ހަލި ދަރުބާރުގެ އެކުވެރިންނަށް ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުގެ އެންމެ ހާއްސަ ވާހަކައެވެ. މިއީ އަހަރެންގެ ދިރިއުޅުން މުޅިން ބަދަލު ކޮށްލި ވާހަކައެވެ. އަހަންނަކީ ހުވަދުއަތޮޅު ދެކުނުބުރީގެ ރަށަކަށް ނިސްބަތްވާ އާއިލާއެއްގެ ތިން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އަހަންނާއި އަހަރެންގެ މަންމަގެ ފަރާތު ބޮޑުބޭބެގެ ސޮރާ ދެމީހުން އެރޭ އޮތް ޒުވާނުންގެ ޝޯއަށް ތައްޔާރުކުރުމުގައި ވަރަށް ބުރަކޮށް އުޅެނިކޮށް ކުއްޖަކު އައިސް ދިއްކޮށްލީ ބަނދުކޮށްފައި އޮތް ކުޑަވަރެއްގެ ސިޓީއުރައެކެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނަށް އެނގޭހެއްޔެވެ؟ އެއީ ލޯބިވެރިޔާ އަހަންނަށް ފޮނުވި ކުޑަނޯޓެކެވެ. "ވަރަށް އިންތިޒާރު ކުރިން. އެކަމަކު ސަމާލުކަމެއް ނުދިނީމަ މިގޮތަށް ބުނަން ޖެހުނީއެވެ." މުޅި ރަށުގައި ވެސް ހުރި އެންމެ މުއްސަނދި އަދި އެންމެ ދަހިވެތި މީހާގެ އަންހެންދަރިފުޅާއި އަހަންނާ ދެމެދުގައި ލޯބީގެ ގުޅުމެއް ފެށުނީއެވެ. ވަރަށް ވެސް ސިއްރުންނެވެ. އަހަންނަކީ ރަށުގައި އުޅޭ އެއްފުރައިގެ ޒުވާނުންނާއެކު އާވާރާވެގެން އުޅެމުންދިޔަ މީހަކީމެވެ. ލޯބިވެރިޔާއާ ބައްދަލުކުރަންވެސް ދަނީ އެރެއަކު ކުރަން އޮންނަ ކަމެއް ނިންމާފައި ވަރަށް ލަސްވާފަހުންނެވެ. ލޯބިވެރިޔާއަށްވެސް އަހަންނާ ބައްދަލު ކުރަން ފަސޭހަ ގަޑިއަކަށްވެސް ވާތީއެވެ.

އެންމެންވެސް ނުހަނު ލޯބިވާ އިހުތިރާމް ކުރާ މާމައާއިކާފަ، އަހަރެމެން ކިޔާ ނަމުން ބޮޑުމަންމައާއި ބޮޑުބައްޕަ، ބޮޑޭމެން އެރޭ ރަށަށްއައި ލޯންޗުން ފޭބި ވަގުތު އަހަރެމެން ތިބީ ލޯބިވެރިޔާގެ ގޭގެ ފުރަގަހުގައި އޮންނަ ފަޅު ގޯތިތެރޭގައެވެވެ. އަހަރެމެން ތިން ކަޒިންގެ ލޯބިވެރިންނާ ބައްދަލުކުރުމުގައެވެ. ދުވެފައި އައި ކުޑަސޮރު މާނޭވާ ލަމުން އެބުނި ވާހަކައަކީ ހޮނުހުގުގުރިއެއް ޖެހި ކަހަލަ ހަބަރެކެވެ.

ބޮޑޭމެންތިބި ހާލު ފެނުމުން އަހަރެމެން ތިން ބެއިންގެ ލޭ ކެކިގެންދިޔައެވެ. އެވަގުތުން ފެށިގެން އެރަށުގެ އެކަން ކުރި ދަންޑެހެލު އާއިލާގެ އެންމެ ދަންޑެހެލެއް މިރަށަށް އަރައިފިއްޔާ ހޭހުއްޓާ ދުލެއް ނުކުރާނެކަމަށް އިއުލާންކޮށްފީމެވެ. ބޮޑޭގެ ދެމަފިރިންނަށް އަނިޔާކޮށް ހެދުންތައް ވީދައި އަނިޔާކޮށްލީ އެރަށު ހޮސްޕިޓަލުން ނުކުންނަނިކޮށް ފެނިގެންކަމަށާއި ބޮޑޭއަންމަގެ ގައިގަ އަޅާފައިހުރި ގަހަނާ އަތުލަން އުޅުމުގެ ތެރޭ ދަންޑެހެލުގެ ހަތަރުބެއިންގެ ތެރެއިން ތިންބެއިން ބޮޑޭމެނަށް ހަދާލި ގޮތް އިވުމުން އަހަރެމެން މޮޔަނުވީ ކިރިޔާއެވެ.

މިހަޅުތާލުގައި ލޯބިވެރިޔާ މަތިން ހަނދާން ނެތި އަހަރެން ބޮޑޭމެންގެ ހައްގުގައި ބަދަލު ހިފަން ނުކުތީމެވެ. އަދި ހަގު ދަންޑެހެލު ތަޅައި ނުކުޅެދޭމީހަކަށް ހަދާލިކަމުގެ ތުހުމަތުގައި ޖަލަށް ގެންގޮސްފިއެވެ. ޖަލުގައި ތިބިއިރު އަހަރެމެންގެ ލޯބިވެރިންގެ ހަނދާން އަހަރެމެން ތިން މީހުންގެ ދުވަސް ކުރުކޮށްދިނެވެ. އޭގެ ތެރެއިންވެސް އަހަރެންގެ ލޯބިވެރިޔާ ވީ ތަފާތު ވަފާތެރިއަކަށެވެ. އެހެން އެންމެން ބޭވަފާތެރިވެ ނިމިއްޖެއެވެ. އަހަރެންގެ ލޯބިވެރިޔާ ކިޔަވަން ފެށީ ކޯޗެއްކަން އެކުވެރިންނަށް އެނގޭ ހެއްޔެވެ. އަހަންނަށްޓަކައި ލޯބިވެރިޔާ ވަކީލުކަން ކިޔަވަން ފެށީއެވެ. އެހެންނަމަވެސް އޭރު އަހަރެމެންނަށް އުމުރަށް ޖަލަށް ލުމަށް ހުކުމްއިއްވައިފިއެވެ.

ޖަލުގައި ފަސް އަހަރުވީ އިރު ބަރާބަރަށް އަހަންނަށް ލޯބިވެރިޔާގެ ސިޓީ އާދެއެވެ. ސިއްރު މަގަކުންއަންނަ މިސިޓީތަކުގައި އޮންނަނީ އެއްވާހަކައެވެ. ކެތް ކުރަން އުނދަގޫވަނީކަމަށާއި އޭނާ ބަލާ އައުމަށެވެ. ފިލައިގެން އައިސް އޭނާއާ ކައިވެނި ކުރުމަށް އާދޭސްކޮށްފައި އޮވެއެވެ. އަހަންނަށް ދޭން އެނގުނީ އަބަދުވެސް އެއް ޖަވާބެކެވެ. ދެން ކުއްލިއަކަށް ސިޓީތައް މެދުކެޑިއްޖެއެވެ. ހަމަސްފަހުން އަހަންނަށް އައި ސިޓީ އަދިވެސް އަހަރެންގެ އަތުގައި އެބައޮތެވެ. އެހެން ހުރިހާ އެއްޗެއް ޖަލުތެރެއަށް ގެއްލުނުއިރުވެސް މިސިޓީ އޮތީ ރައްކާކުރެވިފައެވެ. މަންމަ ނިޔާވި ހަބަރުވެސް ލިބުނީ މިސިޓީއާއެކުގައި ކަހަލަ ގޮތަކަށެވެ.

"އަހަރެން މީހަކާއިންނަނީއެވެ." މަތީގައި އިނގިރޭސިން ލިޔެފައި އޮތެވެ. A WOMAN’S PRIDE IN SILENCE”" އަދި ދާދި ފަހަކާ ޖެހެންދެން މި ބަހުގެ މަފްހޫމެއް ނުވިސްނެއެވެ. ކޮންމެއަކަސް ލޯބިވެރިޔާ މީހަކާ އިންކަން އެނގުމުން އަހަރެންގެ މުޅި ދުނިޔެ ބަދަލުވެއްޖެއެވެ. މިއަދު މީހުންނަށް މިފެންނަ ދީނަށް ލޯބިކުރާ ސުންނަތަށް ބޯލަބާ މީހާއަކީ އެދުވަހު އުފަންވި މީހެކެވެ. ދެން އައީ އެންމެ އަޖައިބު ކުރުވަނިވި ކަންތަކެވެ. އަހަރެންގެ މައްސަލަ ހައިކޯޓަށް ލުމަށް ކޮއްކޮމެން އުޅެގަތެވެ. ސަބަބެއް ނުބުނެދިނެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނަށް އެނގޭ ހެއްޔެވެ. އަހަރެންގެ ހުކުމް އިސްތިއުނާފުމަގުން ހައިކޯޓުގައި ވަކާލާތު ކުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ލޯބިވެރިޔާއާއި އޭނާގެ ފިރިމީހާއާ ދެމީހުންނަކީ އަހަރެންގެ ދެވަކީލުންނެވެ.

ހައިކޯޓުން އަހަރެންގެ ހުކުމް ބާތިލުކޮށް މިނިވަންކޮށްފިއެވެ. އެދުވަހު އަހަރެން ލޯބިވެރިޔާއާ ހަތަރުކަޅި ހަމަކޮށްލީމެވެ. އެތައް ސުވާލަކަށް ޖަވާބުވެސް ލިބުނީއެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. އެފަދަ މާތް އަންހެނަކު ލިބިއްޖެ މީހަކީ ދެދުނިޔޭގެ ނަސީބުވެރިއެކެވެ. އަހަރެންނަށް ލޯބިވެރިޔާގެ މެސެޖެއް ލިބުނެވެ. އަނެއްކާވެސް އެއްކަލަ ޖުމްލައެވެ. ދެން އޮތީ ސުވާލެކެވެ. އަދިވެސް އަހަންނަށް ލިބިދާނެހެއްޔެވެ؟ ކައިވެނި ކޮށްފާނަން ހެއްޔެވެ. އާނއެކޭނަމަ ވަރިވާން ތައްޔާރެވެ. ނޫނީ މަތީގައި އެއޮތް ޖުމްލަ "ނޮޓް އެނީ މޯރ"އަށް ބަދަލުވާނެއެވެ." ވިސްނުނެވެ. އެނގުނެވެ. ފަހުމްވެސް ވިއެވެ. އެކަމަކު އަނބުރާ އޭނާ އަހަރެންގެ ހަޔާތަށް ގެނައުމަށް އެފަދަ އަނިޔާއެއް ދޭން ނޭދެމެވެ. އެއަށްވުރެ އޭނަ އަހަރެންދެކެ ވީ ލޯތްބަށް އަހަރެން ގަދަރު ކުރަމެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. މިއަދު އޭނާގެ ދެކުދިން އެބަތިއްބެވެ. ފިރިމީހާއާއެކު އެއުޅެނީ އުފަލުގައެވެ. އަހަރެންގެ މުޅި ހަޔާތަށް އަލިކަން ގެނެސްދިނުމުގެ ބަދަލުގައި އޭނާއަށް އެއުފާވެރިކަން ދެވުނީތީ އަހަރެންގެ ހިތަށް ލިބޭ ހަމަޖެހުން ބޮޑެވެ. މިހާރު އެދެމަފިރިންގެ އަމިއްލަ ލޯފާމުން ބަލަނީ ޖުވެއިނަލް މައްސަލަތަކެވެ. ސަބަބުވެސް އަހަންނަށް އެނގެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަހަރެން މަގު އޮޅި އަނިޔާވެރި ނުބައި މީހަކަށް ހެދީ އަހަރެންގެ ޅަފުރާގެ ތަރުބިއްޔަތެވެ. ތެދެއްމެއެވެ. އެކަމަކު މައިންބަފައިން ކުށްވެރި ކުރާ ހިތެއް ނުވެއެވެ.

މިއަދު އަހަންނަކީ މުޅި އަތޮޅުގައިވެސް މީހުން ގަދަރުކުރާ އިހުތިރާމް ލިބިގެންވާ ބަސްވިކޭ އުސްތާޒެކެވެ. ޝޭހެކެވެ. އަަހަރެންގެ ކައިވެނި ކުރެވުނީ އަޚު ޝޭޚުން ހޯދައިދިން އެމީހުންގެ އުޚްތާއެކެވެ. އަހަރެންގެ ދެދުނިޔެ އަލިކޮށްދިން ލޯބިވެރިޔާގެ އެންމެ ފަހު މެސެޖުގައި އޮތް ވާހަކަ އަހަރެން ހަނދާން ކުރަން ބޭނުން ނޫނެވެ. އެކަމަކު ހަނދާން ވުމަކީ ގަސްދަކާ ނުލާ ވާ ކަމެއްނަމަ އޭގައި އަހަރެން ކުރާނީވެސް ވަކި ކީއްހެއްޔެވެ. މެސެޖުގައި އޮތެވެ. "އަހަރެމެން މިދުނިޔެމަތިން ދެން ބައްދަލެއް ނުވާނަމެވެ. އެކަމަކު ދެން ބައްދަލުވާނީ ސުވަރުގެއިންނެވެ. ސުވަރުގޭގައި އަހަރެންގެ ފިރިއަކަށް ތިބާ ދެއްވާތޯ އަަބަދުވެސް ދުއާ ކުރާނަމެވެ. އަބަދުވެސް ހެޔޮހާލުގައި ތެދުމަގުގައި ލެއްވުމަށް ދުއާކުރަމެެވެ. އަހަރެން ލޯބިވީ ﷲއަށްޓަކައެވެ. އަދި ތިބާ އަހަރެން ދުރުކޮށްލީވެސް ﷲއަށްޓަކައިކަމަށް ގަބޫލު ކުރަމެވެ. އެހެންވީމަ އަހަރެމެންގެ ވަކިވުމުގައި އެކަލާނގެ ބަރަކާތް ލައްވާނެކަން ޔަގީނެވެ. ﷲއަށްޓަކައި އަބަދުވެސް ތިބާދެކެ ލޯބިވާނަމެވެ. އަދި ވަދާއުގައިވެސް ލޯބިވަމެވެ."

އެއީ ލޯބިވެރިޔާގެ ފަހުގެ މެސެޖެވެ. އޭގެ ފަހުން އަދި އަދަށްދާނދެންވެސް އަހަންނަށް ލޯބިވެރިޔާގެ އެއްވެސް ހަބަރެއް ނުވެއެވެ. އަޑުއިވޭ ގޮތުގައި އެމީހުން ދިރިއުޅުން މިހާރު އޮތީ ރާއްޖެއާ ވަރަށް ދުރުގައެވެ. އެމީހުންގެ އާއިލާއާއެކުގައި ސައުދީގެ ރިޔާދުގައި ވަޒަންވެެރިވީއެވެ. އެކަމާވެސް އަހަރެން އުފާ ކުރަމެވެ. ތެދެކެވެ. އޭނަ އަހަރެންދެކެ ލޯބިވީ ﷲއަށްޓަކައި ކަމެއް ނޫންކަމެއް އެނގޭނީ އޭނާއަށާއި ﷲތައާލާއަށެވެ. އެކަމަކު ފަހުން އަހަރެން އޭނާއާ ވަކިވީ ﷲއަށްޓަކައި އޭނާއަށް ހެޔޮއެދޭތީއެވެ.