މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް އުފައްދައި މުޅިން އަލަށް ފަސް ބޭފުޅަކާ އެމަގާމު ހަވާލުކުރައްވައި މަޤާމުގެ ކުރިއެރުންދެއްވައިފިއެވެ.

އެމްއެންޑީއެފުން ވިދާުވީ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ. މަގާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްޢުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. މިފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކަމަށްވެެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިރޭންކު ލިބިވަޑައިގެންވި ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. ރޭންކު ހަވާލު ކުރެއްވުމަށްފަހު މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ މި ފަސް ބޭފުޅުންނާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވައިފައެވެ.

މިނިސްޓަރަ މާރިޔާ ވިދާޅުވީ، މިއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ މިމުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން މިފަސް ބޭފުޅުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.