މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިގިތުގައި އޭނާގެ ވެރިކަމެއްގައި އެންމެ އިސްކަންދެއްވާނޭ އެއްކަމަކީ ޒުވާނުން ބިނާކުރުމެވެ. އެކަމަށްޓަކައި ތަމްރީނާއި ތައުލީމުގެ ފުރުސަތު މިހާރަށްވުރެ ފަސޭހަކަމާއެކު ފަހި ކޮށްދެއްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތައުލީމާއި ތަމްރީނަށްފަހު އެކުދިން ދެން ބޭނުންވާނީ ވަޒީފާ. އިރާދަ ކުރެއްވިއްޔާ އެކުދީންނަށް ވަޒީފާގެ ފުރުސަތު އަބަދުވެސް އޮންނާނީ ހުޅުވިފައި. އެއްވެސް މަސއްކަތެއް ނެތިފައި ވަޒީފާއެއް ނެތިފައި އެއްވެސް ޒުވާނަކު ހުރެގެން ނުވާނެ. އަޅުގަނޑު ހުރިހާކަމެއް ތަރުތީބުކުރާނީ ޒުވާނުންނަށް ތަރުބިއްޔަތާއި، ތަމްރީނާއި، ތައުލީމު ދިނުމަށްފަހު އެކުދިންގެ އެހީތެރިކަމާއެކު ގައުމު އާރާސްތު ކުރަން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށެވެ. އެހެންކަމުން ދިވެހި މުޖުތައުން ފެންނަންވެސްވާނީ އިސާލާމީ ގޮތްފޮތް ކަމަށް ވެސް ވިދާޅުވިއެވެ. "އެންމެ މުހިންމު އެއްކަމަކީ އެބައެއްގެ އައިޑެންޓިޓީ ހިފެހެއްޓުން. އަޅުގަނޑުމެންގެ އެންމެބޮޑު އައިޑެންޓިޓީއަކީ އިސްލާމްދީން. ދީނީކަންކަމަށް އިސްކަންނުދީ ދީނުގައި ކަންކަން އޮންނަ ގޮތް ބަލައިގެން މެނުވީ އެއްވެސް ކަމަކަށް އެދެވޭ ހައްލެއް ނުލިބޭނެ. އެހެންވީމާ އިސްލާމީ ޝަރީއަތާ ގާތަށް ރާއްޖެ ގެންދިއުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އަޒުމެއް،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސިޔާސީ ކޮންމެ ލީޑަރަކު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގަންނަވަނީ އިސްކޮޅަށްވުރެ ބޮޑެތި ވައުދުތައް ކަމަށެވެ. ގައުމު ޚަޒާނާއާ ނުބައްދަލުވާވަރުގެ މަޝްރޫއުތަކުގެ ކުލަވަރު ދައްކައިގެން ވެރިކަމަށް ވަޑައިގެން ދައުރު ނިމިގެންދާއިރުވެސް އޭގެ އެއްވެސް ކަމަކަށް އަމަލީ ސިފައެއް ނައުމަކީ ރައްޔިތުން މާޔޫސްކުރުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ނަތީޖާއަކަށްވަނީ ވެރިކަމަށް އޮންނަ އިތުބާރު ގެއްލި ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުންނަށް ދަތިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް މިހާރު ފޯރުކޮށްދެމުންގެންދާ އެއްވެސް ޚިދުމަތެއް އޭނާގެވެރިކަމެއްގައި ނުހުއްޓާނޭ ކަމަށެވެ. އޭގެ ބަދަލުގައި އެ ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އާސަންދަ ފަދަ ޚިދުމަތްތައް އޭގެ ހައްގުވެރީންނަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދީ އިސްރާފު ކުރުން ހުއްޓުވޭތޯ އިންތިހާއަށް މަސައްކަތް ކުރައްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އާބާދީ މަދު ކުޑަގައުމެއް ކަމަށާއި އެހެން ކަމުން ރާއްޖޭއަށް ލިބޭ އާމްދަނީން ދިވެހީންނަށް ބޭނުންވާ ކަންކަން އެންމެފުރިހަމަ ގޮތުގައި ކޮށްދެއްވުމަކީ އޭނާގެ އުންމީދެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީއާއި ބޯހިޔާވަހިކަމަކީ މިހާރު ރާއްޖެއަށް އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ތަފާތު ކުރުމެއްނެތި އެންމެނަށް ބޯހިޔާވަހިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަން ފެންނާނީ މަގުމަތި އަމާންވެރިކަމެއްގެ ގޮތުގައި. ރައްޔިތުންނަށް އުފާވެރި ތަނަވަސް ވެރިކަމެއްގެ ގޮތުގައި. ޒިންމާ އަދާކުރާ ވެރިއަކު އެބަހުރިކަމުގެ އިހުސާސް އަޅުގަނޑުގެ ވެރިކަމުގައި ރައްޔިތުންނަށް ކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.