އަންނަ އަންގާރަ ދުވަހު ރާއްޖެ އާއި ޕާކިސްތާން ކުޅޭ ބައިނަލްއަގުވާމީ ރަހްމަތްތެރިކަމުގެ ފުޓްބޯޅަ މެޗް، ކުޅިވަރާއި ބެހޭ މިނިސްޓަރ އަހްމަދު މަހްލޫފުގެ އެދުމަށް ލ.ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއްޔެ ހަމަޖައްސައިފިއެވެ.

މިމެޗް ކުޅޭނީ ގަމު ޒޯން ސްޓޭޑިއަމްގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރެއްވީ، ކުރެއްވި ޓްވީޓަކުންނެވެ.

ގަމު ޒޯން ސްޓޭޑިއަމް 4.6 މިލިޔަން ރުފިޔާ ޚަރަދު ކުރައްވައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހުޅުވީ 2020 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ޕާކިސްތާނާއި ދެކޮޅަށް ރާއްޖެއިން އެކުވެރިކަމުގެ މެޗެއް ކުޅޭއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައި އޮންނަތާ 7 މަސް ދުވަސް ވެއްޖެއެވެ. މިމުއްދަތުގައި ކްލަބުތަކުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައި ނުވާއިރު، ގައުމީ ޓީމުވެސް ކުޅެފައި ވަނީ އެންމެ 2 މެޗެވެ.

ޕާކިސްތާނަށް ބަލާއިރު، އެގައުމުން ފުރަތަމަ މަސައްކަތް ކުރީ މިމެޗް އެގައުމުގައި ކުޅެވޭތޯއެވެ. އެކަމަކު އެގައުމަށް ގޮސް މެޗް ކުޅެން ރާއްޖެއިން ބޭނުން ނުވުމުން ޕާކިސްތާނުން ރާއްޖެ އައުމަށް ނިންމީއެވެ.

ޕާކިސްތާނާއި ރާއްޖެ ބައްދަލު ކުރާ މެޗް ގައުމު ޒޯން ސްޓޭޑިއަމްގައި ފަށާނީ އަންނަ އަންގާރަ ދުވަހު ހަވީރު 15:45 ގައެވެ.