މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ 2017 ވަނަ އަހަރުގެ ޖުލައި މަހުގައި މަރާލާފައިވާ، ރ މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރީންނަށް ބިރުދައްކާފައިވާ ކަމަށް، ދައުލަތުން ބުނެފި އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ.

ދައުލަތުން ހުށަހަޅާފައިވާ ބައެއް ސިއްރު ހެކިވެރިން ކޯޓަށް ހާޒިރުވެފައިނުވެއެވެ. އެހެންކަމުން އެ މީހުންގެ ހެކިބަސް ނެގިފައެއް ނުވެއެވެ. ދައުލަތުން ކޯޓުގައި ބުނެފައިވަނީ ހެކިބަސް ދިނުމަށް އެ މީހުން ކޯޓަށް ހާޒިރުނުވީ ނުފޫޒު ފޯރުވައި ބިރުދައްކާތީ ކަމަށެވެ. ނަމަވެސް، އޭގެ ތަފްސީލެއް ދައުލަތުން ދީފައެއްނުވެއެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 13ގައެވެ. އެ ދުވަހު އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވި ގޮތުގައި، ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމަށް ފަހު، ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.