މުބާރާތުގެ ގުރު ލުމުގެ ރަސްމިއްޔާތުގައި އިޒްރޭލް ބައިވެރިކުރަން އިންޑޮނޭޝިޔާއިން ދެކޮޅު ހެދުމުން، މިއަހަރު ބާއްވަން ފީފާއިން ހަމަޖައްސާފައިވާ 20 އަހަރުން ދަށުގެ ވަރލްޑް ކަޕް އެގައުމުގައި ނުބާއްވާނެކަން ފީފާއިން މިރޭ އިއުލާން ކޮށްފިއެވެ.

އިންޑޮނޭޝިޔާގައި މުބާރާތް ނުބާއްވާނެކަން ފީފާއިން އިއުލާން ކުރީ މިރޭ އެއިދާރާއިން ކުރި ޓްވީޓެއްގައެވެ. މުބާރާތުގެ ގުރުލުން ކުޑަތަންވެފައިވާއިރު، ގުރުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ބާލީގެ ގަވަނަރ އިއުލާން ކުރައްވާފައި ވަނީ އިޒްރޭލަށް މަރުހަބާ ކިޔުމެއް ނެތް ކަމަށެވެ. ގަވަރނަރގެ މިނިއްމެވުމާ ގުޅިގެން އިންޑޮނޭޝިޔާގެ ބޮޑުވަޒީރާއި ފުޓްބޯޅަ އިދާރާއިން ވަނީ މިކަމާމެދު ހިތާމަކުރާކަން ހާމަ ކޮށްފައެވެ.

ވިހި އަހަރުން ދަށުގެ ވަރލްޑް ކަޕް ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މިއަހަރުގެ މެއި މަހުއެވެ. އިންޑޮނޭޝިޔާއިން ތައްޔާރުވެފައި އޮތީ މެޗުތައް 6 ސްޓޭޑިއަމްގައި ކުޅުމަށެވެ. މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމުގައިވާ އިންޑޮނޭޝިޔާގެ އެތައްހާސް ރައްޔިތުން ވަނީ މިމަހުގެ ކުރީކޮޅު ޖަކާޓާގައި އިޒްރޭލުގެ ޓީމު ބައިވެރިކުރުމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ފީފާއިން މިރޭ ކުރި ޓްވީޓްގައި ބުނެފައި ވަނީ މުބާރާތް ބާއްވާނެ ގައުމެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. މުބާރާތް ބޭއްވުމަށް މިވަގުތު އެންމެ ބޮޑަށް ޝައުުގުވެރިކަން ފާޅު ކުރަމުން އަންނީ އާޖެންޓީނާއިންނެވެ.

ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން އުދުވާން ހިންގާކަމަށް ބުނެ މިދިޔަ އަހަރުގެ ވަރލްޑް ކަޕުން ރަޝިޔާ ބޭރުކުރިއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާންތަކާ ދެކޮޅަށް ފީފާއިން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަބައެއްގެ ފާޑުކިޔުން ފީފާއަށް ވަނީ އަމާޒުވެފައެެވެ.