"އިން ސާވިސް ޓްރެއިނިންގް އޮފް އެޓިޑާސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވާސިޓީ، (ނޮއިޑާ)" އިން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރި ވުމަށް ރާއްޖޭގެ އެކި މީޑިޔާ ތަކުން އެޑިޓަރުންނާއި ނޫސްވެރިންގެ ޓީމެއް މިއަދު ފުރައިފިއެވެ.

މިއީ އަށް ދުވަހުގެ މުއްދަތަށް ބާއްވާ ޕްރޮގްރާމެއް ކަމަށާއި ޖުމްލަ 20 ފަރާތެއް ބައިވެރިވާ ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)އިން ވަނީ ބުނެފައެވެ. މިއީ އިންޑިޔާ ސަރުކާރުގެ އެހީގައި ހިލޭ ހިންގާ ޕްރޮގްރާމެކެވެ.

ރާއްޖެއިން ފުރައިގެން ދިޔަ މި ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަލްފާޟިލް އަޙްމަދު އާފް އަދި ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް ޑރ. ފާތުމަތު މުނާ ކަމަށް އެކުންފުނިން ބުންޏެވެ.

އެ ޕްރޮގްރާމްގައި އެތިކްސް އާއި، މީޑިއާ ދާއިރާގެ މުހިންމު ގާނޫނުތަކާއި، އެކި ހާލަތްތަކުގައި ހަބަރު ގެނެސްދީ ރިޕޯޓްކުރާނެ ގޮތްތަކާއި، ސޯޝަލް މީޑިއާގެ މުހިންމުކަން ފަދަ ބައިތައް ކިޔަވައިދީ ސެޝަންތައް ނޫސްވެރިންނަށް ހިންގާނެ ކަމަށް، މީޑިއާ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި އެ ގައުމުގެ ސަރުކާރުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ އެޑިޓަރުންނާއި ސީނިއާ ނޫސްވެރިންނާ ބައްދަލުކޮށް، މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރޭވިފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނި ގޮތުގައި، މި ތަމްރީން ދަތުރުގައި ބައިވެރިވާ ނޫސްވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، އަދި ނެޝަނަލް ކެޕިޓަލް ރީޖަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.