ޔުއެފާ ޔުރޮޕާ ލީގް ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަން އަތުން 5-3 އިން ބަލިވެ އިނގިރޭސިވިލާތުގެ މަޝްހޫރު އާސެނަލް ރޭ ކަޓައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައިގައި ކުޅުނު މިމެޗް ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ދެލެގުގެ ނަތީޖާއަށް ބަލާއިރު 3-3 އިން އެއްވަރުވާތީވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުވެސް އެއްވެސް ޓީމެއްގެ ކޮޅަށް ނަތީޖާ ބުރަ ނުވުމުންނެވެ. މިދެޓީމު ބައްދަލު ކުރި ފުރަތަމަ ލެގް ސްޕޯޓިންގެ ދަނޑުގައި ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ރޭ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އާސެނަލްއިންނެވެ. މިލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްވިޓްޒަލޭންޑުގެ އިތުބާރު މިޑްފީލްޑަރު ގްރަނިތް ޒަޚާއެވެ. ސްޕޯޓިންއިން އެއްވަރު ކުރީ ދެވަނަ ހާފުގައި އެޓޭކިންގ މިޑްފީލްޑަރު ޕެޑްރޯ ގޮންކަލްވެސް ޖެހި ހިތްގައިމު ލަނޑުންނެވެ.

މިލަނޑު ގޮންކަލްވެސް ޖެހީ މެދު އާސެނަލްގެ ހާފްގެ ތެރިން މެދު ރޮނގާ ދާދި ކައިރީގައި ހުރެ، އާސެނަލްގެ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭރު އާސެނަލްގެ ކީޕަރު ރަމްސްޑޭލް ހުރީ ހުރީ އޭރިޔާގެ ތެރެއަށް ކުޑަކޮށް ކުރިއަށް ނިކުމެއެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި އާސެނަލް އަތުން ބޭކާރުވީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް މާޓިނެއްލީ ފޮނުވާލި ޕެނަލްޓީއެވެ. ސްޕޯޓިންގއިން ފޮނުވާލި 5 ޕެނަލްޓީވެސް އެޓީމުން ކާމިޔާބު ކުރިއެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލްއާ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ދެވަނަ ލެގުގައި ރެއާލް ބެޓިސް 1-0 އިން ބަލިކޮށް ދެލެގުގެ އެގްރިގޭޓުން 5-1 އިން ކުރި ހޯދައި ކުއާޓާއަށް ދަތުރު ކޮށްފައެވެ. މީގެ އިތުރުން އިޓަލީގެ މަޝްހޫރު ޔުވެންޓަސް އާއި ރޯމާ އަދި ސްޕެއިނުގެ ސެވިއްޔާވެސް ވަނީ ކުއާޓާއިން ރޭ ޖާގަ ހޯދާފައެވެ.