އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" ކުރިން ދެއްކީ ކޮރަޕްޝަންގެ ވާހަކަ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

"ފިކުރެއްގެ ދިރުން މިއޮތްހާ ދުވަހު އަޑުހަރުކޮށް ދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ. ހަގީގަތެއްނެތް އެތައް ތުހުމަތު ރުޅިއަންނަ މީހުންގެ ބޮލުގައި އަޅުވާ. މާ ނަޒާހަތްތެރިބައެއް ކަމަށް އަމިއްލައަށް ދައުވާކުރޭ،" ޝަރީފް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ވެރިކަން ބޭނުންވީމާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ކޯލިޝަން ހެދުން ވެސް "އޯކޭ" ކަމަށް ވިދާޅުވެފައިވެއެވެ.

ޝަރީފް އެހެން ވިދާޅުވީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ޖުމްހޫރީޕާޓީން މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމުންނެވެ. އެޕާޓީގެ އިސްވެރިއަކީ އަހުމަދު އަދީބެވެ. އެމްޓީޑީން ވަނީ އެ ހުށަހެޅުމާމެދު މަޝްވަރާ ކުރަން ނިންމައިފައެވެ.

ޖުމްހޫރީ ޕާޓީ އާއެކު މަޝްވަރާކުރަން އެމްޓީޑީގެ ފަރާތުން ހަމަޖައްސާފައިވާ ޓީމުގައި ހިމެނެނީ ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒާއި، ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފާއި، ލީގަލް އެޑްވައިޒަރު އަލްއުސްތާޛު މުޙައްމަދު ހަލީމެވެ. ޓީމުގެ ވެރިއަކީ ރަޝީދު ނާފިޒެވެ.