އއ. މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެެވެ.

އެމްޓީސީސީއިން ވިދާޅުވީ މާޅޮހު ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ. އަދި އައު އަދި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން، ބޭރުތޮށި ލުމުގެ މަސައްކަތާއި، ރޭމްޕް ހެދުމުގެ މަސައްކަތްވެސް ވަނީ ނިމިފައިކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން:

  • 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުން
  • ، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން

މީގެ އިތުރުން 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

ސަރުކާރުން، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 61.34 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.