އައްޑޫސިޓީގެ ހިތަދޫގައި އިމާރާތް ކުރެއްވި މިސްކިތް "މަސްޖިދުލް ވާލިދައިނި" ހުޅުވައިފިއެވެ. ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން މި މިސްކިތް ހުޅުވައިދެއްވައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމަށާއި އަދި މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.

ހެޔޮއެދޭފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތަކީ މުންނާރާއި ގުއްބު ހިމެނޭގޮތަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތަކީ 250 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވައިދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެކަޑަމީގެ މަސައްކަތްތައްތައް ކުރިޔަށްދާގޮތް އޮޅުންފިލުއްވައިފައެވެ.އެގޮތުން އިންސްޓަރކްޓަރުން ލިބުމުގައި ކުރިމަތިވާ ދަތިތައްމޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިން ފާހަގަކުރެއްވި ކަމަށް ރައިީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެއް ދުވަހުގެ ރަސްމީ ދަތުރުފުަޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.