ފުޓްބޯޅަ ކުޅުންތެރިންނަކީ އަބަދުވެސް މީޑިޔާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ބައެކެވެ. ކުޅުންތެރިން ޗުއްޓީއަށްދާ މަންޒިލްތަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކާއި ގެންގުޅޭ ކާރާއި ޗެރިޓީއަށް ހޭދަކުރާ ގޮތާއި ލިބޭ މުސާރައަކީ މީޑިޔާއިން ވަރަށް ބޮޑަށް ފާރަލާ ކަންކަމެވެ.

މީގެ ތެރެއިންވެސް ކުޅުންތެރިންނަށް ލިބެނީ ކިހާވަރެއްގެ މުސާރައެއްތޯ ބެލުމަށް މީޑިޔާއިން ވަކި ހާއްސަ ސަމާލުކަމެއް ދެއެވެ.

"ހަލި ނިއުސް" އިން މިހަފްތާގައި މިބަލާލަނީ ދުނިޔޭގެ އެންމެ ވަރުގަދަކަމަށް ބުނާ އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ 10 ކުޅުންތެރިންނަށެވެ.

10. ޚާލިދޫ ކުލިބަލީ (ޗެލްސީ)

އުމުރުން 31 އަހަރުގެ ޚާލިދޫ ކުލިބަލީ، ޗެލްސީއަށް ބަދަލުވީ މިސީޒަނުގައެވެ. އިޓަލީގެ ނަޕޯލީގައި މޮޅު ކުޅުމެއްދެއްކި އަދި ސެނަގާލް ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ވަރުގަދަ ޑިފެންޑަރު ކުލިބަލީއަށް ޗެލްސީން ހަފްތާއަކު 295،000 ހާސް ޕައުންޑް މުސާރައިގެ ގޮތުގައި ދެއެވެ.

9. ކެސެމީރޯ (މެންޗެސްޓަރ ޔުނައިޓެޑް)

ބްރެޒިލް ގައުމީ ޓީމުގެ ކެޕްޓަނަކަށް މިފަހުން ހަމަޖެއްސި ކެސެމީރޯއަކީ އޭނާގެ އިތުރު ތައާރަފެއް ފުޓްބޯޅައިގެ ދުނިޔެއަށް ބޭނުން ނުވާވަރުގެ މޮޅު ޑިފެންސިވް މިޑްފީލްޑަރެކެވެ. ރެއާލް މެޑްރިޑުގައި ހުއްޓައި މިސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުން ކެސެމީރޯ ގެނައީ ހަފްތާއަކަށް 300،000 ޕައުންޑުގެ މުސާރައަކަށެވެ.

8. ޖެކް ގްރީލިޝް (މެންޗެސްޓަރ ސިޓީ)

އެސްޓަންވިލާއިން ވިދާލި އަދި އިނގިރޭސި ގައުމީ ޓީމުގައިވެސް މިހާރު މުހިއްމު ދައުރެއް އަދާކުރާ ޖެކް ގްރީލީޝްއަކީ މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މިސީޒަނުގައި އެންމެ އިތުބާރުކުރާ އެއްކުޅުންތެރިޔާއެވެ. ސިޓީއިން ގްރީލިޝްއަށް ހަފްތާއަކު 300،000 ޕައުންޑް މުސާރައިގެ ގޮތުގައި ދެއެވެ.

7. ރަހީމް ސްޓަރލިން (ޗެލްސީ)

މެންޗެސްޓަރ ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ވިންގަރ ރަހީމް ސްޓަރލިންގ ހަފްތާއަކު 325،000 ޕައުންޑުގެ މުސާރައަކަށް ޗެލްސީން ގެންދިޔައީ މިސީޒަނުގައެވެ. ބޮޑު މުސާރައަކަށް ބަދަލުވުމަށްފަހު އެކަށީގެންވާ ކުޅުމެއް ޗެލްސީގައި ނުދެއްކޭތީ އެކަމުގެ ޕްރެޝަރު ސްޓަރލިންއަށް އެބައޮތެވެ.

6. ރަފޭލް ވަރާން (މެންޗެސްޓަރ ޔުނައިޓެޑް)

ރެއާލް މެޑްރިޑާއެކު ހަތަރު ޗެމްޕިއަންސް ލީގް އަދި ފްރާންސާއެކު 2018 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބު ކުރި ރަފޭލް ވަރާންގެ ކޮލިޓީއާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ރެއާލްގައި ހުއްޓައި މެންޗެސްޓަރ ޔުނައިޓެޑުން ވަރާން އެކްލަބަށް ގެނައީ ހަފްތާއަކު 340،000 ޕައުންޑުގެ މުސާރައަކަށެވެ.

5. މުހައްމަދު ސަލާހް (ލިވަޕޫލް)

މިސްރުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެެރިޔާގެ ގޮތުގައި ތަޖުރިބާކާރުންދެކޭ މުހައްމަދު ސަލާހްއަކީ ލިވަޕޫލްގެ ތާރިހުގައިވެސް އެކްލަބުން އެންމެ ބޮޑު މުސާރައެއްދޭ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ލިވަޕޫލްގެ އައު ކޮންޓްރެކްޓުގައި ސަލާހް ސޮއި ކުރީ ހަފްތާއަކު އޭނާއަށް 350،000 ޕައުންޑް ދޭން ލިވަޕޫލްއިން އެއްބަސްވުމުންނެވެ.

4. ޖޯޑަން ސަންޗޯ (މެންޗެސްޓަރ ޔުނައިޓެޑް)

އިނގިރޭސި އުއްމީދީ ތަރިއެއްގެ ގޮތުގައި މީގެ ދެސީޒަން ކުރިން މީޑިޔާއިން ވަރަށް ބޮޑަށް ފާހަގަ ކުރި ޖޯޑަން ސަންޗޯއަކީ މެންޗެސްޓަރ ޔުނައިޓެޑުން ދެވަނައަށް އެންމެ ބޮޑު މުސާރައެއްދޭ ކުޅުންތެރިޔާއެވެ. ޔުނައިޓެޑުން ސަންޗޯއަށް ހަފްތާއަކު 350،000 ޕައުންޑް މުސާރައިގެ ގޮތުގައި ދެއެވެ.

3. ޑޭވިޑް ޑެހެއާ (މެންޗެސްޓަރ ޔުނައިޓެޑް)

ސްޕެއިން ގައުމީ ޓީމުން ޖާގަ ނުލިބުނަސް ކީޕަރު ޑޭވިޑް ޑެހެއާއަކީ މެންޗެސްޓަރ ޔުނައިޓުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ސަރ އެކްސް ފާގަސަން ޔުނައިޓެޑަށް ގެނައި ޑެހެއާ ވެގެން ގޮސްފައި ވަނީ ، ފާގަސަންއަށްފަހު ޔުނައިޓެޑާ ހަވާލުވި ހުރިހާ ކޯޗުންގެވެސް ފުރިހަމަ އިތުބާރު ލިބުނު ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ޔުނައިޓެޑުން ޑެހެއާއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 375،000 ޕައުންޑް ދެއެވެ.

2. އާލިންގ ހާލަންޑް (މެންޗެސްޓަރ ސިޓީ)

ނޯވޭގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި ސިފަކުރެވޭ އާލިންގ ހާލަންޑް ސިޓީއަށް ބަދަލުވީ މިސީޒަނުގައި ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑް ދޫކޮށްލުމަށް ފަހުއެވެ. ލަނޑު ޖަހާ މެޝިނުގެ ގޮތުގައި މަޝްހޫރުކަން ހޯދަމުން އަންނަ ހާލަންޑަށް ސިޓީއިން ހަފްތާއަކު 375،000 ޕައުންޑް މުސާރައަށް ދެއެވެ.

1. ކެވިން ޑިބްރޭނާ ( މެންޗެސްޓަރ ސިޓީ)

މިލިސްޓުގެ ފަޙްރުވެރި އެއްވަނައިގައި އޮތީ ޗެލްސީން ބޭނުން ނެތިގެން ޖަރުމަނުގެ ވޮލްފްސްބާގަށް ދޫކޮށްލި އަދި ފަހުން މެންޗެސްޓަރ ސިޓީއަށް ބަދަލުވެ ދުނިޔޭގެ އެންމެ މޮޅެތި ޕްލޭމޭކަރުންގެ ސަފުން ޖާގަ ހޯދި ބެލްޖިއަމްގެ ކެވިން ޑިބްރޭނާއެވެ. ޑިބްރޭނާގެ މޮޅެތި ޕާސްތަކާއެކު ސިޓީގެ ފޯވާޑް ލައިން ހިފެހެއްޓުމަކީ ދުނިޔޭގެ އެއްވެސް ޓީމަކަށް ފަސޭހަކަމެއް ނޫނެވެ. މިކަން ފާއިތުވެދިޔަ ހަތްއަހަރު ސިޓީން ހޯދާފައިވާ ކާމިޔާބީތައް ހެއްކަކަށް ފުދެއެވެ.

ކޯޗް ޕެޕް ގާޑިއޯލާ ބުނެފައިވާ ފަދައިން ޑިބްރޭނާއަކީ ސިޓީގެ އިންޖީނެވެ. އެޓީމުގެ ހިތެވެ.

ސިޓީއިން ޑިބްރޭނޭއަށް ދެނީ ހަފްތާއަކަށް 400،000 ޕައުންޑެވެ.