އީރާނުގައި ދާދިފަހުން ބާއްވާފައިވާ މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ 22 ހާސް މީހުން އީރާނުން މިނިވަން ކޮށްފިއެވެ. އީރާނު ސަރުކާރުން ވަނީ އެމީހުންނަށް އަފޫއާންމެއް ނެރެފައެވެ.

އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާރަހާކުރަން ފަށާފައި ވަނީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

މުޒާހަރާތައް ފެށެން ދިމާވީ އިސްލާމީ ޖުމްހޫރިއްޔާއިން ކަނޑައަޅާފައިފާ ގޮތަށް ހެދުން ނޭޅުމުގެ ކުށުގައި ހައްޔަރު ކުރި ކުރުދީ ސުންނީ އަންހެން ކުއްޖެއްކަމަށްވާ މަހްސާ އަމީނީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އަނިޔާކޮށް މަރާލުމާ ގުޅިގެންނެވެ.

އެއަށްފަހު އީރާންގައި ފެށުނު މުޒާހަރާތަކުގައި މީހުން އަގަލު ކެނޑި، ބުރުގާތައް ނަގައި އެއްލާލައި މަގު މެދުގައި އަންހެނުން ބޯކޮށައި، މުއްލާއިންގެ ފަގުޑި މަގުމައިން ޖަހައި ހަދާފައި ވެއެވެ.