މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ހޯރަފުށި އަދި ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންތަކުގެ ތެރެއިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އަދި އިއްޔެ ކުރިއަށް ގެންދިޔަ މި އޮަޕަރޭޝަނުގައި 44 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ސެލޯފިން ކޮޅު ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން، ހޯރަފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މާރިޗު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި އަދި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ހޮޅިކޮޅާއި ފައިސާތަކެއް ފެނިފައިވާ ކަމަށް އެފަރާތުން ވަނީ ވިދާޅުވިއެެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 32 އަހަރުގެ މީހާއަށް 5 ދުވަސް ދީފައިވާއިރު 41 އަހަރުގެ މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.