މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެ ކުރުމުގެ ދައުވާ އެވެ.

އެއިން ކޮންމެ ދައުވާއެއްގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެހެންކަމުން އެ ތިން ދައުވާ ސާބިތުވެއްޖެނަމަ ޝަހީބަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެނގިފައިވާ ގޮތުގައި ޝަހީބުގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޝަހީބަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން ޝަހީބު ދޫކޮށްލުމުން ދައުލަތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އަދި އެ އަމުރަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ.

އެ މައްސަލާގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ދެން ފުލުހުން ހައްޔަރުކުރީ ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ. އޭނާވެސް އަދި ހުރީ ޖަލު ބަންދުގައެވެ.