ސަރުކާރުން ފަރެސްމާތޮޑާގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ރަސްމީކޮށް މިރޭ ހުޅުފައިފިއެވެ. އެ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ އެރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

މިރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ. އަދި މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ.

މިއީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ބިންހިއްކައިގެން ތަރައްގީ ކުރަން ފެށި އެއާޕޯޓެކެވެ. އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާލައި ހުޅުވުނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ.