އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމާއެކު ބެޑުކެޕެސިޓީ އިތުރުކުރުމަށް ހިންގާ ޕްރޮޖެކްޓްތައް ނިމުމުން އައްޑޫ ޓޫރިޒަމް ހަގީގީމާނައިގައި ހިނގައިގަންނާނޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އެ ހިސާބުން ރައްޔިތުންގެ ހުވަފެންތަކުގައި "ހަގީގީކުލަ ޖެހެން ފަށާނެ" ކަމަށް އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވެފައިވަނީ މިހާރުވަނީ އައްޑޫ ޓޫރިޒަމަށް އައު ދިރުމެއް އައުމުގެ ކުލަވަރު ފެންނަން ފަށައިފައި ކަމަށެވެ. "އައްޑޫ ޓޫރިޒަމް ހިންގުމަށް އައުވިސްނުން ތަކެއް ގެންގުޅެންޖެހޭނޭ ކަމަށް ސަރުކާރުން ގަބޫލުކޮށް ބޭނުންވާ ބެޑު ކެޕެސިޓީ އިތުރުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު މިހާރުވަނީ ބޭރު ކުންފުންޏަކާ ހަވާލުކޮށްފައި،" އޭނާ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ހަންކެޑެ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުން މިހާރުވަނީ ހޯދާފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ގެސްޓުހައުސް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ އަމިއްލަ ފަރާތްތަކަށް ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ. އެއާއެކު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ބަޔަލާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ގަންއިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީވެގެން މެނުވީ އައްޑޫއަށް އިތުރު ތަރައްގީއެއް ނުލިބޭނޭ ކަމަށް އެ ސިޓިއަށް ނިސްބަތްވާ ގިނަ ވިޔަފާރިވެރިވެން އަންނަނީ ބުނަމުންނެވެ.