަގުތުފާއިތުވީއެވެ. ސިޔާމާގެ ވޭން އަޅަމުން ދިޔަ ފައި، ބޭކާރުވެ ހަށިގަނޑާ ވަކިކުރާން ޖެހުނީއެވެ. ކުރާނެ ކަމެއް ނެތެވެ. މިހިތި ވޭނުގައި މިވަގުތުވެސް އެދެމަފިރިން އެތިބީ ރައްޓެއްސެއްގެ އިހުލާސްތެރި އެހީތެރިކަމާއެކު ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށް އިންޑިޔާގައެވެ.

ހިތާމައިގެ މައްޗަށް ހިތާމައެވެ. ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ސިޔާމާގެ ފުއްޕާމޭގައި ކެންސަރުގެ އަސަރު 90 ޕަސެންޓު ފެތުރިފައެވެ. ޑޮކްޓަރުންގެ ޓެސްޓުތަކުގެ ނަތީޖާ މިގޮތަށް ދެއްކިއިރު ސިޔާމާމެންގެ އަތްމަތި ވަނީ ދަތިވެ ބޭސްފަރުވާ ނުކުރެވޭ ހިސާބަށް ގޮސްފައެވެ.

މިހިސާބުން މިނިމުނީއެއް ނޫނެވެ. ގދ ތިނަދޫގައި އިން ފުރާވަރަށް އަރަމުން އަންނަ އަންހެންދަރިފުޅު ގްރޭޑް 10 ގައި ތައުލީމު ހާސިލު ކުރަމުންދާއިރު ގޭތެރޭގެ ހާލަތު ހުރީ ކިހިނެއްކަމަށްތޯއެވެ!

ތިނަދޫގައި ހުރި ސިޔާމާގެ ގޭގެ އެތެރެ..ފޮޓޯ:'ވީޓް،މައުސޫމާ

ތިނަދޫގައި ހިންގާ ނޫހަކުން ދާދި އިހަކަށް ދުވަހު މިވާހަކަ ހިއްސާކޮށްފައިވުމުން އެރަށުގައި އޮންނަ "ވީޓް" ކިޔާ އަންހެނުންގެ ޖަމްއިއްޔާއަކުން މިއާއިލާއާ އެހީވުމަށް ނުކުމެއްޖެ ކަމަށް ހުވަދޫ ނޫހުގައި އޮތުމުން މި ޖަމްއިއްޔާ އާ ގުޅާ "ހަލި" ނޫހުން ވާހަކަ ދައްކާލީމެވެ. "ވީޓް" ގެ ފަރާތުން މައުލޫމާތު ދެއްވި ފަރާތުން ސިޔާމާއާއި ސަމަދުގެ ގެ، އެ ދެމަފިރިންގެ ދެކުދިންނާއި އެކުދިންގެ މާމަ، އާދެ ސިޔާމާގެ މާމަ އުޅޭ ގެ "ސްލިޕް"ގޭގެ ހާލަތު ކިޔައިދީ އެފަރާތުން "ހިދުމަތް"ކިޔާ ޖަމިއްޔާއަކާ ގުޅިގެން އެގޭގެ ހާލަތަށް އެހީވަމުން އަންނަ ކަމަށް ކިޔައިިދިނެވެ.

މާލޭގައި ޙަރަކާތްތެރިވާ ޚިދުމަތް އަދި ތިނަދޫ ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ "ވީޓް" ގުޅިގެން މި ވަގުތު ސިޔާމާގެ އާއިލާއަށް އެހީތެރިވުމުގައި މިވަނީ އަތުކުރި އޮޅާލާފައެވެ. "ވީޓް"އިން މައުސް މައުލޫމާތު ދިން ގޮތުގައި އެގޭގެ ހާލަތު ވަރަށްވެސް ދަށެވެ.

ތިނަދޫގައި ހުރި ސިޔާމާގެ ގޭގެ އެތެރެ..ފޮޓޯ:'ވީޓް،މައުސޫމާ

"އެގޭގައި އެބަހުރި ފާހާނާއެއް ހެޔޮއެދޭ ފަރާތަކުން ހަދައިދީފައި. އެހެންނަމަވެސް އެގޭގެ ހާލަތު އޮތީ ހަމަ ވަަރަށްވެސް ދެރަކޮށް." (ހަނދާންވީ ދެނެވެ. އެމީހުން ނިދަނީ ގޭގައި ހުރި ފާހާނާއަކަށް ހުންނަ ބައިގައި. މީހަކު މިހެން ބުނި ހަނދާންވިއެވެ، އެހެންވިއްޔާ އެއިން ތަސްވީރަކުން އެފެންނަ ޓައިލްސް އެއީ އެބުނާ "ކޮޓަރީ"ގައި ހުރި ޓައިލްސްތާއެވެ.އަސްތަޣްފިރުﷲ!!!) ގްރޭޑް 10 އެއްގައި އުޅޭ ކުއްޖެއްކަމުން ގެއަށް އައިސް ވެފައި ހުންނަ ވަރުބަލިކަމާއެކު ކައްކަން ޖެހުމުން އެކަން ކުރަން ޖެހޭ ހާލަތުން އެކުއްޖާއަށްވެސް އެވަރަކުން އެކަމަކާ ނޫޅެވެއެވެ.

ސިޔާމާގެ މަންމައަކީވެސް ބަލިމީހެކެވެ. ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއްކަމުން މިހެދެމުން އަންނަ ފުރައިގެ ދެޖިންސުގެ ދެކުދިން ބެލެހެއްޓުމުގައި ވަރަށް ގޮން ޖެހުން ބޮޑެވެ. ވީޓްއިން ކިޔައިދިން ގޮތުގައި އެގޭގެ ހާލަތު މިހެން ކިޔައިދިނަސް ވަޒަން ނުކުރެވޭނެއެވެ. ބުރުގާއަޅައިގެން ހުރުމުން ނުފެނުނަސް އަންހެންކުއްޖާގެ އިސްތަށިގަނޑުވެސް ވަރަށް ހާލަުތު ދަށްކޮށް އޮތް ކަމަށާއި ގޭގެ އެތެރެ ހުރީ ހެދިފުރާވަރަށް އަރަމުން އަންނަ ދެކުއްޖަކަށް ނިދަން އެއްގޮތަކަށްވެސް އެކަށީގެންނުވާ ތަނެއް ކަމަށް ވީޓުން ކިޔައިދިނެވެ. އަދި ގޭތެރޭގެ ސާފުކުރުމުގެ ކަންތައްވެސް އެދެ ޖަމްއިއްޔާއިން އެހީވުމުގެ ގޮތުން ކުރަން ވަނީ ހަމަޖެހިފައި ކަމަށާއި މިވަގުތަށް ބޭނުންވާ ޒަރޫރީ އެންމެ މުހިންމު ބޭނުންތަކަށް ބޭނުންވާ ސާމާނު ގެންގޮސްފައިވިޔަސް އަދިވެސް އެއާއިލާއަށް އެހީތެރިވުމުގައި ދެ ޖަމްއިއްޔާ ގުޅިގެން ކަންތައްތަކެއް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށްވެސް ވީޓުން ހާމަކޮށްދީފައިވެއެވެ.

ތިނަދޫގައި ހުރި ސިޔާމާގެ ގޭގެ އެތެރެ، ވީޓުން ވެދިން އެހީގެ ބައެއް ތަކެތި... ފޮޓޯ:'ވީޓް،މައުސޫމާ

"މިވަގުތުން ވަގުތަށްވެސް ގޭތެރޭގައި ދިރިއުޅެވޭ ވަރު ކުރާ ގޮތަށް ހަމަޖެހިފައިވަނީ. އަންހެންކުއްޖާވެސް ސެލޫނަކަށް ގެންގޮސް ބޯ ދޮވެ ރީތިކޮށްލަން ހަމަޖެހިފަ އޮތީ. އަދި އެ ސުކޫލުގައި ހުންނަ ކެންޓީނުން ކުއްޖާއަށް ބޭނުންވާ ކާއެއްޗެހި ލިބޭނެ ގޮަތެއް ވޭތޯވެސް މަސައްކަތް ކުރާނެކަމަށް ވީޓުން ބުންޏެވެ.

މިއީ ހިތަށް އަސަރު ކުރާނެ ވާހަކަތަކެއް ކަން ޔަގީނެވެ. އެގޭގެ ހާލަތު ބުނެދޭ ފޮޓޯތައް ފެނުމުން މިއީ ހަމަ ރާއްޖޭގެ އަމުދުން ގދ ތިނަދޫގެ ގެއެއްގެ ހާލަތުކަމާއެކު ހަމަ ގަބޫލު ކުރަން ފަސޭނަ ނޫނެވެ. އެހެންވިޔަސް މިއީ ހަމަ ހަގީގަތެވެ.

ސިޔާމާއާއި ސަމަދު. އިންޑިޔާގައި، ސިޔާމާގެ އެއްފައި ވަނީ ބުރިކޮށްލެވިފައި. ފުއްޕާމޭގެ ބޮޑުބައި ކެންސަރުޖެހިފައި

މިއާއިލާއަށާއި ސިޔާމާގެ ދެމަފިރިންނަށް އެހީވުމުގައި ރާއްޖޭގެ ކޮންމެ ފުދުންތެރި، މުއްސަނދި، ފަރާތަކުންވެސް މަސައްކަތް ކުރާނެކަމަށް އުންމީދުކޮށް ގިނަ ފަރާތްތަކަށް މިވާހަކަ ފޯރުކޮށްދީ މިމަންޒަރުތައް ދައްކުވައިދިނުމަށް ބޭނުންވާތީ"ހަލި" ނޫހުން 'ވީޓް'ގައި އެދިގެން އެގޭގެ ފޮޓޯތަކެއް ގެނެސްދިނީމެވެ. ގޭގައި އެވަގުތު މީހަކު ނޫޅޭތީ އެކުދިންގެ ހާލަތު ގެނެސްނުދެވުނީއެވެ.

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާންމަހެވެ. އިސްރާފުކޮށް ބޭކާރު ހަރަދުތަކާއި ބެލުމެއް ފިކުރެއް ނެތި ހޭދަކުރާއިރު މިއާއިލާގެ ހަނދާން ނައްތާނުލަމާތޯއެެވެ. ހެޔޮ ނިޔަތުގައި ކުރާ ހޭދައެއް ޔަގީނުންވެސް ބޭކާރެއް ނުވާނެއެވެ. މިއާއިލާއަށާއި ސިޔާމާއަށް އެހީވުމަށް އަަވަސްވެގަންނަމާތޯއެވެ.

ތިރީގައި މިހިމަނާލަނީ ސިޔާމާގެ އާއިލާއަށް އެހީތެރިވުމުގައި މިވަގުތު ތިނަދޫ އިން އިސްނަގައިގެން އުޅޭ ޖަމްއިއްޔާ"ވީޓް" އާއި ސިޔާމާ އަދި ސަމަދުގެ ނަންބަރާއި އެކައުންޓު ނަމްބަރުގެ އިތުރުން ވައިބާ ނަންބަރުތަކެވެ.

  • ވީޓް ޖަމްއިއްޔާގެ ފަރާތުން 789-0807 މައުސޫމާ އަލީ
  • ފައިސާ ޖަމާކުރެއްވުމަށް އެކައުންޓް ނަންބަރު:MVR(BML)7710414886101
  • Abdul Samad Abdul Rahmaan (ސިޔާމާ ގެ ފިރިމީހާ) (އެކައުންޓުގެ ވެރިފަރާތް)
  • 8891162362 - ސަމަދު / ވައިބާ ( +9607764186 )
  • 9995289390 ސިޔާމާ / ވައިބާ ( +918089005261 )