އޭނާއަކީ ކުޅަދާނަ ކިއްސަރު ވަޑިއެކެވެ. އޮޑިދޯނިފަހަރު ފަރުމާ ކުރުމާއި ބަނުމަކީ އޭނާގެ ހުނަރެވެ. މިހިސާބަށް އޭނާ ވަނީ ސަތޭކައަށްވުރެ ގިނަ މަސްދޯނި ފަރުވާ ކޮށްދީފައެވެ. ފަންސާހަށް ވުރެ ގިނަ ދޯނި ބަނދެފައެވެ. މި ޒުވާން ވަޑިއަކީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ވައިޖެހޭގޭ އާތިރު އިބްރާހީމެވެ.

އާތިރުގެ ކާފައަކީ ކުޅަދާނަ ވަޑިއެކެވެ. އަތިރުގެ ބައްޕައަކީ މަޝްހޫރު ވަޑިއެއް ކަމަށްވާ ސަންޑޭ އިބްރާހީމް ދީދީ އެވެ. ކިއްސަރު ވަޑާމަށް ޝައުގުވެރިވީ އޭނާގެ ބައްޕަ އެ މަސައްކަތް ކުރާތަން ފެނިގެން ކަމަށް އާތިރު ބުންޏެވެ. އޭނާ އައީ 1996 ވަނަ އަހަރުން ފެށިގެން ބައްޕައާއެކު މަސައްކަތް ކުރަމުންނެވެ. އެއަށްފަހު އެމަސައްކަތް ދަސްކޮށް ހުނަރު އިތުރުކުރުމަށް އޭރުގެ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރ (ވީޓީސީ) އިން ކޯސް ހެދިއެވެ.

އާތިރުގެ މޭސްތިރި ކަމުގެ ދަށުގައި ބަނދެފައިވާ އޮޑިއެއް

ވަޑާމުގެ ހުނަރާއި ޑިޒައިން ކުރުމުގެ މަސައްކަތް ދަސްކުރުމަށްފަހު ރަސްމީކޮށް މިދާއިރާގައި އޭނާ މަސައްކަތްކުރަން ފަށާފައިވަނީ 199 ވަނަ އަހަރުއެވެ. އެފަހުން އޭނާ އެނބުރި ފަހަތަށް ނުބަލައެވެ. ދިޔައީ ކުރިއަށެވެ. އަދިވެސް ދަނީ ކުރިއަށެވެ. މިހާރު އޭނާއަކީ ދެކުނުގެ އެންމެ ކުޅަދާނަ ޒުވާން ވަޑީންގެ ތެރޭގައި ހިމެނޭ ނަން މަޝްހޫރު ވަޑިއެކެވެ. އޭނާގެ އަތް ނުފޯރާ އެއްވެސް ހިސާބެއް ރާއްޖެއަކު ނެތެވެ. އޭނާ ފަރުމާކުރި އޮޑިއެއް ނުދުވާ ކަނޑެއް ރާއްޖެއަކު ނެތެވެ.

ހއ. އިން ފެށިގެން އައްޑޫ ސިޓީއާ ދެމެދު އޭނާ ޑިޒައިން ކޮށްފައިވާ ދޯނިފަހަރު މަދެއް ނޫނެވެ. އޭނާއަކީ މަސްދޯނި ފަހަރު ފަރުމާކޮށްދިނުމުގައި އަރައިހުރި ޒުވާން ވަޑިއެވެ. ޒަމާނާ އެއްގޮތަށެވެ. އޮޑިވެރިން ރޫހޭ ގޮތަށެވެ. ގާބިލު މާކެޔޮޅުން ގަޔާވާ ގޮތަށެވެ. ބައެއް މީހުން އޭނާއާ މުޚާތަބުކޮށް އުޅެނީ ވެސް ދެކުނުގެ މާވަޑިއާގެ ނަމުންނެވެ.

އާތިރުގެ މޭސްތިރި ކަމުގެ ދަށުގައި ބަނދެފައިވާ އޮޑިއެއް

މިހާތަނަށް އޭނާ ކުރެހި ކުރެހުމަކަށް އޭނާ ދަމާލި ކިއްސަރަކަށް މާބޮޑު ފާޑުކިޔުމެއް އައިސްފައެއް ނުވެއެވެ. އޭނާ ދަމާލާ ކޮންމެ ކިއްސަރެއް ވެގެން ގޮސްފައިވަނީ އޮޑިވެރިޔާގެ ހިތް ދަމައިގަންނަ ކިއްސަރަކަށެވެ. އެނާއާ ހަމައަށް އެއްވެސް ޝަކުވާއެއް އައިސްފައި ނެތަސް އޭނާ ގަބޫލުކުރަނީ އޮޑިވެރިންގެ ކުދިކުދި ޝަކުވާތަކެއް ނުވަތަ ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށެވެ. "މިހާތަނަށް އެއްވެސް ޝަކުވާއެއް ނެތް ލިބިފައެއް. ކޮންމެ އޮޑިވެރިއަކުވެސް ހުންނަނީ ހިތްހަމަޖެހިފައި ކަމަށް ފެންނަނީ. އަޅުގަނޑާ ހަމައަށް މައްސަލައެއް ނަޔަސް އަޅުގަނޑު ގަބޫލުކުރަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް ބައެއް އޮޑިވެރިންގެ ހުރެދާނެ ކަމަށް،" އާތިރު ބުންޏެވެ.

އާތިރުގެ މޭސްތިރި ކަމުގެ ދަށުގައި ބަނދެފައިވާ އޮޑިއެއް

އާތިރު ބުނީ އޮޑިއެއް ބަނަސް ފަރުމާކޮށްދިނަސް އެކަން ކޮށްދެނީ އޮޑިވެރިޔާ ބޭނުންވާ ގޮތަށް ގަވާއިދުގެ ތެރެއިން ކަމަށެވެ.

"ބައެއް މީހުން ބޭނުންވެދާނެ ހިމަކޮށް ދިގުކޮށް ކަނޑުގައި ވަރަށް ރީތިކޮށް ދުވާގޮތަށް އޮޑިއެއް ބަންނަން. އަދި ވަރަށް ބާރަށް ދުވާ ކިއްސަރަކަށް އޮޑި ބަންނަން. އެފަދަ ހާލަތުގައި ވެސް ގަވާއިދުގެ ތެރެއިން އޮޑިވެރިޔާ ބޭނުން ގޮތަކަށް އެކަން ކޮށްދެވޭތޯ ބަލަނީ. އެއްވެސް ޓެކްނިކަލް މައްސަލައެއް އެއިން ދިމާވެދާނެ ކަމަށް ވާނަމަ އެކަން އޮޑިވެރިޔާއަށް ކިޔައިދީގެން މަޝްވަރާ ކޮށްގެން ހައްލު ކުރަމުން ދަނީ،"
އާތިރު
އާތިރުގެ މޭސްތިރި ކަމުގެ ދަށުގައި ބަނދެފައިވާ އޮޑިއެއް

އާތިރަކީ ދެކުނުގެ ޒުވާން މާވަޑިއާއެވެ. އޭނާއަކީ އެންމެނާ ގުޅޭ މާވަޑިއާއެވެ. އޭނާއަކީ އެންމެ ހުނަރުވެރި ވަޑީންގެ ތެރޭގައި ހިމެނޭ ކުޅަދާނަ މާވަޑިއެކެވެ. އޭނާ ކިތަންމެ ހުނަރުވެރިއެއް ކަމަކު އޭނާގެ ޝަކުވާތަކެއް އެބަހުއްޓެވެ. ހިތްހަމަ ނުޖެހުންތަކެއް އެބަހުއްޓެވެ. އެއީ ސަރުކާރުތަކާ މެދު ހުރި ހިތްހަމަނުޖެހުން ތަކެކެވެ.

"ފާއިތުވި ސަރުކާރުތަކަށް އެނގިވަޑައެއް ނުގަންނަވާ ރާއްޖޭގައި އޮޑިދޯނިފަހަރު ބަނުމުގެ ސިނާއަތެއް އެބައޮތްކަމެއް. ރައީސް މައުމޫނުގެ ދައުރަށް ފަހު އެދާއިރާ މުޅިން ވަޅުޖެހިއްޖެ. އެ ދާއިރާ ދިރުވައި ކޮޅަށްޖަހާނެ ސަރުކާރެއް އެފަހުންނާދޭ. އަޅުގަނޑަކީ ރައީސް މައުމޫންގެ ވެރިކަމުގައި މި މަސައްކަތް ދަސްކުރި މީހެއް. އޭރު ކިޔަވައިދޭން ތިބި ފެންވަރު ރަނގަޅު ހުނަރުވެރި މަސައްކަތެރި މުދައްރިސުން. އެހެންނަމަވެސް މިހާރު އެދާއިރާ ހީނަރުވެ މަރުވެއް. އުންމީދު ކުރަނީ ރާއްޖޭގައި މިހާރުމިއޮތް ސަރުކާރުން މިކަމަށް ވެސް ވިސްނަވައި ހައްލެއް ގެންނަވާނެ ކަމަށް،"
އާތިރު

އާތިރު ބުނީ ސަރުކާރަށް ހުށަހަޅާ އެއްވެސް ފޯމެއްގައި ވަޑިންގެ ވާހަކައެއް ހިމަނާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެންމެ ކުޑަމިނުން ބޯކޮށާ މީހުންގެ ވާހަކަ ވެސް ބައެއް ފޯމުތަކުގައި ހިމަނާފައިވާ ކަމަށް އޭނާ ބުންޏެވެ. ވަޑިންގެ ވާހަކަ ނެތުމުން ލޯނެއް ނަގަން ޖެހުނަސް އެހެން ކަމަކަށް އެޕްލައި ކުރަން ޖެހުނަސް ކޯޓާއެއް ހޯދަން ވިޔަސް ވަރަށް ބޮޑަށް ދަތިވާކަމުގެ ޝަކުވާ އޭނާ ކުރިއެވެ.

އާތިރުގެ މޭސްތިރި ކަމުގެ ދަށުގައި ބަނދެފައިވާ އޮޑިއެއް

މިކަންކަމަކީ ރަނގަޅު ކުރަންޖެހޭ ކަންކަން ކަމަށް އޭނާ ބުންޏެވެ. އެހެންނޫނީ މިދާއިރާއިން ޒުވާނުން އުފެދުމުގެ ފުރުސަތުވެސް ކުޑަވާނެއެވެ. "ކޮންމެ ދާއިރާއަކުން ވެސް އައު ކުރިތައް ފަޅައި ނިރުލަމުން ހެދެމުން ބޮޑުވަމުން ދާނީ އެއަށް ފެންދިން މިންވަރަކުން. ބެލެހެއްޓި މިންވަރަކުން. ސަމާލުކަންދިން މިންވަރަކުން. އަޅުގަނޑު ސަރުކާރުގައި މިއެދެނީ މިދާއިރާއަށް އިސްކަމެއް ދެއްވާށޭ. މިދާއިރާ އަލުން ކޮޅަށް ޖައްސަވައި ދެއްވާށޭ،" އާތިރު ބުންޏެވެ.