އިސްލާމީ ޝަރީޢަތުގައި ޤަޠުޢީ ޙުކުމްތައް އައިސްފައިވާ ކަންކަމުގެ ތެރެއަށް އުނި އިތުރު ގެނައުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ޑީއެންއޭ އެވިޑެންސްއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ލިޔުއްވާފައިވާ ލިޔުއްވުމަކާއި ގުޅިގެންނެވެ.

އެގޮތުން ޕީޖީގެ އެ ލިޔުމުގައި ވަނީ ފުރަތަމަ ޤާނޫނުލްޢުޤޫބާތުގެ ދިވެހި ޑްރާފްޓު ލިޔުނުއިރު، "ޒިނޭ" މިބަސް ނެތް ކަމަށާއި އެ ބަސް ނެތީ، ކުށް ތަކަށް ނަން ދެވިފައި ހުރި ގޮތަށް ގެނައި ބަދަލަކާއެކު ކަމަށެވެ. އޭރު ބޭނުން ކޮށްފައި އޮތީ "ޖިމާޢު" ވުމެވެ.

"ޤާނޫނުލްޢުޤޫބާތުގައި ކުށްތަކަށް ދީފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެންނެވި ބަދަލުތަކާއެކު "ޒިނޭ" މި ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެވައްތަރެއްގެ ކުށް ބަޔާންކުރާގޮތަށް ޤާނޫނުލްޢުޤޫބާތު ފާސްވެގެން ދިޔައީއެވެ. މިސަބަބަށްޓަކައި، ޤާނޫނުލްޢުޤޫބާތު ކިޔަވައިދިންއިރު އަޅުގަނޑުމެން ކިޔައިދެމުން އައީ 'ބަހަކީ ބަހެއް ނޫން' ކަމަށާއި، 'ބަހަކީ އެއަށް އަޅުގަނޑުމެން ދޭ މާނައެއް' ކަމަށެވެ. އޭގެ ބޭނުމަކީ، ބަހުގެ ޤައިދުން ނެއްޓި، ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް ވިސްނުން ބަދަލުކުރަން މަސައްކަތް ކުރުމެވެ" ޕީޖީ ވިދާޅުވިއެވެ.

އަދި ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭގެ ތަފާތަކީ ސާބިތުކުރަން ހުށަހަޅާ ހެއްކާއި އަދަބު ކަމަށާއި ޝަރުޢީ ޒިނޭ ސާބިތު ކުރަން ހުށަހަޅަނީ އިސްލާމީ ޝަރީޢަތުގައި ބުނާ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަހަށް ކަމަށްވާއިރު ޤާނޫނީ ޒިނޭ ސާބިތު ކުރަން، ޤާނޫނީ ގޮތުން ހުއްދަ ކޮންމެ ހެއްކެއް ހުށަހެޅޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަރުޢީ ޒިނޭއަށް އޮތް އަދަބަކީ 100 އެތިފަހަރުން ޖަލްދު ކުރުމެވެ. ޤާނޫނީ ޒިނޭއަކަށް އެ އަދަބެއް ނެތް ކަމަށާއި އޮތީ، ޤާނޫނުލްޢުޤޫބާތުގައި އޮތް އަދަބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޤާނޫނީ ޒިނޭއެއް ސާބިތުވެގެން ޖަލްދު ނުކުރެވޭނެކަމަށްވެސް ޤާނޫނުލްޢުޤޫބާތުގައި ލިޔެފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ޤަޠުޢީ ޙުކުމްތައް އައިސްފައިވާ ކަންކަމުގެ ތެރެއަށް އުނި އިތުރު ގެނައުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްނޫން ކަމަށާއި އިސްލާމީ ޝަރީޢަތުގެ އެންމެހާ ޙުކުމްތައް ކަނޑައަޅުއްވާފައިވަނީ އަޅުތަކުންގެ އެންމެ މަތީ މަޞްލަޙަތުތަކާއި އަބުރާއި ކަރާމަތު ރައްކާތެރިކުރުމަށް ކަމަށެވެ.

ޕީޖީގެ މިވާހަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ނުސީދާ ރައްދެއް ދެއްވާފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ޤާނޫނީ ގޮތުންވެސް މިފަދަ ޝަރުޢީ މުސްޠަލަޙުތައް ބޭނުންކުރަމުން ދަނީ ޝަރުޢުގައިވާ ގޮތަށް ކަމަށެވެ.

"މިސާލަކަށް: ޒިނޭ ވާނީ ޒިނޭއަށެވެ. ކައިވެނި ވާނީ ކައިވެންޏަށެވެ. ލިވާޠު ވާނީ ލިވާޠަށެވެ" މިނިސްޓްރީން ބުންޏެވެ.

އަދި އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށްވެފައި، މިފަދަ ޝަރުޢީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުޢީ މިންގަނޑުތަކާއި ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.