ކޮންމެ އަހަރެއްގެ ވެސް މާރިޗު އަށްވަނަ ދުވަސް ފާހަގަ ކުރަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. މިދުވަހުގެ ޝަރަފުވެރީންކަމަށްވާ ކަނބަލުންނަށް ކާމިޔާބާއި އުފާވެރިކަން ހުއްޓެވެ. ދުނިޔޭގެ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަކުރުމުން އެއިން ދޭހަކޮށްދެނީ މުޖުތަމައުގައި އެމީހުންގެ މުހިންމު ކަމެވެ. އެމީހުންގެ ބުރަދަން މުޖުތަމައުގައި ހުރި މިންވަރެވެ.

މިއަދަށްޓަކައި މާމެލާމެލީގެ ހަދިޔާތަކާއި ކޭކު ފެޅުމާއި އެހެނިގެން އަގުބޮޑު ހަދިޔާތަކުން ފުއްދައިލެވޭކަށް ނެތެވެ. ދުވަހުގެ މުހިންމު ކަމުގެ ބޮޑުކަމުންނެވެ. އަންހެނުންގެ ޒިންމާތައް ގިނަވެފައި ބޮޑު ކަމުންނެވެ. އެހެންކަމުން މިއަދު އެންމެހާ އަންހެނުން އަޒުމަކަށްވީ މިއަދަށްޓަކައި ވެސް އެމީހުންގެ މުހިންމުކަން އަމިއްލައަށް ދެނެގަތުމެވެ.

އާއިލާ ބިނާކުރުމުގައި އެމީހުންގެ ދައުރު ދެނެގަތުމެވެ. ދަރިން ތަރުބިއްޔަތު ކުރުމާއި ގައުމު ބިނާކުރުމުގައި އެމީހުންގެ ބައިވެރިވުން އޮންނާނެ މިންވަރު ވަޒަންކޮށްލުމެވެ. އަދި އެކަންކަމަށް ވަޒަން ކުރުމަށްފަހު އަމަލީގޮތުން އެމީހުންގެ ޒިންމާ ނަގައި ރަނގަޅު ނަތީޖާ ދައްކަން ފެށުމުން ދުވަހުގެ މަގުސަދު ހާސިލުވީ ކަމަށް ބެލެވިދާނެއެވެ. އިންސާނީ ހައްގުތަކުގެ ތެރޭގައި ދެ ޖިންސުގެ ހައްގުތައް ހަމަހަމައެވެ.

އެ ހައްގުތައް ވަކި އަތަކަށް ބުރައެއް ނުވާނެއެވެ. އެހެންވީމާ އިންސާނީ ހައްގުތަކުގެ ވާހަކަ މިދައްކަނީ އޭގެތެރޭގައި އަންހެނުންގެ ހައްގުތައް ވެސް ފުރިހަމައަށް ހިމެނިގެންނެވެ. އެކަން ދެޖިންސުގެ މީހުންވެސް ދަންނަންޖެހޭނެއެވެ. އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި ހަމަހަމަ ކަމަށް މުޅިދުނިޔެ ގޮވާލަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.

މިހާތަނަށް އައިއިރު އަންހެނުންނަށް ނުލިބިއޮތީ ކޮންހެއްގެއްތޯ ރައްކާތެރި ނުކުރެވިއޮތީ ކޮންހެއްގެއްތޯ އެންމެ ރަނގަޅަށް އެނގޭނީ އެ ކަނބަލުންނަށެވެ. އެހެންވީމާ އެމީހުންނަށް ގެއްލިފައިވާނަމަ ގެއްލިފައިވާ ހައްގެއް ހޯދައިދޭން މަސައްކަތް ކޮށްދިނުމަކީ ދެޖިންސަށް ވެސް އޮތް ކަމެކެވެ. ޖިންސީ ހައްގުތަކާއި ހަމަހަމަ ކަމުގެ ވާހަކަދައްކައި އެއަށް އަމަލުކުރަމުންދާ ފެޝަން ޒަމާނެއްގައި އެކަން ކުރަންވާނީ އިސްލާމީ ހުދޫދުގެ ތެރެއިންނެވެ. ﷲ އެކަމަށް ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިންނެވެ. އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދޭންވަނީ ފިރިހެނުންގެ ހައްގުތައް ނުގެއްލޭ ގޮތަށެވެ. ފިރިހެނުންގެ ހައްގުތައް ކަށަވަރު ކޮށްދޭންވާނީ އަންހެނުންގެ ހައްގުތައް ވެސް ނުގެއްލޭ ގޮތަށެވެ. ދީނުގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް އަންހެނުންގެ ހައްގުތަކޭ ކިޔައި ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އަޅުގަނޑުމެންނަށް ލިބިފައެއް ނުވެއެވެ.

އަންހެނުންގެ ދުވަހުގެ މިއަހަރުގެ ތީމް "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑަރ އިކުއަލިޓީ" ގައި ޖިންސުގެ ތަފާތުކަން ނައްތައި ހަމަހަމަކުރުމަށާއި ކުރިއެރުވުމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ސިއްހީ އަދި ތަރައްގީގެ ބޭނުންތައް ފުއްދުމުގައި އިނޮވޭޓިވް ޓެކްނޮލޮޖީގެ ދައުރަށް ބާރުއަޅައިފައެވެ. ޓެކްނޮލޮޖީގެ ޒަމާން އައިސް ދުނިޔެ ތަރައްގީ ވެއްޖެއެވެ. މީހުން ތަހުޒީބު ވެއްޖެއެވެ. އަދިވެސް އަންނަނީ ވަމުންނެވެ. ތަރައްގީވަމުން އަންނަ މިފަދަ ޒަމާނެއްގައި ކުޑަކުޑަ ދިވެހިރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް އިތުރުވެއްޖެއެވެ. އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން ގިނަވެއްޖެއެވެ. ޖަމިއްޔާ ޖަމާއަތްތައް އުފެދި އަންހެނުންގެ ހައްގުތަކާބެހޭ އަޑުތައް ގަދަ ވެއްޖެއެވެ. އެހެންނަމަވެސް އަދިވެސް ފިރިހެނުންނާއި އަންހެނުންގެ މެދުގައި އޮންނަ ތަފާތު ކުރުން ކުޑަކަމަށް ގަބޫލުނުކުރާ މީހުންވެސް އެބައުޅެއެވެ.

އަންހެނުންނަށް ނުކުރެވޭނެ ނުވަތަ އަންހެނުން ކޮށްގެން ނުވާނެ ކަންތައްތަކެއް ހުރެދާނެއެވެ. ދީނީގޮތުންނެވެ. ސަގާފީ ގޮތުންނެވެ. އާދަކާދަ ހުންނަ ގޮތުންނެވެ. އެހެންނަމަވެސް ދީން ހުއްދަ ކުރާކޮންމެ ކަމެއް ކުރުމަށް އަންހެނުން ކުރިމަތިލައިފިނަމަ ޖެއްސުން ކުރުމެއް ނެތެވެ. މަލާމާތް ކުރުމެއްނެތެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ހިތްވަރުދޭށޭވެ. އެކަމަށް ތާއިދުކޮށް މަގުތަނަވަސްކޮށްދޭށެވެ.

އަންހެނުން ޓެކްސީ ކުރަން ނުކުތުމަކީ ފަޚުވެރިވާންޖެހޭ ކަމެކެވެ. ކަނޑުއުޅަނދެއްގެ ކައްޕިއެއްގެ ގޮތުގައި ކަނޑުމައްޗަށް އެރުމަކީ އުފާކުރަންވީ ކަމެކެވެ. ހިތްވަރުދީ ސާބަސް ދޭން ޖެހޭ ކަމެކެވެ. މަލާމާތްކުރުމާއި ގޮންޖެހުންތައް ކުރިމަތި ކުރުވުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއްނޫނެވެ. އެއީ ތަހުޒީބު މުޖުމައެއްގެ ރޫހާއި އުސޫލާ ޚިލާފު ކަމެކެވެ. ގޮންޖެހުންތަކާއެކުވެސް އަންހެނުން ޓެކްސީ ޑްރައިވަރުން ރާއްޖޭގައި އިތުރުވާން ފަށައިފިއެވެ. ސިޔާސީ މައިދާން ވެސް އޮތީ އަންހެނުންނަށް ތަންމިނަށް ހުޅުވާލެވިފައެވެ. ކުރިމަތިލާންވީއެވެ. ފިރިހެނުންނާ ވާދަކޮށް ކާމިޔާބުކުރަންވީއެވެ. އެކަމަށް އެއްވެސް ހުރަހެއްނެތެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ ތެރޭގައި އަންހެނުންވަނީ އެމީހުންގެ ގާބިލްކަން ސާބިތުކޮށްދީފައެވެ. ފިރިހެނުންނަށް އެންމެ އިންޗިއެއްވެސް ދުލެއް ނުކުރެއެވެ. ބޭނުންވަނީ ހިތްވަރާއި ދިރުމެއްހުރި ވަރުގަދަ އަޒުމެކެވެ. ކުރިއަށްދެމިލާނޭ މާހައުލެކެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އަންހެނުން ގިނައެވެ. އެފަދަ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް މީގެކުރިން މާލާމާތް ރައްދުވިޔަސް އެކަން މިހާރުދަނީ މާޒީއާއެކުވަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މުޅު ދުނިޔެއަށް ނަމޫނާ ދެއްކޭ ފެންވަރުގެ ދިވެހި އަންހެނުން މިހާރު މަދެއް ނޫނެވެ. ޖުމްލަކޮށް ބުނާކަމަށް ވާނަމަ ދިވެހި އަންހެނުން ވަޒީ ފާއަދާނުކުރާ ދާއިރާއެއް މިހާރަކު ނެތެވެ.

ހުރިހާ ދާއިރާއަކުންވެސް އެމީހުންގެ ޒިންމާ ފެނެއެވެ. ވަޑާންކުރުމާއި، ޑައިވް ކުރުމާއި، ހެވީލޯޑު މަސައްކަތްތަކުން ވެސް ދިވެހި އަންހެނުން ފެނެއެވެ. ދިވެހި އަންހެނުން ކުރިމަތިލާ ކޮންމެ ދާއިރާއަކުން ގެންދަނީ ކާމިޔާބު ހޯދަމުންނެވެ. ދުނިޔޭގެ ފެންވަރުގައިވެސް މެއެވެ. އެއީ މުޅި ރާއްޖެއަށް ލިބޭ ރީތި ފަޚުރަކާއި ރީތި ނަމެކެވެ. މިހުރިހާ ދާއިރާތަކުން މިއަދު އަންހެނުން ފެންނަމުންދާއިރު އެމީހުން ގެންދަނީ އާއިލީ ޒިންމާވެސް ނަގަމުންނެވެ. އެހެންވީމާ އަންހެނުންނަށް މުޖުތަމައުގައިއޮތް ގަދަރާއި އިއްޒަތް ބޮޑެވެ. އެ އިއްޒަތާއި ގަދަރު ފިރިމީހާގެ ފަރާތުންނާއި އާއިލާގެ އެހެން މެމްބަރުންގެ ފަރާތުން ލިބެންޖެހެއެވެ. ވަޒީފާ އަދާކުރާތަނުން ވެސް އެކަން އެގޮތަށް ކުރަންޖެހެއެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ތީމް 'އެމްބްރޭސް އިކުއިޓީ' ގައި އިންސާފުވެރިވުމާއި، އެއްބައެއްވަންތަ ކަމާއެކު މިންތީގެ ހަމަހަމަކަމުގެ މުހިންމުކަމަށް ބާރު އަޅާފައިވަނީ އަންހެނުންގެ މުހިންމު ކަމުންނެވެ.