ޗިލީގެ ރައީސް ސެބާސްޝިއަން ޕިނިއެރާ 3،500 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ޗިލީގެ ސިއްހީ އިދާރާތަކުން ރައީސް ސެބާސްޝިއަން ޕިނިއެރާ ޖޫރިމަނާ ކުރީ، މާސްކް ނާޅާ ހުންނަވައި އާންމުންގެ މީހަކާއެކު ސެލްފީއެއް ނެންގެވި މައްސަލާގައެވެ.

މިކަން ހިނގާފައިވަނީ މި ޑިސެމްބަރުމަހުގެ ކުރީކޮޅުގައެވެ. އެހެން ނަމަވެސް، މިމައްސަލަ ބެލުމަށްފަހު ސިއްހީ އިދާރާތަކުން ރައީސް ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ރައީސް ސެބާސްޝިއަން ޕިނިއެރާ މާސްކް ނާޅާ ހުންނަވައި އާންމުންގެ މީހަކާއެކު ނެންގެވި ސެލްފީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ބައެއްގެ ފާޑުކިއުން ރައީސަށް އަމާޒުވެގެންދިޔައެވެ.

ރައީސް ސެބާސްޝިއަން ޕިނިއެރާ ފަހުންވަނީ އެކަމަށް މައާފަށްވެސް އެދިވަޑައިގެންފައެވެ.

ޕިނިއެރާ ވަނީ އެކަން ހިނގައިދިޔަ ގޮތްވެސް ކިޔައި ދެއްވާފައެވެ.

ރައީސްގެ ގެކޮޅު ހުންނަނީ ޗިލީގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ކަޝަގުއާގައެވެ. އަދި އެއްދުވަހު ބީޗްގައި ހިނގާލަން އެކަނި ނުކުމެ އުޅުއްވަނިކޮށް އަންހެނަކަށް އޭނާ އެނގިގެން ސެލްފީއެއް ނަގަން އެދުމުން އެކަން ކުރެވުނީ ކަމަށް ރައީސް ސެބާސްޝިއަން ޕިނިއެރާ ވިދާޅުވެފައި ވެއެވެ. އޭރު ރައީސް ހުންނެވީ މާސްކް ނާޅުއްވައެވެ.

އެކަމަކު، މާސްކް އެޅުމާ ގުޅޭގޮތުން ޗިލީގައި ވަރަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން، އާންމު ތަންތާނގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ.

މާސްކް ނާޅާމީހުން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލަށްލާންވެސް ކަނޑައަޅާފައި އޮވެއެވެ.

މާސްކް ނާޅާ ހުންނަވައި މީހަކާއެކު ސެލްފީ ނެންގެވި މައްސަލާގައި ޗިލީގެ ރައީސް 3،500 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވުނުއިރު، ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު ކުރެވުނު މުޒާހަރާތަކެއް ހިނގަމުންދިޔަ ވަގުތު ޗިލީގެ ރައީސް ޕިއްޒާ ޕާޓީއެއްގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް ކުރިން އާންމުވެފައި ވެއެވެ.

ކޮވިޑްބަލިމަޑުކަމުގެ ސަބަބުން މުޒާހަރާތައް ހުއްޓި، އާންމުން ގޭގައި ތިބެން މަޖުބޫރުވެފައި ވަނިކޮށް މުޒާހަރާކުރާ މީހުން އެއްވި މައިދާނުގައި ރައީސް ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުވެ، އެމައްސަލަވެސް ވަރަށް ހޫނުވެގެންދިޔައެވެ.