އިރު އުތުރު ސްޕެއިންގައި އާސާރީ ގަބުރުސްތާނެއް ހުރި ސަރަހައްދަކީ މިހާތަނަށް އެ ގައުމުން ފެނިފައިވާ، މުސްލިމުންގެ އެންމެ ދުވަސްވީ ގަބުރުސްރާނެވެ.

އެ ގަބުރުސްތާނުން 433 ކަށްވަޅު ހޯދިފައިވެއެވެ. އޭގެ ތެރެއިން ބައެއް ގަބުރުތަކަކީ އައިބީރިއަން ޕެނިންސުލާ މުސްލިމުން ފަތަހަ ކުރިތާ 100 އަހަރު ނުވަނީސް ވަޅުލާފައިވާ މީހުންގެ ގަބުރެވެ.

ދުނިޔޭގެ ތާރީހުގައި "މިޑްލް އޭޖް" ގެ ނަން ދީފައިވާ ޒަމާނުގެ ކުރީކޮޅުގައި، އިސްލާމީ ދުނިޔެއާއި ކްރިސްޓިއަން ދުނިޔެއާ ދެމެދުގައި ހިނގާފައިވާ ހަނގުރާމަވެރި ދުވަސްވަރު، މި ސަރަހައްދުވަނީ މުސްލިމުންގެ ވެރިކަމުގެ ދަށުގައި ކަމަށްވެފައި، އޭގެ ފަހުން އެ ތަނުގައި ވެރިކަން ކުރި ކްރިސްޓިއަނުން ވަނީ މި ކަން ތާރިހުން ފޮހެލާފައިކަން މި ހޯދުމާއެކު ކަށަވަރުވީއެވެ.

އާކިއަލޮޖިސްޓުން ހޯދާފައިވާ އާސާރީ ކަށްވަޅުތައް ހިމެނޭ މި ގަބުރުސްތާނަކީ މީލާދީން އަށްވަނަ ގަރުނާއި 12 ވަނަ ގަރުނާ ދެމެދުގައި މީހުން ވަޅުލާފައިވާ ތަނެކެވެ. މި ގަބުރުސްތާނު ހޯދީ ޒަރަގޯޒާ ސިޓީގެ ހުޅަނގު އުތުރުން 40 ކިލޯމީޓަރު ދުރު، އެބްރޯ ވެލީގައި އޮންނަ "ތައުސްތެ" އޭ ކިޔާ ރަށުންނެވެ.

ތައުސްތެގައި ކޮންނަމުން ދަނީ އެ ރަށުގެ އެއް މަގުގައި ހުރި ކަށްވަޅުތައް

ކަށްވަޅުގައި ހުރި ކަށިތަކުން ދޭހަވާ ގޮތުން، އެ ގަބުރުތައް ވަޅުލާފައިވަނީ އިސްލާމްދީނުގައި މީހުން ވަޅުލާން އޮންނަ ގޮތަށް ކަމުގައިވާތީ، އެތައް ސަތޭކަ އަހަރުތަކެއް ވަންދެން އެ ރަށުގައި އުޅުނީ މައިގަނޑު ގޮތެއްގައި މުސްލިމުން ކަމަށް ދައްކުވައިދެއެވެ. ނަމަވެސް މިފަދަ އެއްވެސް ވާހަކައެއް އެ ސަރަހައްދުގެ ތާރީހުގައި އެއްވެސް ވަރަކަށް ބުނެފައެއް ނެތެވެ.

ހެރިޓޭޖް ކުންފުންޏެއް ކަމަށްވާ "ޕޭލިއޮއިމާސް" ގެ އިސް އާކިއަލޮޖިސްޓް، އޭވާ ޚިމެނެސް ވިދާޅުވީ، "މި މަޤްބަރާ ގަބުރުސްތާނުގައި ވަޅުލާފައިވާ މީހުންގެ އަދަދުތަކަށާއި އެ މީހުން ވަޅުލާފައިވާ ދުވަސްވަރަށް ބެލުމުން ދޭހަވަނީ، އިސްލާމީ ވެރިކަން އެ ހިސާބުގައި އޮތް ޒަމާނުގައި، އެބްރޯ ވެލީ ގެ ތައުސްތެ އަކީ ވަރަށް މުހިންމު ރަށެއް ކަމެވެ."

މި ސަރަހައްދުގައިވާ އާސާރީ ކަށްވަޅުތައް އެ ރަށު މީހުންނަށް ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުއެވެ. އަދި "އެލް ޕަޓިއާޒް ކަލްޗަރަލް އެސޯސިއޭޝަން" އިން ވަނީ މި މަސައްކަތް ކުރުމަށް ޚިމެނެސް އާއި ޕޭލިއޮއިމާސް ކުންފުނި އާ މަސައްކަތު އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައެވެ.

އެ ކުންފުނިން 2010 ގައި ހިންގި ކޮނުންތަކުން ދައްކާގޮތުގައި، އެ ގަބުރުސްތާނުގެ ބޮޑު މިނަކީ ދެ ހެކްޓަރެވެ. ނުވަތަ ދެ ލައްކަ އަކަ ފޫޓެވެ. އަދި އެ ގަބުރުސްތާނުގައި 4500 ގަބުރު ވަޅުލާފައިވެއެވެ. ނަމަވެސް "އެލް ޕަޓިއާޒް ކަލްޗުރަލް އެސޯސިއޭޝަން" ގައި އެވަރަށް ފައިސާ ނެތުމުގެ ސަބަބުން، އެ މަސައްކަތުގެ ފުރަތަ ހަތަރު އަހަރު ކޮނެވުނީ ހަމައެކަނި 46 ކަށްވަޅެވެ.

ޚިމެނެސް ވިދާޅުވަނީ، މިހާރު ފެނިފައިވާ ގަބުރުތަކަށް ބަލާއިރު، އަދިވެސް މުސްލިމުންގެ އިތުރު ގަބުރުތައް ފެނުން އެކަށީގެންވާކަމަށެވެ. "އަޅުގަނޑުމެން އެއްކޮށްފައިވާ މައުލޫމާތުން މިހާރު ދޭހަވަނީ، ކުރިން އެނގިފައިވާ ވަރަށް ވުރެ މި ގަބުރުސްތާނު ބޮޑުކަމަށް،" އޭނާ ވިދާޅުވިއެވެ.

މުސްލިމުންގެ ފަތަހައެ ކަށްވަޅުތަކަކީ މީލާދީން 711 ވަނަ އަހަރު، ދިމިޝްގުގައި އޮތް އުމައްޔަދު (ނުވަތަ އުމަވިއްޔާ) ޚަލީފާކަމާ ގުޅިފައިވާ މުސްލިމުންގެ ލަޝްކަރުތައް، އުތުރު އެފްރިކާއިންލާފައިގޮސް މިހާރުގެ ސްޕެއިން ފަތަހަ ކުރި އިރުގެ ކަށްވަޅުތަކެކެވެ. މީލާދީން 718 ވަނަ އަހަރު އައި އިރު، އެމީހުންވަނީ އައިބީރިއަން ޕެނިންސުލާ އެއްކޮށް ކަހަލަ ގޮތަކަށް ފަތަހަ ކޮށްފައެވެ. އައިބީރިއަން ޕެނިންސުލާ އަކީ މިހާރުގެ ސްޕެއިން އާއި ޕޯޗުގަލް ހިމެނޭ ސަރަހައްދެވެ. މުސްލިމުންނަށް ފަތަހަ ނުކުރެވިވަނީ ހުޅަނގު އުތުރުގައިވާ ފަރުބަދަ ގިނަ ސަރަހައްދުތަކެއް އެކަންޏެވެ. އެދިމާގައި އޮތީ ބައެއް މިނިވަން ކްރިސްޓިއަން ކުދިކުދި ރަސްކަންތަކެކެވެ.

އެ ހިސާބުގަނޑުގެ ކްރިސްޓިއަނުން، މުސްލިމުންނަށް ދީފައިވާ ނަމަކީ "މުއަރސް" (Moors) އެވެ. މުސްލިމުން ދެން މަސައްކަތް ކުރީ "ގޯލް" ސަރަހައްދު – މިހާރު ފްރާންސް – ފަތަހަ ކުރާށެވެ. ނަމަވެސް މީލާދިން 721 ވަނަ އަހަރު މުސްލިމުން ފުރަތަމަ ބަލިވި ޓޫލޫސްގެ ހަނގުރާމަ އަދި މީލާދީން 732 ވަނަ އަހަރު މުސްލިމުން ނާކާމިޔާބުވި ޓުއަރސްގެ ހަނގުރާމަ އަށް ފަހު، މުސްލިމުން ޖެހުނީ ފަސްޖެހޭށެވެ. އެ މީހުންނާއި ދިމާކުރި ފަރަންސޭސި ލަޝްކަރުގެ ވެރިޔަކީ ޗާލްސް މާޓްލް އެވެ. ބުނެވޭ ގޮތުގައި ހަނގުރާމައިގެ ނަތީޖާ އެގޮތަށް ނިމުނީ ފަރަންސޭސިން ގެންގުޅުނު ބަރު "އާޓިލަރީ" ހަތިޔާރުގެ ސަބަބުންނެވެ.

އެއަށްފަހު ބާސެލޯނާ އާއި، ފްރާންސާ ސްޕެއިންގެ ދެމެދުގައިވާ ޕިރެނީސް ފަރުބަދަ ބަރީގެ ދެކުނުގައި މުސްލިމުންގެ ވެރިކަށް ގާއިމުކުރިއެވެ. އޭރުވެސް ޒަރަގޯޒާގެ ކައިރީ އޮންނަ އެބްރޯ ވެލީ އޮތީ މުސްލިމުންގެ އަތްދަށުގައެވެ.

މުސްލިމް ވެރިކަން ހިންގި ސަރަހައްދު މަޝްހޫރުވެފައިވަނީ "އަންދަލުސް" ގެ ނަމުންނެވެ. އަދި އެ ވެރިކަމުގެ ސަގާފަތްތަކާއި އިލްމީ ގޮތުން އެންމެ ކުރިއަރާފައިވަނީ ދިހަ ވަނަ ގަރުނުގައެވެ. އެގޮތުން ކުރިއަރާފައިވާ އިލްމީ ރޮނގުތަކުގެ ތެރޭގައި ހިސާބު، ފަލަކީ އިލުމު، އަދި ބޭސް ވެރިކަން ހިމެނެއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުންގެ ވެރިކަމަކީ ސުލްހަވެރި ވެރިކަމެކެވެ. ޔަހޫދީންނާއި ކްރިސްޓިއަނުންގެ ތެރެއިން އިސްލާމް ދީން ގަބޫލުކުރަން ބޭނުންނުވާ މީހުން ޖިޒީ ދައްކައިގެން މިނިވަންކަމާ އެކު އުޅެވުނެވެ.

މުސްލިމުންގެ ވެރިކަން ރޫޅެންފެށީ 11 ވަނަ ގަރުނުގެ ތެރޭގައެވެ. އޭރު އުތުރުގައިވާ ކްރިސްޓިއަން ރަސްކަންތައް ދިޔައީ ބާރު ގަދަވަމުންނެވެ. އެންމެ ފަހުން ހުންނެވި މުސްލިމުންގެ އަމީރު، ހުންނެވީ ގްރެނާޑާގައެވެ. ހަނގުރާމައިން އެ އަމީރު ބަލިވީ 1492 ވަނަ އަހަރުއެވެ. އެއީ ސްޕެއިންގެ އެންމެ ފުރަތަ ރާނީ އާއި ރަސްގެފާނު، އިސަބެލް އާއި ފަރޑިނަންޑް އިސްކޮށް ތިއްބެވި ކެސްޓީލްގެ ލަޝްކަރާ ބައްދަލުކޮށް، "ކްރިސްޓިއަން ރިކޮންކުއިސްޓާ" ގެ ހަނގުރާމައިގައެވެ. އެއަށްފަހު އެހިސާބުގަނޑުގައި އިސްލާމް ދީނުގައި އުޅުން މަނާ ކުރިއެވެ. އަދި މުސްލިމުން ހޯދާ ގަތުލުކުރުން 17 ވަނަ ގަރުނާ ހަމައަށް ދެމިގެން ދިޔައެވެ.

އިސްލާމީ ވެރިކަމުގެ ނުފޫޒަކީ އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި ބަލައިގެންފައިވާ އެއްޗެއްކަމަކު، ތައުސްތެގައި އިސްލާމީ ވެރިކަން އޮތްކަންވަނީ ތާރީހުން އެއްކޮށް ފޮހެލާފައެވެ.

"އެންތްރޮޕޮލޮޖިކަލް އޮބްޒަރވޭޓްރީ އޮފް އިސްލަމިކް ނެކްރޮޕޮލިސް އޮފް ތައުސްތެ ފޯ އެލް ޕަޓިއާޒް" ގެ ޑިރެކްޓަރ މިރިއަމް ޕީނާ ޕާޑޮސް ވިދާޅުވިގޮތުގައި، އެކިފަހަރުމަތިން މީގެ ކުރިންވެސް އާސާރީ ކަށްވަޅުތައް ވަނީ އެ ރަށުގައި ފެނިފައެވެ. ނަމަވެސް އެއީ 19 ވަނަ ގަރުނުގައި ދިމާވި ކޮލެރާ ޕެންޑެމިކްގައި މަރުވި މީހުންގެ ކަށްވަޅު ކަމުގައި ބުނެ އެކަންވަނީ އޮއްބާލާފައެވެ.

އިސްލާމްދީނުގެ އަސަރުތައް ކޮނެގެން ހޯދުންއެލް ޕަޓިއާޒްގެ ބައެއް މީހުން ކުރިންވެސް ޝައްކުކޮށްފައިވަނީ، 11 ވަނަ ގަރުނުގައި އެ ރަށުގައި ބިނާ ކޮށްފައިވާކަމަށް ބުނާ ފައްޅިއަކީ އޭގެ އަސްލު އިސްލާމް ދީނުގައި ހިމެނޭ ތަނެކެވެ. އަދި އަސްލު އެއީ ޒަގްރީ އާކިޓެކްޗަރގެ ބައްޓަމަށް ހަދާފައިހުރި މުންނާރެއްކަމަށް ވަރަށް ސާފުކަމާއެކު ސާބިތުވުމާއެކު، މި ޝައްކުތައް ވަނީ ޔަގީންކަމަކަށް ބަދަލުވެފައެވެ.

އެހެންކަމުން، 2010 ވަނަ އަހަރު ކަށްވަޅުތައް ކޮންނަން ފެށީއެވެ. މި މަޝްރޫއުގައި އިސްކޮށް ހުންނެވީ ފްރެންސިސްކޯ ހާވިއޭ ގުޓިއަރިއެޒް އެވެ. އެގޮތުން، ތައުސްތެގައި މީހުން ވަޅުލާފައި ވަނީ ކޮލެރާ ޕެންޑެމިކް އެއްގައި މަރުވާ މީހުންތަކެއް ގަނޑުކޮށް ވަޅުލާ ގޮތަކަށް ނޫންކަމަށާއި، އެއީ އިސްލާމް ދީނުގައިވާ ވާގޮތަށް ވަޅުލާފައިވާ ބައެއްކަން އެނގުނު ކަމުގައި ޕީނާ ޕާޑޮސް ވިދާޅުވިއެވެ.

މިސާލަކަށް، ކޮންމެ ކަށްވަޅެއްގައި ވަޅުލާފައި އޮތީ އެއް ގަބުރެވެ. އަދި އެ ގަބުރު އޮންނަނީ ކަނާތްފަރާތަށް ފުރޮޅާފައި، މައްޔިތާގެ މޫނު މައްކާ (ގިބްލަ) އާ ދިމާވާ ގޮތަށެވެ. އަދި ކޮންމެ ކަށްވަޅެއްގެ މައްޗަށްވަނީ ފަސްއަޅާ ފޮރުވާފައި ކަމުގައި ގުޓިއަރިއެޒް ވިދާޅުވިއެވެ. އަދި ބައެއް ކަށްވަޅުގައި ލަކުޑި ސަންދޯކެއްގެ އަސަރުވެސް އެބަހުއްޓެވެ.

އޭގެ އިތުރުން، އެ ކަށްވަޅުތަކުގައި މުސްލިމުންގެ އިތުރު އަލާމާތެއްވެސް އެބަހުއްޓެވެ. އެހެނީ އެއިން ކޮންމެ ކަށްވަޅަކީ ހަމައެކަނި އެ މައްޔިތާގެ ސައިޒަށް ކޮނެފައިވާ ކަށްވަޅަކަށްވެފައި، ކޮންމެ މައްޔިތެއްވެސް ވަޅުލާފައިވަނީ އެމީހެއްގެ ހައިސިއްޔަތަކަށް ބެލުމެއްނެތި ހުދުކުލައިގެ ފޮތިގަނޑެއް އޮޅާފައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަދިއަދަށް ދާންދެންވެސް މުސްލިމަކު މަރުވެއްޖެ ނަމަ، އެ މީހަކު ވަޅުލާއިރު އެއްވެސް މާއްދީ ސާމާނެއް ވަޅުލައެއް ނޫޅެއެވެ. ނަމަވެސް އެ ކަށްވަޅުތަކުގެ ކައިރިން ފެނިފައިވާ މުށިކޮޅުފަދަ ތަކެތިން ހޯދިފައިވަނީ، މި ކަށްވަޅުތަކަކީ އަށްވަނަ ގަރުނާއި 12 ވަނަ ގަރުނާ ދެމެދުގައި މީހުން ވަޅުލާފައިވާ ތަންތަން ކަމުގައި، ޚިމެނެސް ވިދާޅުވިއެވެ.

މީގެކުރިންވެސް ކަށްވަޅުތައް ކޮނެފައިވާއިރު، އެތަނުގައި މުސްލިމުން ވަޅުލާފައިވާ ކަންވަނީ އެނގިފައެވެ. "ނަމަވެސް ކުރިން އެނގިފައި ނުވާ ކަމަކީ، މި ތަނުގެ ފުރިހަމަ ބޮޑު މިނާއި، ކަށްވަޅުތަކުގެ އަދަދުތައް،" އޭނާ ވިދާޅުވިއެވެ. "މިއީ އުންމީދު ކުރިގޮތްކަމުގައި ވިޔަސް، ހައިރާންވެސް ވާންޖެހުނެވެ."

އެންމެ ފަހުން ކޮނެފައިވަނީ އެރަށުގެ އެއްމަގުގައިވާ ކަށްވަޅުތަކެކެވެ. އެހިސާބުގަނޑުގައި އެތައް ގަރުނެއް ވަންދެން މުސްލިމުން އުޅެފައިވާ މިންވަރު، އެ ކަށްވަޅުތަކުން ދައްކުވައިދެއެވެ.

އެމީހުނަށް ދޭހަވީ، މެދުކެނޑުމެއްނެތި 400 އަހަރު ވަންދެން އެ ގަބުރުސްތާނުގައި މީހުން ވަޅުލަމުން ގެންގޮސްފައިވާ ކަމެވެ. "މިއިން ދޭހަވަނީ، އަށްވަނަ ގަރުނުން ފެށިގެން ހުއްޓުމެއްނެތި ތައުސްތެގައި މުސްލިމުން ދިރިއުޅެފައިވާކަން" ޚިމިނެސް އިތުރަށް ވިދާޅުވިއެވެ.

މި އާޓިކަލް އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ "ލައިވް ސައިންސް" އިންނެވެ.