ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ސިފައިންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި އިއްޔެ ބޭއްވި މި ރޯދަ ވީއްލުމަށް، ސިފައިންގެ އެންމެމަތީ ވެރިޔާ، ވަޑައިގެންނެވުމުން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންކަމަށެވެ.

މީގެ އިތުރުން، ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންނެވި މި ރޯދަ ވީއްލުމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދާއި ސިފައިންގެ ސީނިއަރ އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި އެންލިސްޓެޑް ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންމެ ރަމަޟާން މަހެއްގައި ވެސް އެމަނިކުފާނު، ސިފައިންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.