ގަބޫލެއް ނުކުރެވޭނެ ކަމަކަށް ވެދާނެ އެވެ. އެކަމަކު ތަޖުރިބާ ކޮށްލުމަކުން މައްސަލައެއް ނެތްތާއެވެ. މިއީ ހަރަދު ކުޑަ، އެހާމެ ފަސޭހަ ގޮތެކެވެ. ރޯދަމަހަށް ތެލިތަށި އާކޮށްލާއިރު ވަރަށް މުހިންމު ތެލިތައް ބޭރު ހަޑިވެފައި ހުރުމުން ބޭކާރު ކޮށްލާހިތް ނުވިޔަސް ބަދަލުކޮށްލަން ބޭނުންވެއެވެ. ތަވާތަކާއި ތެލިތައް ނަގާ ތައްޔާރުވަމާ ހިނގާށެވެ.
ބޭނުންވާ ތަކެތި:
- ބޭނުން ވައްތަރެއްގެ އާދައިގެ ސައިބޯންޏެއް
- ކުޑަކޯކް ފުޅިއެއް
- އާދައިގެ ސާފު ފެންފުޅިއެއް
- މޭޒުމަތީ ބޮޑު ސަމުސަލުގެ 1 ސަމުސާ ލޮނު
- މިތަކެތި ކައްކާނެ ތެއްޔެއް
ތެއްޔަށް ސައިބޯނި ގާނާލާށެވެ. އެއަށްފަހު 2 ތަށްޓާއި 1/2 ތަށި ވާވަރަށް ކޯކް އެއަށް އަޅާށެެވެ. ދެން ފެންފުޅިން 2 ތަށި ފެން އަޅާށެވެ. މިއީ ހަމަ އާދައިގެ ސާފު ފެނެވެ. މަޑުގިނީގައި ސައިބޯނި ގިރި، އެއްވަންދެން ކައްކާށެވެ. ދޭފަތެއް ސަމުސާއެއް ބޭނުންކޮށްގެން އެއްކުރަމުން ގެންދާށެވެ.
މުޅިން ސައިބޯނި ގިރި އެކުވެ ނިމުމުން އުނދުނުގެ ގިނި މުޅިން މަޑުކޮށްލާށެވެ. އަދި 5 އައުންސްގެ ފެނަށް، (ބައި ތަށިފެނަށް) ލޮނު ސަމުސާ އަޅާށެވެ. ރަނގަޅަށް ފެންފޮދަށް ލޮނުކޮޅު ގިރުވުމަށްފަހު މަޑުމަޑުން ސައިބޯނި ފެން އެއްޗަށް އެއްކުރަމުން ގެންދާށެވެ. އެއްކުރަމުން ސަމުސަލުން އެއްވަރުކުރަމުންދާ ވަރަަކަށް ކުލަ ތަފާތުވެ އޮލަވާކަން ފާހަގަ ވާނެއެވެ.
ރަނގަޅަށް އޮލަވެ ސައިބޯނިއެތި އެއްވެ ނިމުމުން އުނދުން ނިވާާލާށެވެ. އަދި ސައިބޯނިފެން ތަށްޓަކަށް އަޅާށެެވެ. މަތި ޖެހުމަށްފަހު ފިނިވާން ބަހައްޓާށެވެ. ބޭނުމިއްޔާ ފްރިޖު ވެސް ކުރެވިދާނެއެވެ. އެކަމަކު އެއީ މާ މުހިންމު ކަމެއް ނޫނެވެ.
ހިހޫވެ ހަރުވެ ނިމުމުން ސްޕަންޖުގެ ތެލި ދޮންނަ ފަރާތުގައި ކުޑަ އެތިކޮޅެއް ހާކާށެވެ. އަދި ހަޑިވެ ކުލަ ހިފާފައިވާ ތަވާތަކާއި ތެލިތަކުގައި މަޑުމަޑުން ސައިބޯނިސްޕަންޖުން ސާފުކުރަމުން ގެންދާށެވެ. ތެލި ތަކާއި ތަވާތަކުގެ ކުލަ އަލިވާތަން އިސާހިތަކު ފެނިދާނެއެވެ.
މިއީ ބަދިގެއަށް ހަރަދު ކުޑަ އެހާމެ ފަސޭހަ، ހިތްހަމަޖެހޭ ފަދަ "ތެލި،ތަވާތަކުން ލައްފިލުވާ"އަކަށް ވާނެކަމަށް އުންމީދުކުރަމެވެ.