ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓޭޓް އިލެކްތްރިކް ކޮމްޕެނީ، ސްޓެލްކޯގެ އަންހެން ސްޓާފުންގެ ޝަރަފުގައި ހާއްސަ ހަފްލާއެއް އެ ކުންފުނިން ބާއްވައިފިއެވެ. މި ހަފްލާ ބާއްވާފައި ވަނީ ބުދަ ދުވަހުގެރޭ ކުޑަގިރީގައެވެ. މިހަފްލާގައި އެކުންފުނީގެ މުހިންމު ކަންތައްތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ.

މި ހަފްލާގައި މިންތީގެ ހަމަތަކާއި ގުޅޭގޮތުންނާއި، އަންހެނުން ބާރުވެރިކުރުމާއި ގުޅޭގޮތުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޖީހާން މަހުމޫދު ވަނީ ޝައުގުވެރިކުރަނިވި، އަދި އަގުހުރި އެތައް ވާހަކަތަކެއް ދައްކަވާފައެވެ.

ކުޑަގިރީގެ މި ހާއްސަ ހަފުލާގެ އިތުރުން ސްޓެލްކޯ އިން ވަނީ އެކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން، އަންހެނުން ބާރުވެރިކުރުމަށާއި، އަންހެން ލީޑަރުން އުފެއްދުމަށްޓަކައި، ތިން ދުވަހުގެ ވޯކްޝޮޕެއްވެސް ބާއްވާފައެވެ.