މިއަހަރު ބާއްވާ ރިޔާސީއިންތިޚާބުގައި ޖުމްހޫރީޕާޓީ (ޖޭޕީ) އިސްވެއޮވެ ވާދަކުރަން ރޭ ނިންމުމާ ގުޅިގެން އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ހޮވުމަށް ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް ނިންމައިފިއެވެ.

އެޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހު ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް އަސާސީ ގަވާއިދާ އެއްގޮތަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނޭ ކަމަށެވެ. އެހެންނަމަވެސް އެ ފުރުސަތު ހުޅުވާލާނޭ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް ވޯޓު ދޭނީ ޖޭޕީގެ ކައުންސިލް މެމްބަރުން ކަމަށް އަލީ ސާލިހު ވަނީ ވިދާޅުވެފައެވެ. އެޕާޓީގެ ކައުންސިލުގައި 100 އަށްވުރެ ގިނަ މެމްބަރުން ހިމެނެއެވެ.

މީގެ ކުރީން އެޕާޓީގެ ފަރާތުން ރިޔާސީއިންތިޚާބުގައި ވާދަކުރައްވާފައިވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.