ޝާހިޔާއާއި ނާޝިދު އެކަކު އަނެކަކާ ބައްދަލުވެ ގުޅުން ބަދަހި ކުރާކަމުގެ ހިލަން ޝާހިޔާގެ މަންމައަށް އެނގުނީ އެދެމީހުން އެކަކު އަނެކަކުގެ މީހަކަށް ވުމަށް ވައުދާ އަހުދުވާތާ އަހަރު ދުވަސްވެސް ވީފަހުންނެވެ. އެންމެ ފުރަތަމަ ދެމީހުން ބައްދަލުވީ އޮފީސް މަސައްކަތެއްގައި ނާޝިދު ވިލިގިއްޔަށް އައިސް އުޅުމުގެ ތެރޭގައެވެ. އޭގެ ހަތަރު މަސް ފަހުން ނާޝިދު އެތައް މަސައްކަތަކުން އޭނާގެ މަސައްކަތްތަކެއް ވިލިނގިލީ ބަޔަކާ ގުޅިގެން ތައްޔާރުކޮށް އެރަށަށް ވަގުތީ ގޮތުން އެޕްރޮޖެކްޓް ނިމެންދެން ބަދަލުވީއެވެ. އޭގެ ފަހުން ޝާހިޔާއާ އޭނާގެ ގުޅުން ދިޔައީ އެންމެ ފުރިހަމަ މާނައިގައި ބަދަހި ވަމުންނެވެ.

މި ގުޅުމުގެ ވާހަކަ އެނގުނީންސުރެ ޝާހިޔާގެ މަންމަ އައީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އެކަން ޝާހިޔާއަށް ރަނގަޅަށް އެނގެއެވެ. ނާޝިދަށް އެކަން އެނގުމުން މަންމަގެ ނުޤަބޫލުގައި ގުޅިގެން އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަމަށް ބުނެ ދެމީހުން ވަކިވުން ރަނގަޅުވާނެ ކަމަށް ޝާހިޔާ އަށް ވިސްނައިދޭން މަސައްކަތް ކުރީ ހިތް އެދޭތީއެއް ނޫނެވެ. އެކަމަކު އެއީ އެކަން ވާނެ ގޮތްކަން އެނގޭތީއެވެ. ޝާހިޔާއާ ވަކިން އުޅުމަކީ ވަކި ނާޝިދަށްވެސް ފަސޭހަކަމަކަށް ނުވާނެއެވެ.

އެހެންނަމަވެސް ގއ ވިލިނގިލީ އަންހެންކުއްޖެއްގެ މަންމަގެ ނުގަބޫލުގައި ގދ ތިނަދޫ ފިރިހެންކުއްޖަކަށް އެއަންހެންކުއްޖާ ކާމިޔާބު ކުރުމަކީ އަދި މިހާތަނަށް ވަރަށް ނާދިރު ކަމަކަށް ވެފައި އޮތް ކަމެކެވެ. މިއީ ގދ އާއި ގއ އާ ދެމެދު އޮންނަ ނުފެންނަ ފިނި ހަނގުރާމައެކޭވެސް މީހުން ކިޔައިއުޅެއެވެ. ނަމަވެސް ޝާހިޔާ އެކަން ޤަބޫލެއް ނުކުރިއެވެ. ބޭނުންވީ މަންމަ ނުރުހުނަސް ދެމީހުން ގުޅި ކައިވެނިކުރާށެވެ.

އޭނާ ބުނަމުން އައީ ކައިވެނިކުރަންޖެހޭނެ އަންހެނަކު އެނގޭނީ މަންމައަށް ނޫންކަމަށާއި ފިރިމީހާ އިޚްތިޔާރުކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއް ކަމަށާއި އެ ޙައްޤުގެ ބޭނުން ކުރާނެ ކަމަށެވެ. އެންމެ ފަހުން ނާޝިދުވެސް ހިތްވަރާއެކު ހަމަ މިމޭރުމުން އޭނާގެ މަންމައާ ވާހަކަ ދައްކަން ނިންމައިފިއެވެ. އިސްވެ ގުޅުން ފަށާ ބަދަހި ކުރީ ނާޝިދު ކަމަށްވިޔަސް ކައިވެންޏާ ހަމައިން ދެއާއިލާގެވެސް ނުގަބޫލުގައި އެކަން ކުރީމަ ނުކުންނާނެ ނަތީޖާއަށް ވިސްނާލެވުނީ ފަހުންނެވެ. ފުރަތަމަ ނާޝިދު ހީކޮށްގެން ހުރީ ކޮންމެވެސް އެއްކޮޅަކުން އެއްބަސްވެ ރުހޭނެ ކަމަށެވެ. އެކަމަކު އާހިރުގައި ދެކޮޅުންވެސް ތިބީ ހަތިޔާރު އެޅި ސިފައިން ހަނގުރާމައަށް ނުކުމެއެވެ.

ކޮންމެއަކަސް އެންމެ ފަހުން ވަކިން އުޅެން ޖެހުނިއްޔާ އެގޮތަށް އުޅުމަށް އެއްބަސްވެ ކައިވެނިކޮށްފިއެވެ. ހީކުރި ގޮތާ ހިލާފަށް ނާޝިދުގެ މަންމަ ރުހިއްޖެއެވެ. ކައިވެނީގެ ކުރީ ދެމަހެއްހާ ދުވަސް ފަހުން ނާޝިދުމެން ބަލައި އައީވެސް މަންމައެެވެ. ދެމަފިރިން އުފަލުން ތަންމަތިބޮނޑި ހިފައިގެން ތިނަދޫއަށް ދިޔައީއެވެ. ނާޝިދުގެ މަންމަ ވަރަށް ރަނގަޅެވެ. ވާހަކަވެސް ދައްކަނީ ވަރަށް ލޯބިންނެވެ.

ދުވަސްކޮޅެއް ފަހުން މަންމަގެ ރައްޓެހި ބައެއް ޒުވާނުން ގެއަށް ގެނެސް އެމީހުންނަށް ސައިހަދައިދިނުން ފަދަ ކަންކަން ކުރަން ފަށައިފިއެވެ. އެމީހުންނާއި ވާހަކަދައްކަން މަންމަ އިންނައިރު ކައިރީގައި އިންނަން ޝާހިޔާ ގާތުގައިވެސް ބުނަން ފަށައިފިއެވެ.

އެގޮތަށް މީހުން ގެއަށް ގެންނަނީ ނާޝިދު ގޭގައި ނުއުޅޭ ވަޤުތުތަކުގައިކަމަށްވުމުން ޝާހިޔާގެ ހިތުގައި ޝައްކުތައް އުފެދެން ފެށިއެވެ. އެހެންވެ އެވާހަކަ ނާޝިދު ގާތުގައި ދެއްކުމުން ނާޝިދުގެ ޖަވާބަކަށްވީ މަންމަ އިންނަ ވަޤުތެއްގައި މަންމަ ބުނެގެން އެތަނުގައި އިންނަމަވެސް އެކަނި ނުއިނުމަށެވެ.ދެން ކުރަންފެށިކަމަކީ 3 ނޫނީ 4 މީހުން އެކުގައި ތިބެފައި އެބަ އަންނަކަމަށް ބުނެފައި ނާޝިދުގެ މަންމަ ތެދުވެގެން ދަނީއެވެ. އެހިސާބުން ވަރަށް ބޮޑު ގޯހެއް އެބަހިނގާކަން އެނގި މަންމަ ގާތުގައި އެގޮތަށް އެކަން ނުކުރަން ޝާހިޔާ އެދުނެވެ. އަދި މަންމަ ތެދުވެގެންދާނަމަ އޭނާވެސް ދާނެކަމަށް ބުންޏެވެ.

އެއްދުވަހަކު މަންމަ ގެނައި ޒުވާނަކާއި 3 މީހުން ސިޓިންގރޫމްގައި ތިބެފައި މަންމަ އާދައިގެމަތިން އެބަ އަންނަކަމަށް ބުނެފައި ތެދުވެއްޖެއެވެ. މަންމަ ހިނގައިގަތުމުން ޝާހިޔާވެސް ދާން ހިނގައިގެންފިއެވެ. އެވަގުތު އެމީހާ އެއްލި އަތުން ޝާހިޔާގެ އަތުގައި ހިފައިފިއެވެ. ޝާހިޔާ އެމީހާގެ އަތް ފޮޅާލައިފައި ބަލަ ހާދަ ވިޔާނުވާ މީހެކޭ ތީ. އަހަރެންނަކީ މީހެއްގެ އަންބެއްކަން ނޭނގެނީހެއްޔޭ ކިޔައި އަޑުގަދަކޮށްފިއެވެ.

އެވަގުތު މަންމަ އައިސް ބުނީ ރުޅި ނައުމަށާއި އެއީ ވަރަށް ހިތްހެޔޮ، އެކުވެރި މިޒާޖުގެ ޒުވާނެއްކަމަށެވެ. ޝާހިޔާ ހައިރާންވެ ނުރުހިފައި ބުންޏެވެ. "އެހެންވީމާ އެކަން އޭނާއާއި މަންމަ އާއި ދެމެދުގައި ބާއްވާ. އެގުޅުމުގެ ތެރެއަށް އަޅުގަނޑު ނުފައްތާ. އަޅުގަނޑަކީ މަންމަގެ ޅީދަރިފުޅު. ދަރިއެއްގެ ދަރަަޖައިގަ މަގާމުގަ ހުރިއިރި ހިލޭ ފިރިހެނެއްގެ އަތް އަޅުގަނޑާ ދިމާއަށް ފޯރުމަކީ މަންމަ ރުހިގެންވާނެ ކަމެއް ނޫން." ޝާހިޔާގެ މިގަދަފަދަ ބަސްތައް އިވިފައި ނާޝިދުގެ މަންމަ ވަރަށް ދެރަވިކަމަށް ހެދުނެވެ. ޝާހިޔާ އިތުރަށް އަނގައިންވެސް ނުބުނެ އެތަނުން ދިއައީއެވެ.ޖެހިގެން އައިރޭ އާއިލާ އެންމެންހެން ރޭގަނޑުގެ ކެއުމުގައި ސުފުރާގައި ތިބި ވަގުތެވެ. ނާޝިދުގެ ފޯނު ނަގައި ފޮޓޯއެއް ޝާހިޔާއަށް ދައްކައިފިއެވެ. ސުވާލުކުރިއެވެ.

"މިވަނީ ކިހިނެއް؟ މިއީ ކޮންހާ ސަކަރާތެއް؟" ބަލައިލިއިރު ކުރީދުވަހު އެޒުވާނާ ޝާހިޔާގެ އަތުގައި ހިފި ފޮޓޯއެވެ. ވީމާ މިވަނީ ކިހިނެއްކަން ޝާހިޔާއަށް އެނގޭކަށް މާގިނަ އިރުތަކެއް ނުނަގައި ވިސނި އެނގިއްޖެއެވެ.ޝާހިޔާ ހުރީ ތައްޔާރުވެގެން ކަހަލައެވެ. އޭނާގެ ފޯނުނަގައި އެ ސްޕީކަރަށްލާފައި ބުނެފިއެވެ. "މިއަޑުއެހީމާ ތިއަވާގޮތް އެނގޭނެ." އެހެން ބުނެފައި އެދުވަހު ޝާހިޔާ މަންމަ ގާތު ދެއްކި ވާހަކައިގެ ރެކޯޑިންގ އަޑުއިއްވައިފިވެ. އެވާހަކަ ރެކޯޑްކުރެވިފައި އޮތީ އެފަދަ ބަދުނާމަކަށް ޝައްކުކުރެވެމުން އައީތީ ޝާހިޔާ މެދުނުކެނޑި އެހެން އިންނައިރު އޭނާގެ ފޯނުގެ ރެކޯޑާ ޖައްސާފައި ހުންނާތީއެވެ.

އެވާހަކަތައް އަޑުއަހާފައި އެންމެން މަންމަ ކުށްވެރިކުރިއެވެ. މަންމަގެ މަކަރުވެރި ރޭވުން އެންމެންނަށް އެނގުމުން އެހައި ނުބައި ކަންކަން މަންމަ ކުރަނީ ކީއްވެގެންތޯ މަންމަ އާއި ސުވާލުކުރީމާ ހެދުނީ ރޯކަމަށެވެ. ޝާހިޔާ ވާހަކަ ދެއްކިއެވެ.

"މިދުވަސް މިގޮތަށް އަންނާނެކަން ކުރިންވެސް ވިސްނޭތީ މަންމަގެ ނުރުހުމުގައި ކައިވެނި ނުކުރަން ނާޝިދު އައީ އަޅުގަނޑަށް ވިސްނައިދެމުން. އަޅުގަނޑުމެން އެހާ ފަސޭހައިން މިރަށަށް އައީވެސް ސަބަބެއް ނެތިއެއް ނޫން. ނާޝިދުގެ މަންމަ ތިވިސްނެވީ އަޅުގަނޑު ވިއްކައި ކާލާފައި ދަރިފުޅާ ދުރުކޮށް ބަދުނާމުކޮށް ގިނަކޮށްލަން. އަޅުގަނޑުމެން ކައިވެނިކޮށްގެން ވިލިނގިލީގައި ތިބިއިރު އަޅުގަނޑުގެ އާއިލާއިން ހެދީ ސިހުރު، އަޅުގަނޑުމެން ދެމީހުން ނުލާހިކު ލޯބިން އިނދެގެން ހަފުތާއެއް ނުވަނީސް ނުލާހިކު ބޮޑަށް ރުޅިއައިސް އެކަކު އަނެކަކަށް އަނިޔާވެރި ވާ ހިސާބަށް ދިޔައިމަ ވެގެން އުޅޭ ގޮތް ބަލައިދިނީ ނާޝިދުގެ ބޮޑު ފަހަރި، އާ، މަންމަމެން އެވަރަށް އަޅުގަނޑުދެކެ ރުޅިއަންނަނީ އަދި އަޅުގަނޑުމެންގެ އާއިލާމީހުން ނާޝިދު ދެކެ ރުޅި އަންނަނީ އެފަހަރީގެ ކައިވެނިވެސް އެހެނ ކޮށްގެން އެމީހުން އުޅޭތީ. އަޅުގަނޑަކަށް ސަފުން ނުވެސް އެނގޭ ނާޝިދުގެ ތިންވަނަ ބޮޑުދައިތަ ދަރިއެއް، ކަޒިންއެއް ނަސްރީނައްތަ އާ އިނދެގެން އުޅޭ ކަމެއްވެސް. ނަސްރީނައްތަމެންވެސް އެތިބީ ތިންފަތް ވާންވެފައި. ދެވަރި ވެގެން ތިންވަނައަށްވެސް އިނދެގެން، ވާހްވާހް، ދެއާއިލާއަށްވެސް ހަމަ ސާބަސް."

"މަންމަމެނަށް އަޅުގަނޑު ކޮންމެ ރަށެއްގެ ކޮންމެ މީހަކާ އިނަސް ވާނެ ފަރަގެއް ތަފާތެއް އޮވެގެންނުވާނެ. ޒަމާންވީ ހަސަދަވެރިކަން، އަތޮޅުގެ ދެބައިގަނޑު ދެބައޮޑުވުމާއި ކުޓުވުމާއި ޒުވާބުން އަރައިގެން ގޮސް މިހާރު ސިހުރު ހާހޫރަ، އަނިޔާ، ފިތުނަ ހަސަދަ...އަޅެ މަންމަމެން އާޝިގެ މަންމަވެސް ފަސްވަގުތު ނާޅާ ކުރާ ނަމާދާއި ކުރާ ޒިކުރާއާއި ދޭ ސޮދަގާތާއި ކުރާހާ އުމްރާ ހައްޖަށްވެސް އިހަށްދުވަހު ހިނގައްޖައިމު. ކޮބާ މިކަންތައްތަކުގެ ބޭނުމަކީ. ހެޔޮކަންތައް ކޮށްކޮށްފައި މާކަނޑަށް އަޅަނީނު ތީ."

އާޝިޔާއާއި ނާޝިދުގެ މަންމަ ހަގީގަތުގައިވެސް ދެރަވެ ރޯން ފެށިއެވެ. އާދޭސްކޮށް މާފަށް އެދުނެވެ. އެދުވަހުން ފެށިގެން މަންމަ ބަދަލުވެއްޖެވެ. އަނގަތަޅަން ހޮޅުއަށްޓަށް ދިއުމާއި ޅީދަރިފުޅަށް ހަސަދަލުން ހުއްޓާލައި ތައުބާވެ އަސްތަޣްފާރު ގިނަ ކުރަން ފެށިއެވެ. އެހިސާބުން އޭނާއަށް ހިތްހަމަޖެހުންވެސް އިހުސާސްވާން ފެށިއެވެ. އެހެންނަމަވެސް އަދިވެސް ވިލިނގިލީގައި ޝާހިޔާގެ އާއިލާ ތިބެނީ ހަތިޔާރާއެކު ތައްޔާރަށެވެ. ހަށީގައި ފުރާނަ ހުރިހާ ހިނދަކު ގދތިނަދޫ ފިރހެނަކަށް ރަށާއި ގޭގައި ވެރިކަން ނުކުރެވޭނެ ކަމަށް ބުނެ ދިދަ ނަގައިގެންނެެވެ. މާމަދަރިއެއް ލިބުމުންވެސް ދިނީ ބަދުބަސްތަކާއި ހުތުރު ޖަވާބެކެވެ.

މިހާރު ދެން ނާޝިޔާ އެއީ ގއ ވިލިނގިއްޔާ ބެހޭ މީހެއް ނޫނެވެ. އެމީހުންނަށް މަރުވާ މަސްގަނޑުވެސް ދައްކަން ގޮވައިގެން ނުވާނެއެވެ. އަދި އެމީހުންގެ މަރުވި މޫނު ދެކެންވެސް އެރަށަށް އަަރައިގެން ނުވާނެއެވެ. ޒަމާނުއްސުރެ އޮތް ނަފުރަތު އަދިވެސް އޮންނަ ގދ އާއި ގއ ގެ ދެމެދުގައި ސުލްހައިގެ ފާލަން އަޅާކަށް އެމީހުން ބޭނުމެއް ނޫނެެވެ.

(މިއީ ރާއްޖޭގެ ރަށެއްގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. ބޭނުން ކޮށްފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ.)