ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކުރި އެއާޕޯޓުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުމަކީ ފަސްރަށެއްގެ ރައްޔިތުން ކުރަމުންއައި ފޮނިއުންމީދަށް ނިމުން އައިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާާޅުވީ އެ ފަސްރަށަކީ ފަރެެސްމާތޮޑާ، ވާދޫ، ފިޔޯރީ، ރަތަފަންދޫ، ނަޑައްލާ ކަމަށެެވެ. "މިރެއަކީ އަނެއްކާވެސް ހުވަދުއަތޮޅަށް ވަރަށް ޚާއްސަ ރެޔެއް. ފަރެސްމާތޮޑާގެ އެއަރޕޯޓަކީ މި ރަށުގެ އިތުރުން، ވާދޫ، ފިޔޯރީ، ރަތަފަންދޫ އަދި ނަޑައްލާގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ގެނެސްދިން ވަރަށް ފޮނި ނިމުމެއް،" ރައީސް ވިދާޅުވިއެވެ.

އެ ރަށްރަށުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ކުރަމުންއައި ފޮނި އުންމީދީ އިންތިޒާރަށް ރޭ ނިމުން އައިސްފައިވުމުން އެކަމުގެ އުފަލުގައި އެ ރަށްރަށުގެ ރައްޔިތުންނާއި މުޅި ހުވަދުއަތޮޅާއި އެ އަތޮޅު ދެކުނުބުރީ ރައްޔިތުންނަށް ވަރަށް ޚާއްސަ ގޮތެއްގައި ތަހުނިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އެމް.ޓީ.ސީ.ސީ.ގެ ހީވާގި ހިންގުންތެރިންނަށާއި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވި ހުރިހާ ބޭފުޅުންނަށް ރައީސްވަނީ ޝުކުރު ދަންނަވައިފައެވެ.

"މި އެއަރޕޯޓް މިރަށުގައި ގާއިމުކޮށް ހުޅުވުމުގައި، ފަރެސްމާތޮޑާ ރައްޔިތުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. އެއަރޕޯޓް ސަރަޙައްދު ސާފުކުރުމުގައި މި ރަށު އަންހެނުން އަދާކުރީ ވަރަށްބުރަ، ފާހަގަކޮށްލެވޭ މަސައްކަތެއް. އަދި އެއަރޕޯޓް ސަރަހައްދުގައި ގަސް އިންދައި ފެހި ކުރުމުގައިވެސް، މި ރަށުގެ އަންހެނުންނާއި ޒުވާނުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި. އެކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރޭ ހުޅުވި ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ސަރަޙައްދީ ވައިގެ ބަނދަރުތަކުގެ ގޮތުގައި ކާޑެއްދޫ، ކޫއްޑޫ، މާވާރުލުގައި ވެސް އެއަރޕޯޓެއް އެބަ ހިންގައެވެ.

"މި ވައިގެ ބަނދަރުން ސިފަކޮށްދެނީ ރާއްޖޭގެ ޖަޒީރާއެއްގެ މަލަމަތި. ދިވެހިންގެ އިހު ޒަމާނުގެ ކަނޑުމަތީ ސަވާރީއަކީ، ހޭޅިފަށުގައި ހުންނަ އޮޑިހަރުގެތަކުގެ ކަމަޅިމަތީ ފަށަން ދަމާލައިގެން ބަންނަ އޮޑިދޯނިފަހަރު. މިއަދު އަޅުގަނޑުމެންގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވައިގެ ބަނދަރެއް، އެފަދަ އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއާ ބުގިސްވެގެން އުފެއްދުނުއިރު ދިވެހިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް ސިފަވެގެން އެބަދޭ،" ރައީސް ވިދާޅުވިއެވެ.

ރަައީސް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުން އެތައް ގޮތަކުން، ވަރަށް ގިނަ ތަފާތުތައް އެމަނިކުފާނަށް ފެނިވަޑައިގެންނެވި ކަމަށެވެ. އެތަނުން ދަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށާއި، ފުރާ މީހުން ބޯޓަށް އަރާ މަންޒަރު ފެނުމަކީ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ތަނުގެ ޓަރމިނަލް ޢިމާރާތް ތިމާވެށްޓާ ވަރަށް ރައްޓެހި. ދުވާލުގެ ވަގުތުގައި ޤުދުރަތީ އަލިކަން ލިބޭ ގޮތަށް ހުރުމުން، ކަރަންޓުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. ޢިމާރާތުގެ މެދުގައި ހުރި ބަގީޗާއާއި މި ތަނުގެ ވައި ދައުރުވާ ނިޒާމުން، ދަތުރުވެރިންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ. އެކަމަށްޓަކައި މި އެއަރޕޯޓް ޑިޒައިން ކުރެއްވި ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނަށް އަދި އިންޖިނިއަރިންގގެ މަސައްކަތް ކުރެއްވި އެމް.ޓީ.ސީ.ސީ.ގެ ބޭފުޅުންނަށް އަޅުގަނޑު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.