ޔޫތުމިނިސްޓްރީގެ ބިމެއްގެ ސަރަހައްދަށްވަދެ އެތާހުރި ގުދަނެއްގެ ތަޅުހަލާކޮށްލުމަށްފަހު މާލޭ ސިޓީކައުންސިލުން އަގުބޮޑު ސާމާނު ތަކެއް އެތަނުން ގެންގޮސްފި ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ކުރައްވާާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަން ވަގުތުން ހުއްޓާލުމަށް ސިޓީކައުންސިލަށް ގޮވާލައްވާ ކަމަށެވެ. ސިޓީކައުންސިލުގެ އެ އަމަލުގެ ސަބަބުން ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ ވާންޖެހޭނޭ ކަމަށް ވެސް ވިދާޅުވެފައިވެފައިވެއެވެ.

ފޮޓޯއާއެކު އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންދަނީ. މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެ،" ކަމަށެވެ.

އެތަނުން ގެންދަނީ ނުވަތަ ގެންދިޔަ އަގުބޮޮޑު ސާމާނުތަކަކީ ކޮބައިކަމެއް ވެސް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ. އަދި އެއީ ކޮންބިމަކު ކޮންތާކުހުރި ގުދަނެއް ކަމެއްވެސް ވިދާޅުވެފައެއް ނުވެއެވެ.

މިނިސްޓަރުގެ މިޓުވީޓާ ގުޅިގެން މާލެސިޓީކައުންސިލުން ވަނީ އެއަށް ރައްދު ދެއްވައި ޓުވީޓެއް ކުރައްވައިފައެވެ. ސިޓީކައުންސިލުން ވިދާޅުވެފައިވަނީ އެތަނުން ޤާނޫނައި ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނޭ ކަމަށެވެ. އެކަން ހިނގާދިޔަގޮތް ވެސް ބަލާނޭ ކަމަށް ވިދާޅވެފައިވެއެވެ. މިނިސްޓަރުގެ "މި ޓުވީޓާއި ގުޅިގެން ދަންނަވަން. މާލެ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވައިދާ ޚިލާފަށް އެެއްވެސް ކަމެެއް ނުކުރާނެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބަލާ ތަފްސީލު ހާމަ ކުރާނެ ވާހަކަ ސަމާލުމަކަށްޓަކައި ދަންނަވަން،" ސިޓީކައުންސިލުން ވިދާޅުވެފައިިވެެއެވެ.