ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ބަނގުރަލަކީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހިމެނޭ ބަނގުރާ ކަމަށެވެ.

އެގޮތުން އިއްޔެ ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތައިލާފައިވަނީ 164 ފުޅި ބަނގުރާ އަދި 42 ދަޅު ބިޔަރެވެ.

މިތަކެއްޗަކީ މި އަހަރުގެ ޖަނަވަރީ 7 އިން ފެބުރުވަރީ 22 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.