އެމެރިކާގައި މީހުން މެރުމުގެ އުޤޫބާތް ރެކޯޑް މިންވަރަށް …..

1

ނަސްރުﷲ މުސްޠަފާ

އެމެރިކަން ސެންޓަރ ފޮރ އިންފޮމޭޝަން އޮން މެކްސިމަމް ޕެނަލްޓީ އިން ޚަބަރު ދެއްވާ ގޮތުގައި 2018 ވަނަ އަހަރު އެމެރިކާއިން މަރަންޖެހޭ ފަދަ ޢުޤޫބާތްތަކުގައި މަރާލާފައިވަނީ އެންމެ 25 މީހުންނެވެ. މިއީ މުޅި އެމެރިކާގެ ތާރީޚުގައިވެސް މީހުން މެރުން އެންމެ ދަށްވެފައިވާ އަހަރެވެ. މިއީ އެކިއެކި ކޯޓުތަކުން 42 މީހުން މަރަން ކޮށްފައިވާ ޙުކުމްތަކުގެ ތެރެއިން މިއަހަރު ތަންފީޒް ކުރެވުނު މިންވަރެވެ. އެކަމަކު މިއީ ކުރިޔާއި އަޅާ ބަލާއިރު ވަރަށް ދަށް މިންވަރެކެވެ. އެހެނީ 1976 އިން މިއަދާއި ހަމައަށް ކޯޓުތަކުގެ އަމުރަށް ލީދަލް އިންޖެކްޝަން ޖަހާ މަރާލި ޢަދަދު ޓެކްސަސްގައި އެކަނިވެސް 563 އަކަށް އަރައެވެ. މިވަރަށް އިސްލާމީ ޤައުމުތަކުގެތެރޭގައި ހިމެނޭ ޝަރީޢާ ތަންފީޒްކުރާ ބައެއް ޤައުމުތަކުންވެސް މަރާފައިނުވެއެވެ. 2017 ގައި 23 ޤައުމުން ޢުޤޫބާތެއްގެ ގޮތުގައި މަރުގެ ޙުކުމް ތަންފީޒްކޮށްފައިވާ އިރު އެންމެ ކުރީގައި ހިމެނެނީ ޗައިނާއެވެ. ޤައުމީ ސިއްރެއްގެ ގޮތުގައި މީހުން މެރުން ބަލާ މިޤައުމުން ވަރަށް ގިނަމީހުން މަރާކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ހާމަކުރެއެވެ. 106 ޤައުމުން ޢުޤޫބާތެއްގެ ގޮތުގައި މީހުން މެރުން ހުއްޓާލާފައިވާ އިރު ދިވެހިރާއްޖޭގެ ކޯޓުތަކުން މީހުން މެރުމަށް ޙުކުމް ކޮށްފައިވާ ކަމަށް 2018 ވަނައަހަރުގައި އެމްނެސްޓީގެފަރާތުން ހާމަކުރެއެވެ. މިއީ ތަންފީޒް ނުކުރިއަސް ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރާކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

Advertisement

ވަރަށް ގިނަމީހުންނަށް ހީވާ ގޮތުން ލީދަލް އިންޖެކްޝަން ޖަހައިގެން މެރުމަކީ ވަރަށް އިންސާނީ ކަމެކެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އޭގައި 3 ވައްތަރުގެ ކެމިކަލް ޑްރަގްސް ބޭނުންކުރެވެއެވެ. އެއީ

1- ސޯޑިއަމް ތަޔޯޕެންޓަލް .

2- ޕެންކްރޯނިއަމް.

3- ޕޮޓޭސިއަމް ކްލޮރައިޑް

މީގެއިން ފުރަތަމަ ޖަހާނީ ސޯޑިއަމް ތަޔޯ ޕެންޓަލް އިންޖެކްޝަނެވެ. އެއީ މުޖުރިމްމީހާ ހިއްސުނައްތާލުމަށް ބޭނުންކުރާ ޑްރަގް އިންޖެކްޝަނެކެވެ. ދެންޖަހާނީ ޕެންކްރޯނިއަމް ޑްރަގް އިންޖެކްޝަނެވެ. އެއީ މަސްތައް ހަމަޖައްސާ މަޑުކޮށްލުމަށް ޖަހާ އިންޖެކްޝަނެކެވެ. މީގެ ސަބަބުން މުޅި ހަށިގަނޑު ޕެރެލައިސް ވެދެއެވެ. އަދި މިބޭހުން އެކަނިވެސް މީހާ މަޑުމަޑުންގޮސް މަރުވެދާނެއެވެ. އެއީ އެހާވެސް ބާރުގަދަ ޑްރަގެކެވެ. ދެންޖަހާނީ ޕޮޓޭސިއަމް ކުލޮރައިޑް އިންޖެކްޝަނެވެ. އޭގެއިން މީހާގެ ހިތް ހުއްޓުވާލާނެއެވެ. ނަމަވެސް ފުރަތަމަ ޖަހާ ސޯޑިއަމް ތަޔޯޕެންޓަލް ރަނގަޅަށް މަސައްކަތް ނުކޮށްފިނަމަ ދެން މަރުވާމީހާއަށް އިންތިހާއަށް ވޭން އަޅާނެއެވެ. އަދި މުޅި ހަށިގަނޑުގެ ކުލަ ބަދަލުވެ ކުދިކުދިވެގެންދާކަހަލަ އިހްސާސް ކުރެވޭނެއެވެ.

މީގެ އިތުރުން މިކަން ކުރުމަށްޓަކައި ޚާއްޞަ ކޮޓަރިއާއި އިންތިހާއަށް އަގުބޮޑު އިންޖެކްޝަންގެ މަދުވެގެން 6 އިންޖެކްޝަން، ގިނަވެގެން 12 ނުވަތަ 15 އިންޖެކްޝަން ޖަހަންޖެހެއެވެ. ކަންމިހެން ހުރުމުން މަރުވާ މީހާއަށް ކަނޑިން ޖަހާ މެރުމަށްވުރެ އެތައް ވޭނީ ޢަޒާބު ތަޙައްމަލް ކުރަން ޖެހެއެވެ. އަދި ވަރަށް އަގުބޮޑު އެނދަކާއި އޮޓެމެޓިކުން އިންޖެކްޝަން ޖެހޭގޮތަށް ހެދިފައިވާ ޒަމާނީ  2 ކޮޓަރިވެސް މިކަމަށް ބޭނުންވާނެއެވެ.

މިހުރިހައި ކަމަކަށް ވުރެ ކަނޑިއެއް ހޯދައި ތޫނުކުރުން މާފަސޭހަވާނެއެވެ. އަދި މަރުވާ މީހާއަށް ލިބޭ ވޭން މާކުޑަވާނެއެވެ. ވީމާ، އަޅުގަނޑު ދެކޭ ގޮތުގައި އިންޖެކްޝަން ޖަހައިގެން ޤިޞާޞް ހިފުމަށްވުރެ ކަނޑިންޖަހައި ޤިޞާޞް ހިފުންވެސް ދިވެހި ރާއްޖެއަށް މާ އަވްލާކަންބޮޑެވެ.

Advertisements

1 COMMENT

Comments are closed.