އދ. މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ހިންގި އެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 20 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހެކެވެ.

އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓާއި، އަށް ސެލޯފިންކޮޅާއި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް އެފަރާތުން ވިދާޅުވިއެވެ.

މާމިގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.