މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިލްމުވެރީންގެ ގުޅުމާ ބައްދަލު ކުރައްވައިފިއއެވެ.

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މިއީ އުމަރު ނަސީރުގެ އެދިވަޑައިގަތުމަކަށް ބޭއްވި ބއްދަލުވުމެއް ކަމަށެވެ. މިމަހު 15 ވަނަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށް ވާހަކަ ދައްކާފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކަމަށް އިލްމުވެރީންގެ ގުޅުމުން ވަނީ ބުނެފައެވެ.

އުމަރު ވިދާޅުވީ މި ބައްދަލުވުމުގައިވަނީ ރިޔާސީ އިންތިޚާބުގައި ކުރިއަށް ދިއުމަށް އައުގޮތްތައް ނުވަތަ އައު މިސްރާބުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައި ކަމަށެވެ.

އުމަރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ކަމަށްވާނަމަ އިސްލާމީ ޝަރިއަތް ރާއްޖޭގައި ގާއިމްކޮށް އެކަމް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އަދި ރާއްޖެއިން ގޭންގުތައް ނައްތާލައި އަމާން ގައުމަކަށް ރާއްޖެ ހައްދަވާނޭ ކަމަށް ވެސް އުމަރު ގެންދަވަނީ ވިދާޅުވަމުންނެވެ.