ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާ ލީޑްކޮށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ ޖިނާއީ ކުށުގެ ތުހުމަތުކޮށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމް ހައްޔަރު ކުރުން ބަލައެއް ނުގަންނަ ކަމަށް އެ ކޯލޮޝަނުން ބުނެފިއެވެ.

އެއީ ހަޑިމުޑުދާރު އަމަލެއް ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް ބުނެފައިވެއެވެ. "ސުލްޙަވެރި އިޙުތިޖާޖުގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ނާއިބު ރައީސް ޝިޔާމް އެސަރަހައްދުގައިވެސް ނެތް ވަގުތަކަށްވާއިރު، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް އެމަނިކުފާނު ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއެއްކަށް ނޫނީ ނުވާނެއެވެ." އެބަޔާނުގައި ވެއެވެ.

ރޭ ކުރިއަށް ގެންދިޔަ އިޙުތިޖާޖު ނިންމާލުމަށްޓަކައި އިޙުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށް ވެސް ކޯލިޝަނުން ބުނެފައިވެއެވެ. "އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ޢަމަލެއްގެ ގޮތުގައި ތުހުމަތު ކުރަމެވެ. އެހެން ނޫންކަމަށްވާނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ ޢަމަލެކެވެ. ނުވަތަ އެ 2 މުއައްސަސާ އެންމެ މަތިން ފެށިގެން ފެއިލް ވެފައިވާ ކަމުގެ ޢަލާމާތެކެވެ. ވީމާ، މި މައްސަލަ މިނިވަން މުސްތަޤިއްލު ފަރާތަކުން މިހާރުން މިހާރަށް ލަސްނުކޮށް ތަޙުޤީޤުކޮށް އެ 2 މުއައްސަސާ އިސްލާޙު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލަމެވެ،"

ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤަކީ ދިވެހި ކޮންމެ ރައްޔިތަކަށް މުޠަލަޤަށް ކަށަވަރުކޮށްދީފައިވާ ޙައްގެއް ކަމަށާއި، އެ ޙައްޤެއްގެ ބޭނުން ކުރުން އެއީ ޖިނާޢީ ކުށެއްކަމަށް ކަނޑައެޅުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެސް ފަރާތަކަށް ދީފައިވާ ޙައްޤެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

"އެހެންކަމުން މިރޭ (ރޭ) ގެ އިޙުތިޖާޖުގެ ތެރެއިން ޖިނާއީ ކުށެއް ކުރި ކަމަށް ބުނެ ޙައްޔަރުކޮށްފައިވާ ޕީޕީއެމް ގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އަދި މިރޭގެ ސުލްޙަވެރި އެއްވުމުން ޙައްޔަރުކުރި 21 ބައިވެރިން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ. އަދި އެއްވުންތަކުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް ކުރަމުން ދާ އަނިޔާތައް ހުއްޓައިލައި، ފުލުހުންވެސް ޤާނޫނީ އިމުގެ ތެރެއިން ޢަމަލު ކުރުމަށް ގޮވާލަމެވެ. އަދި މިފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ މުއައްސާތަކުން އެމުއައްސަސާތަކާއި ޙަވާލުކުރެވިފައިވާ ޤާނުނީ ޒިންމާ އަދާކުރުމަށްވެސް ގޮވާލަމެވެ."

ފުލުހުން މިހާރުވަނީ ޝިޔާމް ދޫކޮށްލައިފައެވެ.