ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން މިވަގުތަށް އެޅެންހުރި ބައެއް ފިޔަވަޅުތައް އަޅުއްވައިފިއެވެ.

އެގޮތުން ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ކުރިން ހުންނެވި ކާނަލް ޢަބްދުالله އިބްރާހީމް މިހާރުވަނީ މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކުރައްވާފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެބަދަލަށްފަހު ޕްރެޒިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުމުން މިހާރުވަނީ މޭޖަރ އިބްރާހީމް ޙަލީމާ ޙަވާލު ކުރައްވާފައެވެ. މިއީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފްގައި ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާ އެއްގޮތްވާ ގޮތުގެ މަތީން އަޅުއްވާފައިވާ ފިޔަވަޅު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައްވައިފައެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މިއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ދިފާޢީ ވަޒީރު ޢަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީއެއް ކަމަށެވެ. އެހެންނަމަވެސް ކޮމިޓީއާ ބެހޭ އިތުރު ތަފްސީލެއް ދެއްވައިފައި ނުވެއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ ރޭ މާލާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިންނެވެ. އެމައްސަލާގައި 4 މީހަކު ބަންދުކޮށް މިއަދު ވަނީ ކޮޓުން މުއްދަތު ވެސް ޖަހައިދީފައެވެ.