އާޖެންޓީނާގެ ސްޕަރ މާކެޓަކަށް ބަޑި ހިފައިގެން ވަތް ދެމީހަކު އެގައުމުގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީއަށް މަރުގެ އިންޒާރު ދީފިއެވެ.

މިދެމީހުން މެސީއަށް މަރުގެ އިންޒާރު ދިނީ ސްޕަރމާކެޓަށް ހަމަލާ ދިނުމަށްފަހު ބޭއްވި ނޯޓް ކޮޅެއްގައެވެ. އާޖެންޓީނާގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މިސްޕަރމާކެޓަކީ މެސީގެ އަންހެނުންގެ އާއިލާއިން ހިންގަމުން އަންނަ ސްޕަރމާކެޓެކެވެ.

"މެސީ، އަހަރެމެން މިތިބީ ކަލޭގެ އިންތިޒާރުގައި. ޖަވްކިން (ރޮސާރިއޯގެ މޭޔަރު) އަކީ ޑްރަގް ޑީލަރެއް. އޭނާ، ކަލޭ ހިމާޔަތެއް ނުކޮށްދޭނެ" ހަމަލާދިން މީހުން ބޭއްވި ނޯޓުގައި ބުނެފައިވެއެވެ.

ރޮސާރިއޯގެ ފުލުހުން ބުނީ ސްޕަރމާކެޓަށް ހަމަލާދިން 2 މީހުން އައީ މޮޓޯ ސަައިކަލެއްގައި ކަމަށާއި ސްޕަރމާކެޓަށް ހަމަލާ ދިނުމަށް 14 ވަޒަން ބޭނުން ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ފުލުހުން ބުނެފައި ވަނީ މިމައްސަލަ މިހާރު ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

މެސީއަށް މިދިޔަ އަހަރު ފަހު ކޮޅު ގަތަރުގައި ބޭއްވި ވަރލްޑް ކަޕުގެ ކުރިންވެސް މަރުގެ އިންޒާރުތައް ލިބުނެވެ. އެކަމަކު އޭނާ ވަނީ އެކަންކަމަށް ސަމާލުކަން ނުދީ ވަރލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކައި އާޖެންޓީނާއަށް ވަރލްޑް ކަޕް ތަށި ކާމިޔާބު ކޮށްދީފައެވެ.