ނޮޅިވަރަމް: ކުނީގެ ހާއްޔެއް، ނަމަވެސް ކައުންސިލްގެ މާބޮޑު ކަންބޮޑުވުމެއް ނެތް!

0

ހދ. ނޮޅިވަރަމަކީ، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ފާހަގަ ކުރެވިގެންދާ ރަށެކެވެ. އެރަށު ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރަނީ ކުނީގެ މައްސަލަތަކެވެ.

އެރަށުގައި ކުނީގެ މައްސަލަ ވަނީ އިޖްތިމާއީ ބޮޑު މައްސަލައަކަށް ވެފައެވެ. ސިއްހީގޮތުން އެ މައްސަލަ ވަނީ ހީވެސް ނުކުރާހާ ނުރައްކާތެރި ހާލަތެއްގަ އެވެ.

Advertisement

ހދ.ގައި ދެވަނައަށް އެންމެ ބޮޑު އާބާދީކަމުގައިވާ، ދެހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ހިމެނޭ، ނޮޅިވަރަމުގައި ކުނި ކޮށްޓެއް ނޯވެ އެވެ. އެހެންކަމުން މުޅި ރަށު ތެރެ މަންޒަރުވެގެންދަނީ ކުނި ގޮޑެއްގެ ގޮތުގައެވެ. ކުނި އަޅާނެ ވަކި ތަނެއް ނޯންނާތީ އާއްމު ގޮތެއްގައި ކޮންމެ ގެއަކުންވެސް ކުނި އުކާލަނީ ގޭގެ ކުރިމަތިން، މަގުގެ އަނެއް ފަރާތުގައި ވާ އޮންނަ ދިމާލަށެވެ. ދެ ފަރާތުގައި ގޭގެ ބިނާކޮށްފައި ހުންނަ މަގުތަކުގައި އެންމެ ކައިރިން ޖެހިގެން އޮންނަ ހުސްތަނަކަށް ކުނިތައް އަޅާލަން ޖެހެއެވެ. އެކަމުގެ ސަބަބުން މެއްސާއި މަދިރި އިންތިހާއަށް ރަށުގައި ގިނަވެ، އޮންނަނީ އުޅެން އުދަނގޫވާވަރުވެފަ އެވެ. އެހެންކަމުން ގިނަ ގޭގޭގައި ދުވާލު ގަޑީގައިވެސް ކެއް ކޮށްލެވެނީ މަދިރިން ސަލާމަތްވުމަށް، ދުން އަޅައިގެންނެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ ނޮޅިވަކަމްގެ ހަރު މީހަކު ބުނީ، ރަށުގައި ކުނި އުކުމަށް ވަކިތަނެއް ނެތުމުގެ ކަން ބޮޑުވުން އޭނާގެވެސް އެބޮތް ކަމަށެވެ.

” ހަޤީޤަތުގަ ކުނިއަޅަން ވަކި ތަނެއް ކައުންސިލުން ދައްކާފައެއް ނޯވޭ. އެހެންވީމަ ބޭނުން ގޮތަކަށް، ބޭނުން ތަނަކަށް، މީހުން ކުނި އަޅަމުންދަނީ. ރަށު ކައުންސިލުން އެކަން ހުއްޓުވާކައްވެސް ނޫޅެ. އަދި ކުނީގެ މައްސަލަ ހައްލު ކުރުމަށްވެސް ކައުންސިލުން މަސައްކަތް ކުރާތަނެއް ނުފެނޭ،” ކަންބޮޑުވުން ފާޅު ކުރަމުން އޭނާ ބުންޏެވެ.

އެ ރަށުގެ އެހެން މީހަކު ބުނީ ތަންކޮޅެއް ކުރިން ކުނި ކޮށްޓެއް ހަދަން ކައުންސިލުން ސަރަހައްދެއް ނަގައިގެން މަސައްކަތްތަކެއް ކުރަން އުޅުނުކަން ދެނަހުރި ކަމަށެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް

“ތަން ކޮޅެއްކުރިން ކުނިކޮށްޓެއްގެ މަސައްކަތެއް ކުރަން އުޅުނު، ކައުންސިލުން. ނޭނގެ ވީގޮތެއް. އަޅުގަނޑުމެން ކުނީގެ މައްސަލަ އެތައް ފަހަރަކު އޮންނާނީ ކައުންސިލްގެ ސަމާލުކަމަށްވެސް ގެނައްސަ. ނަމަވެސް ހައްލެއް ނާދޭ. މި މައްސަލަ އަކީ ސިއްހީ ގޮތުންވެސް ބޮޑު ވަބާއެއް ފެށުން އެކަށީގެންވާ މައްސަލައެއް. އަސްލު ކުނީގެ މައްސަލަ އަޅުގަނޑުމެންނަށް ދިމާވެފައިވަނީ ހީވެސް ނުކުރާފަދަ ނުރައްކާތެރިކޮށް،” އޭނާ ބުންޏެވެ.

ކުނީގެ މައްސަލައިގައި ނޮޅިވަރަމުގެ ރައްޔިތުންގެ ކަންބޮޑުވުން މި ދަރަޖައިގަ އޮތްއިރު ނޮޅިވަރަމު ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދުގެ ވާހަކަ ހުރީ ތަފާތު ގޮތަކަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ކުނީގެ މައްސަލައިގަ ރަށު ރައްޔިތުންގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި އެ ރަށުގައި ކުނިކޮށްޓެއް ގާއިމްކުރަން ބޭރު ބަޔަކު ތަން ކޮޅެއް ކުރިންމަސައްކަތްތަކެއް ކުރިކަމަށާއި މިހާރު އެކަންތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުނިކޮށްޓެއް ކައުންސިލަށް ޤާއިމް ނުކުރެވިގެން އުޅެނީ، ބަޖެޓްގެ ތާށިކަމުން ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން ކުނި އެޅުމަށް ހާއްސަކޮށްގެން ވަގުތީ ތަނެއްވެސް ޤާއިމް ކުރެވިފައި ނުވަނީ، އެ ރަށު ބަނދަރުގެ މަސައްކަތްތަކެއްކުރަމުންދާ އެމްޓީސީސީގެ ވެހިކަލްތައް ނުލިބިގެން ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސްގެ މިވާހަކަތައް ރަށު ރައްޔިތުން ޤަބޫލެއް ނުކުރެ އެވެ. ރައްޔިތުން ދެކޭ ގޮތުގައި އެހެން ގޮތެއް ނެތިއްޔާ ސަރުކާރުގެ އެހީތެރިކަމާއެކުވެސް އެފަދަ ނިޒާމެއް، މިހާތަނަށް އައި އިރު އެރަށުގައި ޤާއިމް ވެފަ ނެތުމަކީ ރަށު ކައުންސިލްގެ އިހްމާލް އެކަމުގައި އިންތިހާއަށް އޮތް ކަމެކެވެ. އަދި އެއީ ކައުންސިލް ފެއިލްވެފައިވާކަމުގެ ހެތްކެކެވެ.

ނޮޅިވަރަމް ކައުންސިލް މެންބަރ

ކުނީގެ މައްސަލައިގައި ނޮޅިވަރަމް ކައުންސިލްގެ ހަމައެކަނި އަމިއްލަ މެންބަރުވެސް ވިދާޅުވީ އެ އެމައްސަލައިގަ، ކައުންސިލްގެ އިހްމާލް އޮތްކަން ގަބޫލު ކުރައްވާ ކަމަށާއި، އެ މައްސަލައިގެ ކަން ބޮޑުވުން ރައްޔިތުން ކައުންސިލަށް ހުށަހަޅަމުން ގެންދާ ކަމަށެވެ.

Advertisements