ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ނެޝަނަލް އައިޑެންޓިޓީ ކާޑް) ނުވަތަ އައިޑީ ކާޑު މުޅިން އާ ޑިޒައިނަކަށް ފަރުމާ ކޮށް ބަދަލު ގެނެއުމަށް "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" ހަވާލުކޮށްފިއެވެ.

އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" ހަވާލުކޮށްފައިވަނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ހޯދައިގެންވެ.

ޑީއެންއާރުން ވިދާޅުވި ގޮތުގައި އައިޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެފަރާތެއްގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައިކަމަށެވެ. އެގޮތުން މި މަސައްކަތް ހަވާލު ކުރާ ކުންފުނި ހޮވާފައިވަނީ ފަރުމާކުރާ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯއަކާއި، ފަރުމާގައި ބޭނުންކުރާ ކޮންސެޕްޓަށް ބެލުމަށްފަހުއެވެ.

އައިޑީ ކާޑުގެ އައު ޑިޒައިނުގައި ބޭނުން ކުރާ ކޮންމެ ކުރެހުމަކާ ކުލައަކުން ވެސް ދިވެހިރާއްޖެއާއި ދިވެހިންގެ ސަގާފަތް އަދި ދިވެހިންގެ އައިޑެންޓިޓީ ރަމްޒު ކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އައިޑީ ކާޑު ފަރުމާކުރުމުގައި ގެންގުޅޭ ފިކުރުގެ އަސާސްތައް ބިނާކުރަންވާނީ ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކައާއި މާއްދީ އަދި މަޢުނަވީ ސަގާފަތުގެ މައްޗަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޑީއެންއާރުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވަނީ ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކީ ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރުމުގެ ބޭނުމުގައެވެ. އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑެންޓިޓީ ކާޑެއް އުފެއްދުމަށް ޑީއެންއާރުން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1984 ވަނަ އަހަރު ފަރުމާކޮށްފައިވާ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ކާޑެކެވެ.