ރަހީމް ސްޓާރލިން ގާއި ކައި ހަވާޓްޒްގެ ލަނޑުން 2-0 އިން ބްރޯޝިޔާ ޑޯޓްމަންޑް ބަލިކޮށް ޗެލްސީ އަދި ކްލަބް ބްރޫޖް 5-1 އިން ބަލިކޮށް ބެންފީކާ، ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ޑޯޓްމަންޑުގެ މައްޗަށް ޗެލްސީން ކުރި ހޯދީ ދެލެގުގެ އެގްރިގޭޓުން 2-1 އިންނެވެ. ފުރަތަމަ ލެގް ޑޯޓްމަންޑުގެ ދަނޑުގައި އެޓީމުން ޗެލްސީގެ މައްޗަށް 1-0 އިން ކުރި ހޯދާފައި އޮތުމުން ދެވަނަ ލެގަށް ނިކުތްއިރު ޗެލްސީއަށް ކުއާޓާގެ ޖާގަ ހޯދެން އޮތީ ދެލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ރަނގަޅަށް ކުޅެމުންދަނިކޮށް 43 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑް ނަގައިދިނީ މިސީޒަނުގައި ސިޓީއިން ދޫކޮށްލުމުން ޗެލްސީއާ ގުޅުނު އިނގިރޭސި ގައުމީ ޓީމުގެ ވިންގަރ ރަހީމް ސްޓަރލިންއެވެ. ޗެލްސީގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޖަރުމަނު ގައުމީ ޓީމުގެ ފޯވާޑް ކައި ހަވާޓްޒްއެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ބޯންމައުތު އަތުން 2-0 އިން މޮޅުވި ފަހުން މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި ޗެލްސީއަށް 2 ލަނޑު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި ފުރަތަމަ ލެގުން ބަލިވެފައި އޮތުމަށްފަހު ޗެލްސީން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލި 5 ވަނަ ފަހަރެވެ. ފުރަތަމަ ލެގުން ބަލިވެފައި އޮތުމަށްފަހު މީގެ ކުރިން 5 ފަހަރަށް ނަތީޖާ އަނބުރާލެވިފައި އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއަށެވެ.

މިސީޒަނުގައި ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންފީކާއިން ކްލަބް ބްރޫޖް ބަލިކުރީ ފުރަތަމަ ހާފުގައި ރަފާ ސިލްވާ އާއި މިދިޔަ ވަރލްޑް ކަޕުގައި ޕޯޗުގަލް ގައުމީ ޓީމުން ފާހަގަ ކޮށްލެވުނު ގޮންސަލޯ ރާމޮސް އަދި ދެވަނަ ހާފުގައި ޖޯ މާރިއޯ އާއި ޑޭވިޑް ނެރެސް އަދި ރާމޮސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބްރޫޖުގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޖޯން މިއެހާއެވެ.

މިއީ ޗެމްޕިއަންސް ލީގް ނޮކައުޓް މެޗެއްގައި ބެންފީކާއިން 5 ލަނޑު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ފުރަތަމަ ލެގް ބްރޫޖުގެ ދަނޑުގައި ބެންފީކާއިން ކާމިޔާބު ކުރީ 2-0 އިންނެވެ. ދެލެގުގެ އެގްރިގޭޓުން ބެންފީކާ ކުރި ހޯދީ 7-1 އިންނެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ބައްދަލު ކުރާނީ ޕީއެސްޖީ އާއި ބަޔާން މިޔުނިކް އަދި ޓޮޓެންހަމް އާއި އޭސީ މިލާނެވެ.