ބޯހިޔާވަހި ކަމުގެ ސިޔާސަތު ގެ ދަށުން ގދ އަތޮޅުގެ ރަށްތަކުގައި ރޯ ހައުސް އާޅާ ފުލެޓްތައް އަޅަމުން ދިޔައިރު ފިޔޯރީގައި އެފަދަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ހިންގާފައި ނެތުމަކީ ފިޔޯރީ ޒުވާނުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފައިޒަރު މިހެން ވިދާޅުވެފައި ވަނީ ސޯޝަލްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން "ހަލި" ނޫޙުން ގުޅުމުން ފައިޒަރު ވިދާޅުވީ މިއީ ހަގީގަތެއްކަމަށާއި ފިޔޯރީގައި ގެދޮރުވެެރިކަމުގެ މައްސަލަ ބޮޑުކަމަށެވެ.

ދިރި އުޅުމަށް ގޯއްޗެއް ލިބުނަސް އެ ބިމުގައި ދިރިއުޅެމެއް ފަށަން ކޮޓަރި ގަޑެއް އަޅާލެވޭނެހާ އާމްދަނީ އެއް ނުލިބުމުގެ ސަބަބުން، ރަށުން ދޫކޮށްފައިވާ އެތައް ސަތޭކަ ގޯތި އޮންނަނީ ވިނަ ޖަންގައްޔެއްހެން ކަމަށްވެސް ފައިޒަރު ވިދާޅުވިއެވެ.

"ދިރިއުޅުމުގެ ޒަވަޖީ ހަޔާތެއް ފަށަން ކިތައްމެ ބޭނުންވިޔަސް ގެދޮރުވެރިކަމެއް ނެތުމުގެ ސަބަބުން އެކަމުންވެސް ވަނީ މަހުރޫމްވެފައި އެއާއެކު އިޖުތިމާޢީ އާއިލީ އެތައް މައްސަލަ ތަކަކާއި ވަނީ ކުރިމަތި ލާން ޖެހިފައި." ފައިޒަރު ވިދާޅުވިއެވެ.

މިހާލަތުން އަރާއި ގަތުމަށް އަތޮޅުގެ އެހެން ރައްތަކުގަ ހިންގާފައިވާ ގޮތަށް ފިޔޯރީގަ ވެސް ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން، ރޯހައުސް ތަކެއް ނޫނީ ފުލެޓް ތަކެއް ފިޔޯރީ އަށް ވެސް މި ވަނީ އިންތިހާ އަށް ބޭނުން ޖެހިފައި ކަމަށް ވިދާޅުވެ ފިޔޯރީ ކައުންސިލް ރައީސް ވަނީ މިޕޯސްޓު ރައީސް އޮފީސް، މިނިސްޓަރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް، މިނިސްޓަރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ އަށް ޓެގް ކުރައްވާފައެވެ.