އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަކީ ރާއްޖެއަށް ކިހާ ފައިދާ ހުރި އެއްޗެއްބާ؟

1

ނަސްރުﷲ މުސްޠަފާ

އައިސީޓީ ނުވަތަ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއަކީ ޒަމާނީ ކޮމްޕިއުޓިންގް ގެ އިންފްރާސްޓްތަކްޗަރ އޭ ބުނެވިދާނެއެވެ. ޔުނިވަރސަލް ޑެފިނިޝަނެއް މިބަހަށް ނެތަސް މީގެ މާނައިގެތެރޭގައި ސާމާނާއި، ނެޓްވޯކާއި، ޕްރޮގްރާމްސްތަކާއި އަދި އެޕްލިކޭޝަންސް ހިމެނޭކަމުގައި ކަމާއިބެހޭ މާހިރުން ވިދާޅުވެއެވެ.

Advertisement

އައި ސީޓީ ބެހެނީ ކޮމްޕިއުޓިންގް ފަންޑަމެންޓަލްސް އާއި އަދި އިންފްރާސްޓްރަކްޗަރާއި އަދި އޮޕަރޭޝަންސް ތަކާއެވެ. އަދި އެއީ ކޮންމެ ކޮމިއުނިކޭޝަން ޑިވައިސްއަކަށް ބޭނުންކުރެވިދާނެ ޝާމިލް ލަފްޒެކެވެ. އޭގެ ތެރޭގައި ފޯނާއި ރޭޑިއޯ ސާމާނާއި ސްވިޗާއި ކޮމްޕިއުޓަރ އެޕްލިކޭޝަންސްތައް ހިމެނެއެވެ.

ކޮމްޕިއުޓަރ ސައިންސް އާއި މިއާއި ހުރި ތަފާތަކީ ކޮމްޕިއުޓަރ ސައިންސްގައި  ފޯކަސް ކުރަނީ ޕްރޮގްރާމިންގް އަށާއި މެތެމެޓިކަލް އަލްގޮރިދަމްސްއަށްކަމަށް ވެފައި  އައިޓީ ގައި ސަމާލުކަން ދެނީ އިންސްޓޯލިންއާއި  ކޮމްޕިއުޓަރ ސިސްޓަމް މެއިންޓެއިން ކުރުމާއި، ޑިޒައިންކުރުމާއި ނެޓްވޯކާއި ޑާޓާބޭސް އަށް ކަމަށްވާތީއެވެ[1].

އައިސީޓީގެ އެހާރާއި މިހާރު

ވޮށު ފިލާއާއި، އެދުރުގެއާއި ކަތާތީބު ފަހަނައަޅައި ޒަމާނީ ތަޢުލީމަށް އެންމެހައި ޤައުމުތަކެއްވެސް މިވަނީ މިޞްރާބު ޖަހފައެވެ. އެއްވަނަ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ތަޢުލީމު ދިނުމުގައި 21 ވަނަ ޤަރުނަށް ފެތޭ ނިޒާމަކާއި ދިމާލަށް މިސްރާބު ޖެހުމަށްޓަކައި ޓެބްލެޓުން ކިޔަވައިދިނުމަށްވަނީ ފަށާފައެވެ. އެންމެހައި ޤައުމުތަކަށް މިވައްތަރުގެ ތަޢުލީމް ތަޢާރަފް ނުވިކަމުގައިވިއަސް 3 ވަނަ ދުނިޔޭގެ ޤައުމުތަކުންވެސް މިކަންވަނީ ވަރަށް ބޮޑަށް ފައިދާހުރި ކަމެއްގެ ގޮތުގައި ބަލައިގެންފައެވެ. ލިޓަރެސީ ރޭޓް 98% ގައި އޮތް ދިވެހިރާއްޖޭގައި 2018ވަނަ އަހަރު އައިސީޓީ މެދުވެރިކޮށް ކިޔަވައިދިނުމުގެ މޭސްތިރިއެއްކަމަށް ޓެބްލެޓް ހަދައި އެބެހުމުގެ އެންމެހައި ކަންތައްތަކެއް ނިންމަމުން ދާއިރު މީގެ އެތަކެއް އަހަރު ކުރިން އެއްވަނަ ޤައުމުގެ ދަރިވަރުން އުނގެނުމަށް ޓެބްލެޓް ބޭނުންކުރަންވަނީ ފަށާފައެވެ. އޭގެ ތެރޭގައި ޔޫކޭގެ ބައެއް އިސްކޫލްތަކާއި ޔޫރަޕްގެ ބައެއް އިސްކޫލްތައް ހިމެނެއެވެ. އަދި ހަމައެފަދަ އިސްކޫލްތައް އެމެރިކާއާއި އޮސްޓްރޭލިއާގައިވެސް ވެއެވެ.

ދިރާސާތަކުން (Schnackenberg, 2013) ދައްކާގޮތުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމުން ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެ އަދި ދަރިވަރުންގެ ކްރިއޭޓިވިޓީވެސް އިތުރުވެގެން މަތިވެގެން ދެއެވެ.

ސަޢޫދި ޢަރަބިޔާގައި ކުރެވެނު ދިރާސާއިންވެސް(  Nassoura’s (2012) މިފަދަނަތީޖާއެއް ދައްކާފައިވެއެވެ. އަދި ހަމައެގޮތަށް މެލޭޝިއާގައިވެސް( Alzaza and Yaakub (2011) ދަރިވަރުންގެ ނަތީޖާ ރަނގަޅުވެ އުނގެނުމުގެ ދާއިރާ ފުރިހަމަވެގެން ގޮސްފައިވާކަމަށް ފެނެއެވެ.

70% އަށްވުރެ ގިނަ ޔޫކޭ އިސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރާކަމަށް ބީބީސީ ކޮރެސްޕޮންޑެންޓް ބުނެފައިވާއިރު ނަތީޖާއާއި އެއާއި ހުރި ގުޅުން ބަޔާންކޮށްދޭން ނޭނގޭކަމަށް ކެމްބްރިޖް ޔުނިވަރސިޓީގެ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ޑރ. ކްލާރކް ވިދާޅުވެފައިވެއެވެ[2].

މިޙަޤީޤަތް މިގޮތަށް ހުރި އިރު ދިވެހިރާއްޖޭގައި މިވަނީ ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ފަށަން ނިންމާ، އެއަށް ބޭނުންވާ އެންމެހައި ތައްޔާރީތައް ވެނިމިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން އެވަނީ ޓެބްލެޓް ބަހަން ފައްޓަވާފައެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވަމުން ދާތާ މިހާރު ގާތްގަނޑަކަށް 2 އަހަރުވަނީއެވެ. ޒަމާނީ ތަޢުލީމުދޭ މުއައްސަސާތައް ދުނިޔޭގައި ކިތައްމެ ގިނަވިއަސް ހުރިހައި އިސްކޫލަކަށް އަމާޒް ކޮށްގެންގެން މިޕްރޮގްރާމް ހިންގަނީ ހަމައެކަނި ދިވެހިރާއްޖޭގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. މިކަމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރަންޖެހޭކަމަށް ދިރާސާ ކުރައްވާ މާހިރުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

 • ވައިފައި ލިބޭ ގޮތަށް ނެޓްވޯކް އަޅައި ތައްޔާރުކުރުން .

އެޑިއުކޭޝަން މިނިސްޓްރީއިން 2017 ވަނަ އަހަރު ވައިފައި ހުރިހައި އިސްކޫލެއްގައި ހުރިތޯ ކަށަވަރު ކޮށްފައިވެއެވެ. އެއަށް ފަހު އެ ދެމެހެއްޓެނިވި ގޮތަކަށް ރާއްވަވައި އެއަށް ބޭނުންވާ އެންމެހައި ކަންކަން ކުރައްވާ ނިންމެވިއެވެ.

ކަންކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިން ހުރިހައި އިސްކޫލަކަށް ސަރކިއުލަރ މެދުވެރިކޮށް އެންގެވިއެވެ. އެއަށްފަހު ޕްރިންސިޕަލުންގެ މީޓީން އެއް ބާއްވާ އެކަން ކުރެވިފައި ހުރިތޯ ކަށަވަރުކުރެއްވީ ޚުދު އެޑިއުކޭޝަން މިނިސްޓަރެވެ.

 • ޓެބަށް ބޭނުންވާ ސޮފްޓް ވެއަރ ޕްރޮގްރާމް ތައްޔާރުކުރުން.

މިކަމަށްޓަކައި ޔޫކޭއާއި އަދި މެލޭޝިއާގެ އެކްސްޕާޓުންގެ އެހީ އެޑިއުކޭޝަން މިނިސްޓްރީއިން އެތައް ފަހަރަކު ހޯއްދެވިއެވެ. އަދި ދިވެހިރާއްޖޭގެ އައިޓީގެ ދާއިރާގައި ތަޚައްޞުޞު ވެފައިވާ ބޭފުޅުންގެ ބޭނުން ހޯއްދަވައި ދިވެހިރާއްޖޭގެ ދަރީންނަށް ބޭނުންވާ އީ ލައިބްރަރީއާއި ސިކިއުރިޓީ ސިސްޓަމަކާއި ފަޔަރ ވޯލް ލައި ތައްޔާރު ކުރެއްވެވިއެވެ. އަދި މުޤައްރަރުތައް ހޯއްދަވައި އެ މުޤައްރަރުތައް އީ ފޮތްތަކަށް ހައްދަވާފައި ހުރިހައި ފޮތްތައް އެއް ސޮފްޓްވެއަރއެއްގެ ތެރެއިން ގްރޭޑް ވައިޒްކޮށް ލިބޭނެގޮތް ހެއްދެވިއެވެ.

 • ބެލެނެވެރީން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުން.

ތަޢުލީމް ދިނުމުގައި ބެލެނެވެރީން ހޭލުންތެރިކުރުމަކީ ކާމިޔާބުގެ އަސްލުކަމަށްވާތީ އެޑިއުކޭޝަން މިނިސްޓްރީއިން މިކަމަށް ޚާޢްޞަ އަހައްމިއްޔަތުކަމެއްވަނީ ދެއްވާފައެވެ. ބެލެނެވެރީންގެ ތެރޭގައި ތަފާތު ޚިޔާލްތަކާއި ފިކުރުގެ ބެލެނެވެރީން ތިއްބަވާ ކަން ދެނެގަނެ އެއަށް އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުއްވެވިއެވެ. އަދި އިސްކޫލް މާޙައުލާ ގުޅޭގޮތަށް އެކިއެކި ވޯކްޝޮޕްތަކާއި ސެމިނަރތައް ރާއްވަވާ ހިންގެވިއެވެ.

 • ޓީޗަރުން އަހްލުވެރިކުރުވުން.

ޓީޗަރުންނަކީ ދަރިވަރުންނަށް އުނަގަންނައިދޭ މޭސްތިރިންކަމަށްވާތީ އެމީހުން އައި ސީޓީ އަށް ވއަހްލުވެރި ކުރުވުމަށްޓަކައި ވަރަށް ގިނަ ޕްރޮގްރާމްތައް އެޑިއުކޭޝަނުން ރާއްވަވައި ހިންގެވިއެވެ. އޭގެތެރޭގައި އެންމެހައި ޓީޒަރުންގެ އިނގިރޭސި ފެންވަރު ވަރުގަދަ ކުރުމަށްޓަކައި ޔޫކޭގެ އެޑިއުކޭޝަން ފަސްޓް މެދުވެރިކޮށް ކޯސްތަކެއް ހިންގެވިއެވެ. ދިވެހިރާއްޖޭގެ ހުރިހައި އިސްކޫލްތަކެއްގެ ޓީޗަރުންނަށް އަމާޒްކޮށްގެން މިހިންގުނު ތަމްރީންތަކުން އެތައް ޓީޗަރުންނެއް މިކަމަށް އަހްލުވެރިވެގެންދިޔަކަން ފާހަގަކުރެވެއެވެ. އަދި ހަމައެގޮތަށް ގޫގްލް މެދުވެރިކޮށްގެން ކިޔަވައިދިނުމުގެ ޚާއްޞަ ތަމްރީންތަކެއް ހުރިހައި ޓީޗަރުންނަށް ދެވުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ މުދައްރިސުންނަށް ގޫގްލް މެދުވެރިކޮށް ކިޔަވައިދިނުން ފަސޭހަވެ ޓެބްލެޓްގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް މަގު ފަހިވެގެން ދިޔައެވެ.

ޓެބްލެޓަކީ ތަޢުލީމަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނުވި އެއްޗަކަށް ވިއަސް އެއީ ހަމަ ދެމިޔަ ލީ ކަނޑިއެއްފަދަ އެއްޗެއްކަންވެސް ދަންނަން ޖެހެއެވެ. އޭގައި ފައިދާ ވާގޮތަށް ގެއްލުންތަކެއްވެސް ލޯބިވާ ދަރިފުޅަށް ލިބިދާނެކަމަށް ޤަބޫލް ކުރަން ޖެހެއެވެ. އެހެނީ އައިސީޓީ ބޭނުން ކުރާ ކޮންމެ ދަރިވަރަކުވެސް ޓެބްލެޓް ބޭނުންކޮށްގެން ވަދެގެންދަނީ ގޮތްނޭގޭ ކަނޑެއްފަދަ ފުން މަޢުލޫމާތުގެ ޚަޒާނާއަކަށެވެ. އެ މަޢުލޫމާތުގެ ތެރޭގައި ދަރިވަރުގެ ޢުމުރާއި ނުގުޅޭ އެތަކެއް މަޢުލޫމާތުތަކެއް އެކުލެވިފައިވާނެ ކަން ދަންނަންވާނެއެވެ. ޚާއްޞަކޮށް ބެލެނެވެރީންނާއި ޓީޗަރުންނެވެ.

ޓެބްލެޓްގެ ގެއްލުންތައް:

ކުރީގައި ބަޔާންކުރެވުނުފަދައިން މި އައިސީޓީ ވަސީލަތަކީ ދެމިޔަލީ ކަނޑިއެކެވެ. ހެޔޮގޮތުގައި ބޭނުން ހިފަން ދަސްނުކޮށްދެވުނުނަމަ ދަރިފުޅުގެ އަތަށް އެދެވެނީ ވަރަށް ތޫނު ކަނޑިއެކެވެ.

1– ޓެބްލެޓްގެ ރޭޑިއޭޝަން ކިތައްމެ ކުޑަޔަސް އޭގެއިންވެސް ގެއްލުން ލިބޭކަމަށް ބުނާބަޔަކު ތިބި ކަމަށް ޤަބޫލުކުރާ ހިނދު ސްކްރީން ޓައިމްއަށް ވިސްނާ ނުލެވިއްޖެނަމަ ދަރިފުޅު އޭގެ ތެރެއަށް ގެއްލި ހުސްވެދާނެކަންވެސް ޤަބޫލްކުރަންޖެހެއެވެ.

2- ހަމައެގޮތަށް އޭގެއިން ދުނިޔޭގެ ހުރިހައި ތަނަކާއި ތަކެއްޗެއް ފެންނަނަމަ އަޚްލާޤީގޮތުން ރަނގަޅު ނޫން މަންޒަރުފެނި ދަރިވަރުގެ އަޚްލާޤަށް އޭގެ އަސަރުކުރާނެކަމަށް ޤަބޫލުކުރަންޖެހޭނެއެވެ.

3- ހަމައެގޮތަށް ގުދުރަތީ އައްޔަށްވުރެ އަލި ގަދަވުމުގެ ސަބަބުން ލޮލަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބޭނެކަމަށްވެސް ވިސްނަންޖެހޭނެއެވެ.

4 ހަމައެގޮތަށް ޒަމާނީ ސިކުނޑިތަކަކަށް ފޫ އަޅުވައި ނުލެވޭވަރުގެ ފިލްޓަރެއް އޭގައި ބަހައްޓަންޖެހޭނެކަމަށްވެސް ޤަބޫލްކުރަންޖެހޭނެއެވެ.

5 ކަންމިހެން ހުރުމުން ކޮންމެ މަންމައަކާއި ބައްޕައެއްގެ ޒިންމާ ބޮޑުވެ ބަލަހައްޓަންޖެހޭ މިންވަރު އިތުރުވެގެންދާނެކަންވެސް ޤަބޫލުކުރަން ޖެހޭނެއެވެ[3].

ތަޢުލީމް ދިނުމުގައި ޓެބްލެޓް ބޭނުންކުރުމުން ލިބޭ ފައިދާ:

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތަޢުލީމްދިނުމުގައި ބޭނުންކުރުމަކީ ވަރަށް ގިނަ ފައިދާތައް ލިބިގެންދާނެކަމެކެވެ. އޭގެތެރޭގައި އަންނަނިވި ފައިދާތައް ހިމެނެއެވެ. އެފައިދާތަކަކީ އެއީ ޓޭބްލެޓުންވެސް ލިބޭފައިދާތަކެވެ.

 • ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުވެގެންދިއުން.

ދިރާސާތަކުން ދައްކާގޮތުގައި ކިޔަވާކުދިން މިތިބެނީ ތިންވައްތަރަކަށެވެ. އެއީ އުނގެނިގަންނަ ގޮތުގެ ނިސްބަތުންނެވެ. އެއްބަޔަކު ކިނެސްތެޓިކް ލާނަރސް އަށްވާއިރު އަނެއްބަޔަކު ވެގެންދަނީ އޮޑިޓަރީ ލާރނަރސްގެ ތެރެއިންނެވެ. އަދި ހަމައެގޮތަށް ވިޝުއަލް ލަރނަރސް ވެގެންދަނީ ތިންވަނަ ބައިގަނޑެއްގެ ގޮތުގައިއެވެ. މިތިން ބަޔަށް ހަމަހަމަގޮތެއްގައި ތަޢުލީމު ދިނުމަށްޓަކައި އައި ސީ ޓީގެ ބޭނުން ހިފަން އެބަޖެހެއެވެ. ހަމައެގޮތަށް އޭޑީ އެޗް ޑީ ކުދިންނާއި ޑައުން ސިންޑްރޯމް ހުންނަ ކުދީންނާއި އޯޓިސްޓިކް ކުދިންވެސް ކުލާހެއްގައި ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަމައެފަދައިން ލާނިންގް ޑެފިޝަންސީ ހުންނަ ކުދިންނަށްވެސް އެމީހުންގެ ހުންނަ ޑިސް ލެކްސިއާއަށާއި ޑިސްގްރެފިއާއަށާއި ޑިސް ކެލްކިއުލިއާއަށް އެޑްރެސްކުރެވި ކިޔަވައިދެވެން އެބަޖެހެއެވެ. މިކަން ކުރެވެން އަންނާނީ އައިސީޓީ ފްރެންޑްލީ ކްލާސް ރޫމް ތަކުންނެވެ. އެގޮތުން ބަލާއިރު ޓެބްލެޓް ބޭނުން ކުރުމުން ވަރަށް ގިނަ ފައިދާތައް ދިވެހިރާއްޖޭގެ އިސްކޫލްތަކުގައި އުޅެމުންދާ ނުކުޅެދުންތެރިކަން ކޮންމެވެސް މިންވަރަކަށް ހުންނަ ކުދީންނަށް ލިބިގެންދާނެއެވެ.

ހަމައެފަދައިން ކުދިންނަށް ކިޔަވައިދިނުމުގައި ކިލާސް ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. ހަމައެފަދައިން ހުރިހައި ކުދިން އެއްކޮށްގެން ޙަރަކާތްތައް ހިންގުމަށް މުދައްރިސަށް ފަސޭހަވެގެން ދާނެއެވެ.

ބަރުބަރު ދަބަސްތަކަށް އަލްވަދާޢު ކިޔައި ބުރަކަށި ތެދުކޮށްގެން އިސްކޫލަށް އައުމުގެ ފުރުޞަތު ތަނަވަސްވެ އޮންލައިންކޮށް ލިބެންހުން ކުޅެގެން އުނގެނިގަތުމުގެ ގޭމްތައް މެދުވެރިކޮށް ކިޔެވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

 1. 2. ދަރިވަރުން ކިޔެވުމަށް ސަމާލުކުރުމާއި، އުގެނުމަށް ބޭނުންޖެހިފައިވާ މިންވަރު ފުއްދުމުގައި ތަޢުލީމީ ވަޞީލަތްތައް އެހީތެރިވެދެއެވެ.

އެއީ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުުމުން ކުރެވޭ ތަޖުރިބާތަކުގެ ސަބަބުން ޙާޞިލުކުރަން ބޭނުންވާ މަޤުޞަދުތައް (ހަދަފު) ކާމިޔާބުކުރުމަށްޓަކައި ބޭނުންވާ އިހުތިމާމުކަން ގެނައުމެވެ. އެއީ ކިޔަވައިދޭ ތަކެއްޗަކީ ވީހާވެސް ބޮޑަކަށް އަހަރެމެންގެ ދިރިއުޅުމުގެ އަޞްލާއި އެއްގޮތަށް ކިޔަވައިދޭ އެއްޗަކަށްވަނީ ނަމަ އޭގެމާނަ މާ ރަނގަޅަށް ވިސްނި ސިކުޑިއަށް ފުރިހަމައަށް ނަގައި ގަނެވެއެވެ. އަދި އެހަދަފު (މަޤުޞަދު) ޙާޞިލުކޮށް ބޭނުން ފުރިހަމަ ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.

 1. 3. ވަޞީލަތުން ތަޖުރިބާ އިތުރުކޮށްދިނުމަށް އެހީތެރިވެއެވެ. މިކަމުން ދަރިވަރު އުނގެނުމަށް އިތުރަށް ތައްޔާރުވެއެވެ.

ކިޔެވުމަށް ދަރިވަރުން ތައްޔާރުވެފައިވާނަމަ އުނގެނުމުގެ ކަންތައް މާ ފުރިހަމައަށް ޙާޞިލުވެގެންދެއެވެ. މިސާލަކަށް ކިޔަވައިދޭ މައުޟޫއަކާއިގުޅޭ ފިލްމެއް ދަރިވަރުންނަށް ދައްކުވައި ދީފިނަމަ ބޭނުންވާ ތަޖުރިބާތަކެއް އެ ކުދިންނަށް ލިބިގެންދެއެވެ. އަދި މީގެ ސަބަބުން ފިލާވަޅު ލިބި އުގެނުމަށް ދަރިވަރުން ތައްޔާރުވެއެވެ.

 1. 4. ވަޞީލަތުގެ ސަބަބުން ދަރިވަރުންގެ ހުރިހާ ހިއްސުތަކެއް ބައިވެރިކުރުވުމަށް އެހީތެރިވެދެއެވެ.

މީގެ ސަބަބުން އުނގެނުނުއެއްޗެއް މާފުންކޮށް ވިސްނި ހަދާން ނުނެތި ގިނަދުވަހަށް ދެމިގެންދެއެވެ.

 1. 5. ވަޞީލަތުގެއެހީގައި ލަފުޒީ ތަޢާރުޒުވުމާއި މާނަތައް އޮޅުންއެރުމުގެ ކަންތައްތައް ދުރުކޮށްދެއެވެ. މާނައަކީ މުދައްރިސް ވަކިމާނައެއްގައި ބޭނުންކުރާ ލަފުޒު ދަރިވަރުގެ ގާތުގައި އެ މާނަދޭހަނުވާ ލަފުޒުތަކެކެވެ. ނަމަވެސް މިފަދަ ބަސްތަކުގެ ތެރެއިން މުދައްރިސް އެކަށީގެންވާ ވަޞީލަތުގެ ބޭނުންނުކޮށް ދޫކޮށްލުމުން އޮޅުންފިލުވައި ދިނުމަށް އުދަގޫވާ އިޙްސާސް ނުކުރެވޭ ބައެއް މާނަތައް ދެނެގަތުން އުދަގޫވެއެވެ. ނަމަވެސް ތަފާތު ވައްތަރުގެ ވަޞީލަތްތައް ބޭނުންކުރުމުން މިފަދަ ކަންތައްތަކުން ސަލާމަތްވެއެވެ.
 2. 6. ތަފާތުވަޞީލަތްތައް ބޭނުންކުރުމުން އެއްޗެއްގެ ރަނގަޅު މާނަ ވިސްނައި ދިނުމަށް އެހީތެރިވެދެއެވެ.

މިސާލު: ގަސްގަހާއިބެހޭ ފިލާވަޅެއް ދަރިވަރުންނަށް ދޭއިރު މުޅި ގަހުގައި އެކުލެވޭ ހުރިހާ އެއްޗަކީ ގަސްގަޑުކަމަށް ދަރިވަރުންނަށް ފަހަރެއްގައި މާނަކުުރެވިދާނެއެވެ. މި މާނަ ރަނގަޅަށް އޮޅުން ފިލުވައިދިނުމަށްޓަކައި ތަފާތު ވަޞީލަތްތަކާއި ތަފާތު ގޮތްތައް އޮޅުންފިލުވައި ދިނުމުގައި ބޭނުންކުރެވިދާނެއެވެ. މުޅި ގަހަކީ ހަމައެކަނި ގަސްގަނޑު ނޫންކަމާއި ގަހުގައި ގޮފިކުރި، ގޮފިތައް، ފަތްތައް އަދި  މާވެސް ހިމެނޭކަން ވަޞީލަތުގެ އެހީގައި ބުނެ އަންގައި ދެވިދާނެއެވެ.

 1. 7. ދަރިވަރުން ފިލާވަޅުގައި ބައިވެރިވާހިތުން ބައިވެރިވެ ތަޖުރިބާ ހޯދުމަށް އެހީތެރި ވެއެވެ.

މިގޮތުން ދަރިވަރު ޢިލްމީ ގޮތްގޮތަށް ވިސްނުން ގެންގުޅެ ކަންކަން ވަރަށް ރަނގަޅަށް ފާހަގަކޮށް ދަނެގަނެ ދިމާވާ މައްސަލަތަށް ޙައްލުކުރުމުގެ ކުޅަދާނަކަން އިތުރުވެއެވެ.

މިސާލު: ސުވާލުތައް ކަނޑައެޅުމާއި، ޙައްލު ހޯދުމަށް ބޭނުންވާ މައްސަލަތަކުގައި ދަރިވަރުން ހިއްސާ ކުރުމުގައި ބައިވެރިކުރުމެވެ. އެއީ ގުޅޭ ފިލްމެއް ނުވަތަ ޗާޓެއް ނުވަތަ ސިކުޑީގައި އުފެދޭ ސުވާލަކަށް ޖަވާބު ލިބުން އަދި ތަޖުރިބާއެއް ކުރުން ފަދަ ކަންކަމެވެ.

 1. 8. ތަފާތު ގޮތްގޮތަށް ދަރިވަރުންނަށް ސާބަސް ދިނުމަށް އެހީވެދެއެވެ. މިއީ ދަރިވަރުން ދޭ ސަމާލުކަން ރަނގަޅު ގޮތުގައި ސާބިތުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
 2. 9. ވަޞީލަތަކީ ދަރިވަރުންގެ މެދުގައިވާ ތަފާތުތަކަށް ކުރިމަތިލައި ކިޔަވައި ދިނުމުގައި ތަފާތު ގޮތްގޮތަށް ގެންގުޅުމަށާއި އެހީތެރިވާ އެއްޗެކެވެ.
 3. 10. ދަރިވަރުންގެ ސިކުޑީގައި އުފެދޭ ފިކުރުތައް ދަމަހައްޓައި އަދި އެފިކުރުތައް ތަރުތީބު ކުރުމަށް އެހީވެދެއެވެ.
 4. 11. ތައުލީމީ ވަޞީލަތުގެ ސަބަބުން ދަރިވަރުންގެ ސުލޫކަށް ހެޔޮބަދަލު ގެނުވައި އާ ގޮތްގޮތަށް އެކުދިންގެ ސިކުޑީގައި ފިކުރުތައް އަށަގަންނުވައެވެ.

މިސާލު: މުވާޠިނުން ރަނގަޅު އާދަކާދަތަކާއި ޓުރެފިކު ޤަވާޢިދުތަކާއި އަދި އިސްލާމްދީނުގައިވާ ކެއުމުގެ ރީތި އާދަތަކާއި ސިއްޙީ ގޮތުން ބަލަންޖެހޭ ކަންތައްތަކާއި މިނޫނަސް ތިމާމެންގެ އުޅުން ރަނގަޅު ގޮތުގައި ބެހެއްޓުމުގެ ގޮތުން ޓީވީއާއި ރޭޑިޔޯއިން  އަދި ޕޯސްޓަރު ފަދަ ވަޞީލަތްތަކުން މުވާޠިނުން ސަމާލުކުރުވުން.

ދިވެހިރާއްޖެއަށް އެންމެ ފައިދާ ބޮޑީ ކޮންވައްތަރެއްގެ އައި ސީ ޓީ ޑިވައިސެއް؟

ކީ ސްޓޭޖަކީ ދިވެހިރާއްޖެއެކޭ އެއްގޮތަށް ޔޫކޭގެ ބައެއް އިސްކޫލްތަކުގައިވެސް ތަންފީޒްކުރަމުންދާ ތަޢުލީމީ ނިޒާމެކެވެ. ދާއިމީގޮތެއްގައި އެސަސްކުރެވޭ މިނިޒާމްގައި ޔޫކޭގައިވެސް ބޭނުންކުރަނީ ޓޭބްލެޓެވެ. އަދި އަހަރަކަށް ވުރެ އަހަރެއްގައި ޓޭބްލެޓް ބޭނުންކުރާ އިސްކޫލްތައް ދަނީ ގިނަވަމުންނެވެ. އެހެންވުމުން ޓެބްލެޓް ދިވެހިރާއްޖޭގައިވެސް ކާމިޔާބުވާނެކަމުގެ ޝައްކެއްނެތެވެ.

ވަރަށްގިނަ ތަޖުރިބާކާރުން ބުނާގޮތުން 21 ވަނަ ޤަރުނަށް އެންމެ ފައިދާބޮޑީ ޓެބްލެޓް ޕީ ސީ އެވެ. އެކަމަކު ބައެއް ވައްތަރުތައް އަނެއްބައިވައްތަރާ އަޅާ ބަލާއިރު ވަކި ޤައުމަކަށް  އެވައްތަރު މުހިއްމުވެދާނެއެވެ. ނަމަވެސް މައިދާނުގައި އެންމެ ބޮޑަށް ޙަރަކާތްތެރިވާ މުދައްރިސުން ބުނާގޮތުން އިންޓެލް އެޑިއުކޭޝަން ޓެބްލެޓް ވަރަށް ފުރިހަމައެވެ. ހަމައެގޮތަށް ލެނޯވޯ ތިންކް ޕޭޑާއި މައިކްރޯ ސޮފްޓް ސަރފޭސް އާރް ޓީ އާއި ސޮނީ އެކްސްޕީރިއާ ޓެބްލެޓަކީވެސް ކުދީންނަށް ފައިދާ ހުރި ޓެބްލެޓްތަކެވެ. ނަމަވެސް އެންމެ ފައިދާ ބޮޑުކަމަށް ގިނަ ބަޔަކު އެއްބަސްވަނީ ސެމްސަން ގެލެކްސީ ޓެބްލެޓް އެސް 3 އެކެވެ. އަދި އޭގެ 9.7 އިންޗި ސްކްރީން ލާފައިވާ ޓެބެވެ. އޭގައި ވާ ގަލަމާއި އަދި އެހެނިހެން ވަސީލަތްތަކުގެ ސަބަބުން އެވެގެންދަނީ އުނގެނުމާއި އުނގަންނައިދިނުމުގައި އެންމެ ފައިދާ ބޮޑު ވަސީލަތްކަމުގައެވެ[4].

Advertisements

1 COMMENT

Comments are closed.