އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މިއީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސް އެކެވެ،

މިއަހަރު މި ކޮންފަރެސް ކުރިޔަށްދަނީ، ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރާއްޖެއަކީ، އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް ލިބޭ ޤައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ޤައުމެވެ. އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ގޮތުގައި 46 ޤައުމެއް ހިމަނާފައިވާ އިރު، އެ ޤައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި ޢުމުރާނީ ތަރައްޤީއާ ދެމެހެއްޓެނިވި ތަރައްޤީގެ ހުރަސްތައް އޮތް ޤައުމުތަކެވެ.

މި ކޮންފަރެންސްގެ އަމާޒަކީ، ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކޮށް، ތަނަވަސްކަން އިތުރުކުރުމަށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ. އަދި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގުރޫޕް އުފެދުނުތާ ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ