މިފްކޯއަށް ގެންނަ ބޮޑު މަސްކިރާ ބޯޓް "ޖަޒީރާ 103" ރާއްޖެ އައުމަށް ފުރައިފި ކަމަށް ބޯޓަށް ފައިނޭންސްކުރި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ މި ބޯޓު އެޕްރީލް 7 ގައި ރާއްޖެ ވަންނާނޭ ކަމަށެވެ. މިއީ ދުވާލަކު 120 ޓަނު މަސް ގަޑު ކުރެވޭނެ ޖާގަހުރު ބޯޓެކެވެ. އޭގެ އިތުރުން 420 ޓަނު މަސް ރައްކާކުރެވޭނޭ ކަމަށް ވެސް އަމްރު ވިދާޅުވެފައިވެއެވެ. މިފްކޯއިން ބުނެފައިވަނީ މި ބޯޓުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނޭ ކަމަށެވެ. ރާއްޖޭގައި މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިން ބާނާ ހުރިހާމަހެއް ނުކިރުމުގެ ޝަކުވާ މިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއީ 2005 އިން ފެށިގެން އިންތިހާއަށް މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ.

މި ޝަކުވާއަށް ނިމުމެއް ގެނައުމަށް މިފްކޯއިން ވަނީ މިދިޔަ ޑިސެމްބަރުގައި ވެސް އިތުރު 3 ބޯޓެއް ގަނެފައެވެ. މިއީ ވެސް ކުންފުނީގެ މަސްގަތުގެ ކެޕެސިޓީ އިތުރު ކުރުމަށް ގަނެފައިވާ ތިން ބޯޓެވެ.

ޖަޒީރާ 103 ރާއްޖެ އައިސް އެ ބޯޓު އޮޕަރޭޝަނަށް ނެރެވޭނީ ކިހާދުވަހެއްގެ ފަހުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.