ދުނިޔޭގެ ކަންކަން ހިންގުމަށް މިހާރު އެކަށައަޅައިގެން ހިންގަމުން ގެންދާ ބައިނަލްއަޤްވާމީ އިންތިޒާމުތައް ފެއިލް ވެފައިވާ ކަމަށާއި، ދުނިޔޭގެ އެންމެ ޙައްޞާސް މައްސަލަތަކާއި ގޮންޖެހުންތައް ޙައްލުކުރުމުގެ ޤާބިލުކަން އެ ނިޒާމުތަކުގެ ތެރެއިން ހޯދައި ނުދެވުނު ކަމަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ. އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ ދުނިޔޭގެ އެންމެ ބާރުގަދަ 20 ޤައުމުގެ ޚާރިޖީ ވަޒީރުން މިހާރު އިންޑިޔާގެ ނިއުދިއްލީގައި ބާއްވަމުން ގެންދަވާ ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

މޯދީ އެ ގޮތަށް ވިދާޅުވާން ޖެހިވަޑައިގަތް ސަބަބުތައް ހާމަކުރެއްވުމުގެ ގޮތުން ވިދާޅުވީ، ތަޖުރިބާތަކުން ދައްކާ ގޮތުގައި، މާލީ ކާރިސާއިން ރެކިގަތުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ޢާލަމީ ބަލިމަޑުކަމުން އަރައިގަތުމާއި، ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމާއި، ހަނގުރާމަތައް ނުހިނގާނެ ގޮތެއް ހޯދުމުގައި، މިހާރު މި އޮތް ގްލޯބަލް ގަވަރނަންސް ފެއިލްވެފައިވާކަން އެނގި ކަށަވަރުވާ ކަމަށެވެ.

ޔުކްރެއިނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ހެދި، ދޭދޭ ޤައުމުތަކުގެމެދުގައި ބޮޑެތި ދެބަސްވުންތަކާއި މައްސަލަތައް ހުރިކަން އެނގިވަޑައިގެން ހުންނެވުމާއެކު ވެސް ބޮޑުވަޒީރު މޯދީ އެދިވަޑައިގަތީ، އެ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމަކަށް ހައްދަވައިދެއްވުމަށްޓަކައި ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކަށް ކޮށްދެއްވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވުމަށެވެ.

ބައްދަލުވުމުގެ ބައިވެރިންގެ އަރިހުން މޯދީ އެދިވަޑައިގަތީ، ޙައްލުކުރެވެން ހުރި މައްސަލަތައް ވެސް ޙައްލު ކުރެވެން ނެތް މައްސަލަތަކާއެކުގައި ގޮސް މަގުން ކައްސައިލިޔަ ނުދެއްވުމަށެވެ.

ނަރެންދުރަމޯދީ މި ގޮތަށް އެދިވަޑައިގެން ވާހަކަފުޅު ދައްކަވާއިރު، އެ މާޙައުލުގައި އިންޑިޔާ އޮތީ ވެސް ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އެއްކޮޅުން ޗައިނާއާމެދު ހުޅަނގުގެ ޤައުމުތަކުގެ ކިބައިގައިވާ ހުރިހައި ކަންބޮޑުވުންތަކެއް ޗައިނާއާމެދު އިންޑިޔާގެ ކިބައިގައި ވެސް އޮތްއިރު، އަނެއްކޮޅުން އިންޑިޔާއަކީ ރަޝިޔާއިން އެންމެ ގިނައިން ހަތިޔާރު ގަންނަ، އަދި އެންމެ ގިނައިން ރަޝިޔާގެ ތެޔޮ އެތެރެކުރާ ޤައުމު ވެސް މެއެވެ. ރަޝިޔާއާއި އިންޑިޔާގެ ގުޅުމަކީ ހުޅަނގުން އިންޑިޔާއާމެދު މި ވަގުތު އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމެވެ.

ހަމަ އެއާއެކު، ހުޅަނގުގެ ޤައުމުތަކުން އުއްމީދުކުރިގޮތަށް، ޔުކްރޭން ހަނގުރާމައާ ގުޅިގެން އިންޑިޔާއިން އަދި މިހައިތަނަށް ވެސް ރަޝިޔާ ކުއްވެރިކޮށްފައެއް ނުވެ އެވެ. އިންޑިޔާއިން އެ ކަމާ ދެކޮޅަށް ބުނެފައިވާހައި ވެސް އެއްޗަކީ، މި ދިޔަ އަހަރު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ ކުރެއްވި ބައްދަލުވުމެއްގެ ތެރޭގައި ޕޫޓިންގެ އަރިހުގައި ވިދާޅުވި ނުސީދާ ބަސްފުޅެކެވެ. އެ ގޮތުން މޯދީ ޕޫޓިން އަށް ދެންނެވި ކަމަށް ވަނީ، މިއީ ހަނގުރާމަ ކުރަންޖެހޭ ދުވަސްވަރެއް ނޫން ދެއްތޯ އެވެ.