މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަލައިފާސްކުރި ތަނަކުން ދޮންނަމެޝިނެއްގެ ދޮންނަ ބައިގެ ތެރޭގައޮ ބަހައްޓާފައި ހުރި ހަތަރު ކިލޯ ހިރޮއިންއާއެކު ފަސްމީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިތަކެތި އަތުލައިގެންފައިވާ ވާހަކަ ހާމަކޮށްފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ސީޕީ ވިދާޅުވީ މި އޮޕަރޭޝަން ހިންގަން ޖެހުނީ ފުލުސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށްފިކަން އެނގިގެން މިމަހުގެ ހަތަރެއްގައި ހިންގި އޮޕަރޭޝަނުން މާލޭގެ 10 ތަނެއް ބަލައިފާސްކޮށް، ހަތަރު ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފަސް މީހަކު ކަމަށާއި އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށްވެސް ވިދާޅުވިއެވެ.

ޓުވީޓާއެކު ސީޕީ ހަމީދު އާންމު ކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތި ހުރީ ދޮންނަ މެޝިނެއްގެ ތެރޭގައި ފޮރުވައިފައެވެ.